ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި!
ދިވެހިރާއްޖޭގެ 38 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނަޞްރުގެ ބިނާ ސަރަޙައްދުގައި މިއަދު ހެނދުނު ބޭއްވި ދިދަނެގުމާއި ގާޑު ބަދަލުކުރުމުގެ ޚާއްޞަ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ނޮވެމްބަރު 3، 1988 ގައި ދިވެހިރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއިން ޤައުމު ދިފާޢުކުރި ފަހުލަވާނުންގެ ޒިކުރާ އާކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ދިފާޢީ ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި އިހުތިފާލުގެ ތެރެއިން ނަޞްރުގެ ބިނާގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަގައި، ސިފައިންގެ ގާޑު ބަދަލުކުރުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށްދިއައެވެ. އަދި ނަޞްރުގެ ދުވަހުގެ ޖިހާދުގައި ޝަހީދުވި ޢަސްކަރީ ސިފައިންނާއި ޢާންމު ރައްޔިތުންގެ ހަނދާނުގައި ޚާއްޞަ ދުޢާއެއް ކުރުމުގެ އިތުރުން ސިފައިންގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ ޢިއްޒަތްތެރިންގެ އިތުރުން ސިފައިންގެ މަތީ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
