މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ބޯޑު އެކުލަވާލައި، ޗެއަރޕާސަނަކަށް ޑރ. ޢަބްދުﷲ ޢަޒީޒު ހަމަޖައްސަވައިފި!
ސަރުކާރުގެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޓާޝަރީ ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައްވައި، އަލަށް އުފެއްދެވި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ މެނޭޖިންގ ބޯޑު އެކުލަވާލައި، އެ ބޯޑުގެ ޗެއަރޕާސަނަކަށް ޑރ. ޢަބްދުލް ޢަޒީޒް ޔޫސުފް (ޑރ. ޢަޒީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މިއަދު އާންމުކުރި ބޯޑު އެކުލަވާލުމުގެ ނިންމެވުމާއެކު، ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތައް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލް ހިންގުން ދެން ކުރިއަށްދާނީ މި އަލަށް އުފެއްދެވި ބޯޑުގެ ދަށުންނެވެ.

މީޑިއާތަކަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ބަދަލަކީ ސިއްޙީ ދާއިރާގެ ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން އިދާރީ ގޮތުން ގުޅުވާލައި، ޚިދުމަތުގެ ފެންވަރު އަވަސްކޮށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރައިގެންދާ ނިސްބަތް ކުޑަކުރުމުގެ މަޤްޞަދުގައި ގެނެވުނު އިޞްލާޙީ ބަދަލެކެވެ.
ސިއްޙީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރު ޑރ. ޢަޒީޒު ޗެއަރމަންކަމަށް އައްޔަންކުރެއްވިއިރު، ބޯޑުގައި ސިއްޙީ ދާއިރާގެ އިތުރު ފަނިއްޔާތެރިންނާއި އިދާރީ މާހިރުން ހިމެނިވަޑައިގަންނަވައެވެ.
