ބްރަސަލްސްއިން އައީ ސިޓީއެއް ނޫން، އިންޒާރެއް!
ޔޫރަޕުގެ ޓުއަރ އޮޕަރޭޓަރުން ތަމްސީލުކުރާ އެންމެ ބޮޑު ޖަމްޢިއްޔާއިން ދިވެހިރާއްޖޭގެ ސަފީރަށް ފޮނުވި މި ސިޓީ ކިޔާލުމުން، ސިޔާސީ ރުޅިވެރިކަމެއް ނުފެނެއެވެ. ޙަޤީޤަތުގައި މި ސިޓީ ލިޔެފައިވަނީ ވަރަށް އަދަބުވެރިކޮށެވެ. ދިވެހިރާއްޖޭގެ ޓެކްސް ސިޔާދަތަށް އިޙްތިރާމުކޮށެވެ. އެއިން ފެންނަނީ ސިޔާސީ ދުޝްމަނެއް ނޫނެވެ. ފެންނަނީ، އަޅުގަނޑުމެންގެ އެނދުތައް ވިއްކައިދޭ، އަޅުގަނޑުމެންގެ ޤައުމު ދުނިޔެއަށް އިޝްތިހާރުކޮށްދޭ، އަޅުގަނޑުމެންގެ ވިޔަފާރީގެ ބައިވެރިއެކެވެ. އަދި އެ ބައިވެރިޔާ ބުނަނީ ވަރަށް ސާފު އެއްޗެކެވެ: "ތިޔަ ކުރައްވާ ކަންތައް، ތިޔަ ކުރައްވާ ގޮތުން، އަޅުގަނޑުމެންނަށް ދިވެހިރާއްޖެ ވިއްކުން ދަތިވެއްޖެއެވެ."
ވިޔަފާރީގެ ބައިވެރިޔަކު އެފަދަ ސިޓީއެއް ލިޔަންޖެހުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ފަހު ފިޔަވަޅެވެ. އޭގެ ކުރިން ފޯނުކޯލުތަކާއި، އީމެއިލްތަކާއި، މަޝްވަރާތަކަށް އެދުންތައް ހިނގާނެއެވެ. ރަސްމީކޮށް، ސަފީރު މެދުވެރިކޮށް، ލިޔުމުން ކަންބޮޑުވުން ހުށަހަޅަން ފަށައިފިނަމަ، އެއީ އެހެން ހުރިހާ ދޮރެއް ބަންދުވެގެން ކުރާ ކަމެކެވެ. މިއަދު އަޅުގަނޑުމެން ސުވާލުކުރަންވީ، ބްރަސަލްސްގައި އެ ސިޓީ ލިޔުނު މީހާއަކާ ނޫނެވެ. މާލޭގައި މި ސިޔާސަތު ހެދި މީހުންނާއެވެ.
2026 އޮކްޓޯބަރު 1 ގައި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ މައްޗަށް ޖީއެސްޓީ ފުޅާކުރުމަކީ ވަކިން ބަލައިލާއިރު ހަމައެކަނި ޓެކްސް ސިޔާސަތެއްގެ ގޯހެއް ކަމަށް ހީވެދާނެއެވެ. އެކަމަކު އެއީ ގޯހެއް ނޫނެވެ. އެއީ ޢަލާމާތެކެވެ. ދައުލަތުގެ ޚަޒާނާ ހުސްވެއްޖެއެވެ. އަދި ޚަޒާނާ ހުސްވީ ފަތުރުވެރިކަން ދަށްވެގެންނެއް ނޫނެވެ. ޚަޒާނާ ހުސްވީ، މި ސަރުކާރުން ޚަރަދުކުރާ ގޮތުންނެވެ.
ފަސް ލައްކަ މީހުންގެ ޤައުމެއްގައި، ދުނިޔޭގެ ތާރީޚުގައި ނިސްބަތުން އެންމެ ބޮޑު ސަރުކާރު އެކުލަވާލައިފިއެވެ. ސިޔާސީ މަޤާމުތަކުގައި ހަތަރު ހާހަށްވުރެ ގިނަ މީހުންނެވެ. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ސިޔާސީގޮތުން ލެއްވި މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ވަޒީފާއަކީ ހެނދުނު ސޮއިކުރުމާއި ހަވީރު ސޮއިކުރުމެވެ. އެއިން ދައުލަތަށް އުފެދޭ އެއްވެސް އަގެއް ނެތެވެ.
އޭގެ މައްޗަށް، ބޭނުމެއް ނެތް އަސްކަރީ ސާމާނަށް ކުރާ ޚަރަދެވެ. ނިމުމެއް، ނަތީޖާއެއް ނެތް މަޝްރޫޢުތަކެވެ. އަދި މިހާ ބޮޑު ސަރުކާރެއްގެ ތެރެއިން، ބަޔާންކުރަން ދަތި މިންވަރަކަށް ހިނގާ ކޮރަޕްޝަނެވެ. ސަރުކާރު ބޮޑުވުމުން ކޮރަޕްޝަން ބޮޑުވެއެވެ. ކޮންމެ އައު މަޤާމަކީ އައު ބާރެކެވެ. ކޮންމެ އައު ބާރަކީ ވިއްކޭނެ އެއްޗެކެވެ. މިއީ އިޤްތިޞާދީ ސިޔާސަތެއް ނޫނެވެ. މިއީ ސިޔާސީ ވަފާތެރިކަން ގަތުމަށް ދައުލަތުގެ ޚަޒާނާ ބޭނުންކުރުމެވެ.
- ފޫވަތް ބައްދަން މާރކެޓުތައް ބިރުގަންނަވަނީއެވެ.
އެ ފޫވަތް ބޮޑުވުމުން، އެ ފޫވަޅު ބައްދާނެ ފައިސާއެއް ނެތުމުން، ސަރުކާރު ދަނީ އެންމެ ފަސޭހަ ދިމާލަށެވެ. ޚަރަދު ކުޑަކުރުމުގެ ބަދަލުގައި، ޓެކްސް ބޮޑުކުރުމަށެވެ. އަމިއްލަ ފަރާތްތަކުގެ ބުރަ ލުއިކުރުމުގެ ބަދަލުގައި، ބުރަ ބޮޑުކުރުމަށެވެ. އަދި މިފަހަރު، ބުރަ އެޅުވީ އަޅުގަނޑުމެންގެ އަތުގައި ނުހިފޭ ބައެއްގެ މައްޗަށެވެ. އަޅުގަނޑުމެންގެ ޤައުމު ވިއްކައިދޭ ބޭރުގެ ވިޔަފާރިވެރިންގެ މައްޗަށެވެ.
ސަރުކާރުން ދޭ ޖަވާބަކީ، "މިއީ ބޭރު މީހުންގެ ޓެކުހެކެވެ. ދިވެހިންގެ އަތުން ނަގާ އެއްޗެއް ނޫނެވެ" މިއެވެ. މިއީ ބޮޑު އޮޅުވާލުމެކެވެ. އެއްވެސް ޓެކުހެއް ހަމަ ޖެހުނު ތަނަކު ނުހުންނާނެ އެވެ. ބޭރުގެ ޓުއަރ އޮޕަރޭޓަރެއްގެ މާޖިން ކުޑަވުމުން، އޭނާ ދެ ކަމަކުން އެއް ކަމެއް ކުރާނެއެވެ. ނުވަތަ ދިވެހި ރިސޯޓުގެ އަގުން ދަމައި ގަންނާނެއެވެ. ނުވަތަ ދިވެހިރާއްޖެ ދޫކޮށްލާފައި، ސީޝެލްސް، މޮރިޝަސް، ޒަންޒިބާރު، ޕުކެޓު ނުވަތަ ބާލީއަށް ދާނެއެވެ. ދެގޮތުންވެސް ގެއްލުން ލިބޭނީ ދިވެއްސަކަށެވެ. ރިސޯޓު މުވައްޒަފަކަށެވެ. ލޯންޗު ދުއްވާ ކުއްޖަކަށެވެ. ގެސްޓްހައުސް ހިންގާ ޢާއިލާ އަކަށެވެ.
އަދި އެންމެ ބޮޑަށް ގެއްލުން ލިބޭނީ ކުދި އޮޕަރޭޓަރުން ނަށެވެ. ދިވެހިރާއްޖެއަށް އަހަރަކު ދިހަ ވިއްސަކަށް ޕެކޭޖް ވިއްކާ ޔޫރަޕުގެ ކުޑަ އޭޖެންސީއަކުން، އެ ވިޔަފާރި އަށްޓަކައި ބޭރު ޤައުމެއްގައި ޓެކްސް ރަޖިސްޓްރީކޮށް، ބަޔާން ހުށަހަޅައި، ފައިސާ ފޮނުވުމުގެ ޚަރަދާއި އުނދަގޫ އުފުލާނެ ހެއްޔެވެ؟ ނުއުފުލާނެއެވެ. އެ އޭޖެންސީ ދިވެހިރާއްޖެ ދޫކޮށްލާނެއެވެ. މިއަދު ދިހަ ޕެކޭޖެވެ. މާދަމާ ސުމެކެވެ. އަދި އެ ކުދި އޭޖެންސީތައް އެތައް ސަތޭކައެކެވެ.
- ދިވެހިރާއްޖެ ދުނިޔެއަށް ވިއްކީ ސަރުކާރަކުން ނޫނެވެ. ވިއްކީ މި މީހުންނެވެ.
މީގެ ފަނަރަ ވިހި އަހަރު ކުރިން، ދިވެހިރާއްޖެއާ ވާދަކުރެވޭ ފެންވަރުގެ މަންޒިލްތައް މަދެވެ. މިއަދު އެހެނެއް ނޫނެވެ. ވޯޓަރ ވިލާ މިއަދު ހުރީ ދުނިޔޭގެ އެތައް ތަނެއްގައެވެ. ސީޝެލްސް، މޮރިޝަސް، ޒަންޒިބާރު، އިންޑޮނޭޝިއާ، ފިލިޕީންސް، ވިއެޓްނާމް، ތައިލެންޑް، މި ހުރިހާ ތަނަކުން އަޅުގަނޑުމެންގެ ކަސްޓަމަރުންނާ ދިމާލަށް އަތް ދިއްކުރެއެވެ. ބައެއް ތަންތަނުން އަޅުގަނޑު މެންނަށްވުރެ ހެޔޮ އަގުގައެވެ. ބައެއް ތަންތަނުން ފްލައިޓު ފަސޭހަކޮށެވެ.
މިފަދަ ބާޒާރެއްގައި، އަޅުގަނޑުމެންގެ ހަމައެކަނި ދިފާޢަކީ ޔަޤީންކަމެވެ. ދިވެހިރާއްޖެއަކީ ޤަވާޢިދު ސާފު، ބަދަލު ދުރާލާ އެނގޭ، ވިޔަފާރިކުރަން ފަސޭހަ މަންޒިލެއް ކަމުގެ ޔަޤީންކަމެވެ. އެ ޔަޤީންކަން ބިނާކުރަން އެތައް ޢުމުރެއް ނަގައެވެ. ރޫޅާލަން ނަގަނީ އެންމެ ސަރކިއުލަރއެކެވެ.
ތިން ހަފުތާގެ ނޯޓިސްދީފައި، ޤަވާޢިދެއް ނެތި، އިރުޝާދެއް ނެތި، ލިމިޓެއް ނެތި، އިންތިޤާލީ އިންތިޒާމެއް ނެތި، މުޅި ބައިނަލްއަޤްވާމީ ޑިސްޓްރިބިއުޝަން ޗެނަލްގެ މައްޗަށް ޓެކުހެއް އެޅުވުމުން، ބާޒާރަށް ފޮނުވޭ މެސެޖަކީ ޓެކުހުގެ މެސެޖެއް ނޫނެވެ. ފޮނުވޭ މެސެޖަކީ: "މި ޤައުމުގައި ދެން ކޮންމެ ފަދަ ކަމެއްވެސް، ކޮންމެ ވަގުތެއްގައިވެސް ވެދާނެއެވެ." ވިޔަފާރިއަކުން އެންމެ ބިރުގަންނަނީ ޓެކުހަކަށް ނޫނެވެ. ނޭނގުމަށެވެ. މިއަދު ދާ ފައިސާއަށްވުރެ ބޮޑު ގެއްލުމަކީ، ދާ އިތުބާރެވެ. ފައިސާ އަނބުރާ ހޯދިދާނެއެވެ. އިތުބާރު އަނބުރާ ހޯދަން އެތައް އަހަރެއް ނަގާނެއެވެ.
މި ސަރުކާރު ފެށުނުއިރު އަޅުގަނޑަކީ ނައިބު ވަޒީރެކެވެ. އަޅުގަނޑު އެ މަޤާމު ދޫކޮށްލީ، މިކަން މިހެން ވެގެންދާނެކަން ފެނުމުންނެވެ. ޤައުމުގެ ޚަޒާނާ ސިޔާސީ އަގެއްގެ ގޮތުގައި ބަހަމުންދާތަން ފެނުމުންނެވެ. ޤާބިލުކަމަށްވުރެ ވަފާތެރިކަމަށް އިސްކަންދޭތަން ފެނުމުންނެވެ. އަދި އެފަދަ ބަޔަކާއެކު ދެމިހުރުމަކީ އެކަމުގައި ބައިވެރިވުން ކަމަށް ފެނުމުންނެވެ.
އޭރު އަޅުގަނޑު ދެއްކި ވާހަކަ މިއަދު ބްރަސަލްސްއިން ލިޔެފައި މި އޮތީއެވެ. ދިވެހި ބަހަކުން ނޫނެވެ. އިނގިރޭސިބަހުންނެވެ. ސިޔާސީ ބަހަކުން ނޫނެވެ. ވިޔަފާރީގެ ބަހުންނެވެ. ސިޔާސީ ވާދަވެރިއެއްގެ ފަރާތުން ނޫނެވެ. އަޅުގަނޑުމެންގެ ރިސޯޓުތަކުގެ އެނދު ފުރައިދޭ ބައިވެރިޔާގެ ފަރާތުންނެވެ. ސިޔާސީ ފާޑުކިޔުމަށް ބީރު ކަންފަތެއް ދެވިދާނެއެވެ. ބާޒާރަށް ބީރު ކަންފަތެއް ދެވިދާނެއެވެ. އެކަމަކު ބާޒާރު ދިޔުމުން، އެ ބާޒާރު އަނބުރާ ގެންނާނީ ކިހިނެއް ހެއްޔެވެ؟
ދިވެހިރާއްޖެއަކީ ތެޔޮ އޮތް ޤައުމެއް ނޫނެވެ. މަޢުދަން އޮތް ޤައުމެއް ނޫނެވެ. ބިން ފުޅާ ޤައުމެއް ނޫނެވެ. އަޅުގަނޑުމެންގެ އަތުގައި އޮތީ ދޮންވެލި، ފަޅު، މޫދު، ރީތި ނަން އަދި ދުނިޔެއަށް އެ އެއްޗެހި ވިއްކައިދޭ ބައިވެރިންގެ އިތުބާރެވެ. އޭގެ ތެރެއިން އެންމެ ފަސޭހައިން ގެއްލޭނީ އިތުބާރެވެ. އިހުމާލުގެ އަގަކީ، އިހުމާލުވި މީހުން ދައްކާ އަގެއް ނޫނެވެ. އެ އަގު ދައްކާނީ ދިވެހި ރައްޔިތުންނެވެ. އަދި ދައްކާނީ މިއަދަކު ނޫނެވެ. ދައްކާނީ އެތައް އަހަރެއް ވަންދެންނެވެ. ސަރުކާރު ބޮޑުކުރުމަކުން ޤައުމު ބޮޑެއް ނުވެއެވެ. ޤައުމު ބޮޑުވަނީ އިޤްތިޞާދު ބޮޑުވުމުންނެވެ. އަދި މިއަދު، މި ސަރުކާރުގެ ސަބަބުން، އަޅުގަނޑުމެންގެ އިޤްތިޞާދު ދަނީ ކުޑަވަމުންނެވެ.
މިއަދު މިކަން ނުހުއްޓުވައިފިނަމަ، މާދަމާ ހުއްޓުވާނެ އެއްޗެއް ނޯންނާނެއެވެ.
ނޯޓް: މި ލިޔުމަކީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެވި ޒިހާން ޙަސަން ފޭސްބްކްގައި ލިޔުއްވާފައިވާ ލިޔުމެއް، އެފަރާތުގެ ރުހުމާއެކު މި ނޫހުގައި މައުލޫމަތުގެ ގޮތުގައި ޝާއިޢު ކުރީއެވެ.
