ހުޅުމާލޭ ސަހަރާގައި ފެންބޮޑުވާތީ ވަގުތީގޮތުން މީހުން ވަޅުލުން މެދުކަނޑާލައިފި
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމަށް ކޮންނަ ވަޅުން ފެން އަރާތީ އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފިއެވެ. މާލެ ސަރަހައްދުގައި މީހުން ވަޅުލައި އުޅެނީ މާލޭ އާސަހަރާގެ އިތުރުން ހުޅުމާލޭގެ ސަހަރާގައެވެ.
މާލޭ އާސަހަރާގެ ކަންކަން ބަލަހައްޓަމުން އަންނަ މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ސަހަރާގައި ކޮންނަ ކަށްވަޅުން އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދު ފެން ބޮޑުވުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެހެންކަމުން މައްޔިތުން ވަޅުލުން މާލޭ ސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭ ދުވަސްވަރުގައި ހުޅުމާލޭ ސަހަރާއިން ވަޅުކޮންނައިރު ފެން ނުހިނދި ހުންނަކަންވަނީ މީގެކުރިންވެސް ފާހަގަ ކުރެވިފައެވެ.
މާލޭގެ އާސަހަރާ މިސްކިތް ތަރައްގީކުރުމަށް އެ ތަން ބަންދުކޮށްފައި އޮތް ދުވަސްވަރު، މާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން މީގެކުރިން ވަޅުލަމުން އައީ ހުޅުމާލެ ސަހަރާގައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ދުވަސްވަރެއް ކަމަށްވާއިރު، ބޯކޮށް ވާރޭވެހުމާ ގުޅިގެން މީގެ ކުރިން ވެސް މިފަދަ ބައްދަލުތައް ގެނެސްްފައިވެއެވެ.