ބަންގްލާދޭޝްގައި މުސާރަ އިތުރުކުރުމަށް މުވައްޒަފުން އިހުތިޖާޖުކުރުމާއެކު 679 ފެކްޓަރީގެ މަސައްކަތް ހުއްޓާލައިފި
ޑާކާ (2 ނޮވެމްބަރު 2026): ބަންގްލާދޭޝްގެ ހެދުން ފަހާ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ (މިނިމަމް ވޭޖް) ބޮޑުކުރުމަށް އެދި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، މަސައްކަތްތެރިންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ގާތްގަނޑަކަށް 679 ފެކްޓަރީގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލަން މަޖުބޫރުވެއްޖެއެވެ. މިއާއެކު އެ ސަރަޙައްދުތަކުގެ ގާތްގަނޑަކަށް 1.68 މިލިއަން މަސައްކަތްތެރިން ވަނީ ގެއަށް ފޮނުވާލާފައެވެ.
މަސައްކަތްތެރިން މަގުތަކަށް ނުކުމެ ޑިމާންޑް ކުރަމުންދަނީ މިހާރު ލިބޭ މަހު މުސާރަ ކަމަށްވާ 12,500 ޓާކާ (ގާތްގަނޑަކަށް 101 ޑޮލަރު)، 30,000 ޓާކާ (ގާތްގަނޑަކަށް 242 ޑޮލަރު) އަށް ބޮޑުކޮށްދިނުމަށެވެ . މަސައްކަތްތެރިން ބުނާ ގޮތުގައި އިންފްލޭޝަން އިންތިހާއަށް މައްޗަށް ގޮސް، ޒަރޫރީ މުދަލާއި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން މިހާރު ލިބޭ އާމްދަނީން ދެކޮޅުނުޖެހެއެވެ. މީގެ އިތުރުން މުޒާހަރާކުރާ މަސައްކަތްތެރިން "ބްލެކްލިސްޓް" ކުރުން ހުއްޓާލުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުން އަލުން އަނބުރާ ވަޒީފާއަށް ނެރުމަށްވެސް އެމީހުން ދަނީ ގޮވާލަމުންނެވެ .
މުޒާހަރާތައް އެންމެ ބޮޑަށް ހޫނުވެފައިވަނީ ގާޒީޕޫރު، އަޝޫލިއާ، ސަވާރު، މައިމެންސިންގ އަދި ވެރިރަށް ޑާކާގެ މިރްޕޫރުގައެވެ . ބަންގްލާދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (ބީޖީއެމްއީއޭ) އިން ހާމަކުރި ގޮތުގައި ގާޒީޕޫރާއި މައިމެންސިންގ ސަރަޙައްދުން އެކަނިވެސް 382 ފެކްޓަރީ، އަދި ސަވާރާއި އަޝޫލިއާ ހިމެނޭ ސަރަޙައްދުން 223 ފެކްޓަރީ ވަނީ ބަންދުކުރަން ޖެހިފައެވެ .
މުޒާހަރާގެ ބައިވެރިން ވަނީ ޑާކާ-ޓަންގާއިލް އަދި ޑާކާ-މައިމެންސިންގ ފަދަ މައި ހައިވޭތައް ބަންދުކޮށް، ގޮނޑުތަކުގައި އަލިފާން ރޯކޮށް، އެތައް ފެކްޓަރީއަކަށް ގާ އުކައި ގެއްލުން ދީފައެވެ . އަދި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ވަނީ ކަރުނަގޭހާއި އަޑުގަދަ ގޮވާތަކެތި (ސައުންޑް ގްރެނޭޑް) ބޭނުންކޮށްފައެވެ . ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ސަރުކާރުން ވަނީ ބޯޑަރ ގާޑް ބަންގްލާދޭޝް (ބީޖީބީ) ގެ 10 ޕްލެޓޫންގެ ސިފައިން މައި ސިނާޢީ ސަރަޙައްދުތަކަށް ނެރެފައެވެ.
މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، ބަންގްލާދޭޝްގެ މިނިސްޓްރީ އޮފް ލޭބަރ އެންޑް އެމްޕްލޮއިމަންޓުން ވަނީ ހަ މެންބަރުންގެ މައްޗަށް އެކުލެވޭ "މިނިމަމް ވޭޖް ބޯޑު" އެކުލަވާލައި، މުސާރައިގެ އޮނިގަނޑު މުރާޖަޢާކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާ އޮނިގަނޑު ތަންފީޒުކުރުމަށް އަމާޒު ހިފާފައިވާއިރު، މަސައްކަތްތެރިން ޞުލްޙަވެރިކަމާއެކު ވަޒީފާއަށް ނުކުތުމަށް މަސައްކަތްތެރިންގެ މަންދޫބުން ވަނީ އިލްތިމާސްކޮށްފައެވެ.
ބަންގްލާދޭޝްގެ ތައްޔާރީ ހެދުން އުފައްދާ ސިނާޢަތަކީ ޤައުމުގެ އެކްސްޕޯޓް އާމްދަނީގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް ޙިއްޞާކުރާ އަދި ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ މައި ސިނާޢަތެވެ. އަދި އެޗް އެންޑް އެމް، ޒާރާ އަދި ވޯލްމާޓް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް މުދާ ސަޕްލައިކުރަނީ މި ފެކްޓަރީތަކުންނެވެ. ނަމަވެސް މިފަދަ ހަޅުތާލުތަކާއި ކުރިމަތިލުންތަކުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެ، ބޭރު ޤައުމުތަކަށް މުދާ ފޮނުވުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކުރަމުންދެއެވެ.