ރަސްމާލެ ޕްރޮޖެކްޓްއިން ލަފާކުރެވޭ ޖީއެސްޓީ ރިސޯޓަކަށްވުރެ 8 ގުނަ އިތުރުވާނެ – މިނިސްޓަރ މުއްތަލިބު
24 އޮކްޓޯބަރ 2026 - އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މޯލްޑިވްސް އެކައުންޓިން ފޯރަމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ތެރެއިން ދައުލަތަށް ލިބޭ ޓީޖީއެސްޓީ، ރިސޯޓު ތަރައްގީ ކުރަން ދޫކުރާ ފަޅަކުން ލިބޭ ޓީޖީއެސްޓީއަށް ވުރެ 8 ގުނަ އިތުރުވާނެ ކަމަށެވެ.
އެގޮތުން އަހަރެއްގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުން 340 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ލިބޭނެ ކަމަށާއި، އެއީ ހެކްޓަރަކުން އަހަރަކު ގާތްގަނޑަކަށް 680،000 ޑޮލަރު ކަމަށެވެ. ދިހަ އަހަރުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެއާއި އަޅާބަލާއިރު، ރިސޯޓަކުން 99 އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދަކީ 75 އިން 316 މިލިއަން ޑޮލަރެވެ.

500 ހެކްޓަރުގެ ބިމުގައި 8،800 ޕްރޮޕަޓީ ތަރައްގީ ކުރާނެ އެވެ. ބިންތަކާއި އިމާރާތްތައް ވިއްކާނީ 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގައި މިހާރުވެސް ހިންގަމުން އަންނަ ވަން އައިލެންޑް ރިސޯޓް ކޮންސެޕްޓަށް އެއްވެސް އަސަރެއްނުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަސްމާލެއަކީ ރާއްޖޭގެ ޓޫރިޒަމް ޑައިވާސިފައި ކުރުމުގެ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ 500 ހެކްޓަރު ބިން ޔޫއޭއީގެ އީގަލް ހިލްސްއިން ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެވެ. ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫއު ތަރައްގީ ކުރާ މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު) ދައުލަތަށް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.