މިއަހަރު މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބަހުސް މުބާރާތެއް ބާއްވަނީ
މި އަހަރުގެ މަސްވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވަން ހަމަޖެހިފައިވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މުބާރާތް ބާއްވަނީ ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން ކަމަށެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު 3-7 އަށެވެ.
މި މުބާރާތް ކުރިއަށް ގެންދާނީ "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިއާރުގެ ދަށުންނެވެ.
ބަހުސް މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިން ފޯމު ފުރިހަމަކުރުމަށް ފަހު، ހުށަހަޅަންޖެހޭ ތަކެއްޗާއެކު އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ.
މުބާރާތުގެ ގަވާއިދު އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު 3339223 އަދި 3339272 އިން ހޯދޭނެ އެވެ.
މަސްވެރިންގެ ދުވަހުގެ ގޮތުގައު ފާހަގަ ކުރަނީ ޑިސެންބަރު 10 އެވެ. މި އަހަރު ފާހަގަ ކުރާނީ 46 ވަނަ މަސްވެރިންގެ ދުވަހެވެ.
