ޕްރީމިއަރ ލީގު: ސިޓީ ފުރަތަމަ ފަހަރަށް މި ސީޒަނުގައި ބަލިވެއްޖެ؛ ސިޓީއާއި އާސެނަލް ޕޮއިންޓުން އެއްވަރު

24 އޮކްޓޯބަރ 2026 - ޕްރީމިއަރ ލީގުގައި މިއަދު ކުޅުނު މެޗުތަކުގެ ތެރެއިން، އެސްޓަންވިލާގެ ވިލާ ޕާކު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މެންޗެސްޓަރ ސިޓީ 2-1 އިން އެސްޓަންވިލާ އަތުން ބަލިވެއްޖެ އެވެ. މި ސީޒަނުގައި ސިޓީ ބަލިވީ މިއީ ފުރަތަމަ ފަހަރަށެވެ.

މެޗުގެ ފުރަތަމަ ގޯލް 6 ވަނަ މިނެޓުގައި ކާމިޔާބުކުރީ އެސްޓަންވިލާ އިންނެވެ. ދެވަނަ ހާފްގެ 52 ވަނަ މިނެޓުގައި ސިޓީން ގޯލެއްޖަހައި އެއްވަރުކުރިއެވެ. ނަމަވެސް 60 ވަނަ މިނެޓުގައި ވިލާ އިތުރު ގޯލެއް ޖަހާ ކުރިއަށް ދިޔައެވެ. ސިޓީން މެޗުގައި ބޯޅަ ހިފެހެއްޓައިގެން ގިނަ އިރު ކުޅެ 63 އިންސައްތަ ބޯލް ޕޮޒެޝަން ހިފެހެއްޓިއެވެ. އަދި ގޯލަށް 15 ޝޮޓު ޖަހައި، އޭގެ 7 ޝޮޓު ގޯލާއި އަމާޒުކުރިއެވެ. ނަމަވެސް ވިލާގެ ވަރުގަދަ ޑިފެންސް ލައިނާއި އަދި ގޯލްކީޕަރު ކުރި މުހިންމު ސޭވުތަކުން ސިޓީއަށް އިތުރު ގޯލެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.

ޕްރިމިއަރލީގުގެ އެހެން މުހިންމު މެޗްތަކަށް ބަލާލާއިރު ސިޓީއާއި އެންމެ ކައިރިން ވާދަކުރަމުން އައި އާސެނަލް އެމިރޭޓްސް ސްޓޭޑިއަމްގައި އެވަރޓަން އަތުން 2-0 އިން މޮޅުވެ، ލީގުގައި ސިޓީއާއި ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައިވެއެވެ. އާސެނަލް އާއި މެންޗެސްޓަރ ސިޓީ ދެ ޓީމުވެސް 8 މެޗު ކުޅެ 7 މެޗުން މޮޅުވެ، 1 ބަލިވުމާއެކު 21 ޕޮއިންޓް ލިބި އެއްވަރުވެފަވެއެވެ. ޓޭބަލުގައި ސިޓީއަށް މިވަގުތު ފުރަތަމަ ލިބެނީ ގޯލް ޑިފެރެންސްގައި ކުރީގައި އޮތުމުންނެވެ.

ސިޓީ މިވަގުތު ބޮޑު މައްސަލައެއްގެ ތެރޭގައި

ޕްރިމިއަރލީގުގެ ފައިނޭންޝިއަލް ގަވާއިދުތަކާއި އެކިފަހަރު ޚިލާފުވެފައިވާތީއާއި، އޮޅުވާލުމާއި، މަކަރު ހެދުމުގެ ކަންކަން ސިޓީގެ މައްޗަށް މިވަނީ ސާބިތުވެފައެވެ. މިހާރު ޕްރިމިއާލީގުން ކުރިއަށް ގެންދަނީ ސިޓީއަށް ދޭނެ އަދަބަކާއި ގުޅޭ ކަންކަން ނިންމުމުގެ މަރުހަލާއެވެ. ބައެއް ރިޕޯޓުތަކުގައި ބުނާ ގޮތުގައި، ޕްރީމިއަރ ލީގުން ސިޓީއާ ދެކޮޅަށް ކުރި 115 ކުށުން 114 ކުށް ސިޓީ މައްޗަށް ސާބިތުވެފައިވާތީ ބޮޑެތި އަދަބުތައް އައުން އެކަށީގެންވެއެވެ. އެގޮތުން ވޭތުވެދިޔަ ބައެއް ސީޒަންތަކުގައި ސިޓީން ހޯދާފައިވާ ޕްރިމިއަރ ލީގް ޗެމްޕިއަންކަން ސިޓީ އަތުން އަތުލުން ހިމެނިދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.