News Featured

މައްކާގެ މިސްކިތެއްގައި "އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލެއް" ހިންގި ބަންގްލަދޭޝް ދެލޯބިވެރިއަކަށް ސަޢޫދީން މަރުގެ އަދަބު ދީފި

Advertisement
މައްކާގެ މިސްކިތެއްގައި "އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލެއް" ހިންގި ބަންގްލަދޭޝް ދެލޯބިވެރިއަކަށް ސަޢޫދީން މަރުގެ އަދަބު ދީފި
ތަފްޞީލް

މައްކާގެ މިސްކިތެއްގެ ތެރޭގައި "އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ޢަމަލެއް" ކަމަށް ސިފަކޮށްފައިވާ ޢަމަލެއް ހިންގިކަން ސާބިތުވުމާ ގުޅިގެން، ބަންގްލަދޭޝްގެ ދެ ރައްޔިތަކަށް ސަޢޫދީ ޢަރަބިއްޔާއިން މިދިޔަ ހަފްތާގެ ބުދަ ދުވަހު މަރުގެ އަދަބު ދީފިއެވެ.

ޖިއްދާގައި ހުންނަ ބަންގްލަދޭޝްގެ ކޮންސިއުލޭޓް ޖެނެރަލްއިން މަޢުލޫމާތުދޭ ގޮތުގައި، މި އަދަބު ތަންފީޒުކުރުމުގެ ކުރިން ސަޢޫދީން އެ ކޮންސިއުލޭޓަށް އަންގާފައެއް ނުވާކަމަށެވެ. އަދި މިކަމާ ގުޅިގެން ސަޢޫދީ ކަމާބެހޭ ފަރާތްތަކުގެ ފަރާތުން ރަސްމީކޮށް އެކަން ކަށަވަރުކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ. "މި އަދަބު ތަންފީޒުކުރުމުގެ ކުރިން މިނިސްޓްރީން ކޮންސިއުލޭޓަށް އަންގާފައެއް ނުވޭ،" މިޝަންގެ މަސްއޫލުވެރިއަކު ވަޓްސްއެޕް މެދުވެރިކޮށް 'ދަ ޑެއިލީ ސްޓާ' އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. ހަމައެއާއެކު "މިކަމާ ގުޅިގެން، ސަޢޫދީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް 'ވާބަލް ނޯޓް' އެއް ހުށަހަޅައި، މިކަން ރަސްމީކޮށް ކަށަވަރު ކޮށްދިނުމަށް ވާނީ އެދިފައި،" އެ އޮފިޝަލް ބުނެފައިވެެއެވެ.

ސަޢޫދީ މިނިސްޓްރީ އޮފް އިންޓީރިއާ އިން އޮކްޓޯބަރު 14 ގައި ނެރުނު ބަޔާނަކާއި، ދައުލަތުގެ މީޑިއާ ސަޢޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުގެ އަދަބު ދީފައިވާ ބަންގްލަދޭޝް ދެމީހުންނަކީ ނަޒީރުލް އިސްލާމް ޢަބްދުލް ބަސީރު އަދި ސިތީ އަޚުތަރު ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ސަޢޫދީ ސެކިއުރިޓީ ކަމާބެހޭ ފަރާތްތަކުން އެ ދެ މީހުން ހައްޔަރުކޮށް، ތަޙުޤީޤަށްފަހު އެ މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމަށާއި، އެއަށްފަހު އެ މައްސަލަ ކަމާބެހޭ ކޯޓަކަށް ހުށަހެޅި ކަމަށެވެ. އެއަށްފަހު ކޯޓުން ވަނީ އެ ދެމީހުންގެ މައްޗަށް ކުރެވުނު ތުހުމަތުތައް ޡާބިތުވާކަމަށް ނިންމައި، ކުށުގެ ނުރައްކާތެރިކަމާއި، އެ ކުށް ހިންގި ވަގުތާއި ތަނުގެ ޙުރުމަތް ކަނޑާލާފައިވާތީ، އިސްލާމީ ޝަރީޢަތުގެ ތަޢުޒީރީ ޢުޤޫބާތުގެ ދަށުން އެ ދެ މީހުން މެރުމަށް ޙުކުމް ކުރީ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. މި ޙުކުމް ކަމާބެހޭ މަތީ މަރުޙަލާގެ ކޯޓުތަކުން ތާޢީދުކުރުމުން ޙުކުމް ތަންފީޒުކުރުމަށް ރަސްމީ އަމުރެއް (ރޯޔަލް އޯޑަރެއް) ވަނީ ނެރެފައިވެއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ އޮކްޓޯބަރު 14 ވީ ދުވަހު މައްކާ ސަރަޙައްދުގައިކަން ހާމަވެފައިވެެއެެވެ.

ސަޢުދީގެ ރަސްމީ ބަޔާނުގައި އެ މީހުން ހިންގި ޢަމަލުގެ ތަފްޞީލެއް، އެކަން ހިންގި މިސްކިތެއް، ނުވަތަ އެ ދެ މީހުން ހައްޔަރުކުރެވުނު ތާރީޚެއް ސަޢުދީ އަރަބިއްޔާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް