އީތިއޯޕިއާގައި ހިނގަމުންދާ ހަމަލާތަކާހެދި ޞިއްޙީ ނިޒާމު އިތުރަށް ދަތިވެއްޖެ: ޑަބްލިއުއެޗްއޯ
އީތިއޯޕިއާގެ އުތުރުގެ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމައާއި ވައިގެ މަގުން ދެމުންގެންދާ ޑްރޯން ހަމަލާތަކުގެ ސަބަބުން، އެ ސަރަޙައްދުގެ ޞިއްޙީ ނިޒާމު އެއްކޮށް ހުއްޓުމަކާ ގާތަށް ގޮސްފައިވާ ކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަހަނޮމް ގެބްރެޔޭސުސް ވިދާޅުވީ، ދާދިފަހުން ދިން ހަމަލާތަކުގައި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ . މިގޮތުން އަމްހާރާ ސަރަޙައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ "ޖާރީ 2" ކޭމްޕަށް ދިން ހަމަލާގައި ކުޑަކުދިންނާއި އަލަށް އުފަންވި ތުއްތު ކުއްޖަކު މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި، ޓިގްރޭގެ ރާމާ އަވަށުގައި ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ބަޔަކަށް ދިން ހަމަލާތަކެއްގައިވެސް ޢާންމުން މަރުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަލާތަކާއި ސަލާމަތީ ނުރައްކާތައް އިތުރުވުމުގެ ސަބަބުން، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ޒަރޫރީ ބޭހާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. އުތުރުގެ ސަރަޙައްދުތަކުގެ ހޮސްޕިޓަލްތަކުން ޑޮކްޓަރުންނާއި ނަރުހުން ފަދަ ޞިއްޙީ މުވައްޒަފުންނާއި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އާލާތްތައް ވަރަށް ބޮޑަށް މަދުވެފައިވާއިރު، އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ވަނީ ނުކުޅެދިފައެވެ. މީގެ އިތުރުން، އަމާންކަން ނެތުމުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކަށް އެހީގެ ސާމާނު ގެންދިއުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ .
އީތިއޯޕިއާގައި އަލުން ހަމަނުޖެހުންތައް ބޮޑުވެގެން ގޮސްފައިވަނީ، 2022 ވަނަ އަހަރު ޕްރިޓޯރިއާގައި ވެވުނު ޞުލްޙައިގެ އެއްބަސްވުމަށް ފަހު، މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޓިގްރޭ، އަމްހާރާ އަދި އަފާރު ސަރަޙައްދުގައި ހަނގުރާމަ އަލުން ފެށުމާ ގުޅިގެންނެވެ.
މި ހާލަތާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ޢާންމުންނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ބާރުއަޅުއްވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ، މިވަގުތު އީތިއޯޕިއާގެ ރައްޔިތުންނަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއަކީ އަދި ޞިއްޙަތު ސަލާމަތްކުރުމަށް އެންމެ މުހިންމު ކަމަކީ "ޞުލްޙަ މަސަލަސްކަން" ޤާއިމުކުރުން ކަމަށެވެ.