އޭއައި އަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކުން ދުނިޔޭގެ މާލީ މާކެޓްތަކަށް ބޮޑު އަނިޔާއެއް ވެދާނެކަމަށް މާހިރުން އިންޒާރުދެއްވައިފި
ދުނިޔޭގެ މާލީ މާކެޓްތައް ހަނގުރާމަތަކާއި، ޤައުމުތަކުގެ ބޮޑެތި ދަރަނިތަކާއި އަދި ވިޔަފާރީގެ ނުތަނަވަސްކަމުގެ ސަބަބުން ކުރިންވެސް ނާޒުކު ފައްތަރެއްގައި އޮތްއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ކުރެވޭ ބިޔަ އިންވެސްޓްމަންޓްތަކުގެ ސަބަބުން މި މާކެޓްތައް އިނދަޖެހިދާނެ ކަމުގެ އިންޒާރު މާލީ އަދި އިޤްތިޞާދީ މާހިރުން ދެއްވައިފިއެވެ.
ރޮއިޓަރސްއިން ނޮވެމްބަރު 3 ގައި ޝާއިޢުކުރި ތަޙުލީލީ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި މާލީ ބާޒާރުތަކަށް އެންމެ ބޮޑު އުންމީދެއް ގެނެސްދިން ދާއިރާއަކީ އޭއައި ނަމަވެސް، އެ ދާއިރާއަށް ކުރެވޭ އިންތިހާ ބޮޑެތި ޚަރަދުތަކާ އެއްވަރުގެ މާލީ ފައިދާއެއް އަވަސް މުއްދަތެއްގައި ނުލިބިދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ . މި ކަންބޮޑުވުންތަކާ ގުޅިގެން، ޓެކްނޮލޮޖީ ކުންފުނިތައް ހިމެނޭ ނަސްޑެކް 100 (Nasdaq 100) އިންޑެކްސްގެ މާކެޓް ވެލިއުއިން އޮކްޓޯބަރު މަހުގެ ތެރޭގައި އެކަނިވެސް 2 ޓްރިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ވަނީ ގެއްލިގެން ގޮސްފައެވެ.
މާހިރުން އެންމެ ބޮޑަށް ކަންބޮޑުވަނީ އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން (ހައިޕަރސްކޭލާސް) އޭއައި އިންފްރާސްޓްރަކްޗަރާއި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ކުރަމުންދާ ކެޕިޓަލް ޚަރަދުތައް (ކެޕެކްސް) ދަރަންޏަށް ބަރޯސާވެގެން ކުރަން ފެށުމުންނެވެ . ޑެންމާކުގެ ޑަންސްކޭ ބޭންކުގެ އަންދާޒާތައް ދައްކާ ގޮތުގައި، އެމެރިކާގެ އެންމެ ބޮޑު ހައެއްކަ ޓެކް ކުންފުނިން މިއަހަރު އޭއައި ދާއިރާއަށް 900 ބިލިއަން ޑޮލަރު ޚަރަދުކުރާއިރު، އަންނަ 2027 ވަނަ އަހަރު މި ޚަރަދު 1.2 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ . މިއީ ޔޫރަޕުގެ ހުރިހާ ކުންފުނިތަކުން ޖުމްލަކޮށް ކުރާ ކެޕިޓަލް އިންވެސްޓްމަންޓާ އެއްވަރުގެ ބޮޑު އަދަދެކެވެ. ޓެކް ކުންފުނިތަކުން މި ބިޔަ ޚަރަދުތައް ފޫބެއްދުމަށްޓަކައި އެމެރިކާގެ އިތުރުން ޔޫރަޕުގެ ބޮންޑް މާކެޓްތަކަށް ވަދެ ދަރަންޏަށް ފައިސާ ނަގަމުންދިއުމަކީ އެހެން ވިޔަފާރިތަކަށް ލޯނު ލިބުމުގެ ފުރުޞަތު ހަނިވެ، އިންޓްރެސްޓް ރޭޓްތައް މައްޗަށް ދިއުމަށް މަގުފަހިވާނެ ކަމެކެވެ.
މިފަދަ ނުރައްކަލެއް ކުރިމަތިވެފައި މިވަނީ، ދުނިޔޭގެ ޖުމްލަ ދަރަނި ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ . އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ފައިނޭންސް (އައިއައިއެފް) ގެ ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ ޖުމްލަ ދަރަނި މިހާރު ވަނީ 350 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ . މިއީ ދުނިޔޭގެ ޖުމްލަ އިޤްތިޞާދީ އުފެއްދުންތެރިކަމަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑު އަދަދެކެވެ . އެމެރިކާގެ އެފްޑީއައިސީގެ ކުރީގެ ވެރިޔާ ޝީލާ ބެއަރ ފަދަ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި، ދަރަންޏަށް ބަރޯސާވެގެން އުފެދިފައިވާ މި އޭއައި ބޮކި (ބަބްލް) ފަޅައިގެން ގޮސް މާކެޓް ކުއްލިއަކަށް ވެއްޓިއްޖެނަމަ، ދަރަނި ބޮޑުވެފައިވާ ސަރުކާރުތަކަށް އިޤްތިޞާދު ސަލާމަތްކުރުމަށް މާލީ ގޮތުން އެހީތެރިވެދެވޭނެ އެކަށީގެންވާ ޤާބިލުކަމެއް ނުހުންނާނެއެވެ.
އޭއައި އަކީ މުސްތަޤުބަލުގައި ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ޓެކްނޮލޮޖީއެއް ކަމަށް ޤަބޫލުކުރެވުނު ނަމަވެސް، އޭގެ ވިޔަފާރީގެ ޙަޤީޤީ ފައިދާ ފެންނަން ދިގު މުއްދަތެއް ނަގާނެ ކަމަށް މާހިރުން ދެކެއެވެ . އެހެންކަމުން، މިހާރު މާކެޓުގައި އުފެދިފައިވާ މާބޮޑު އުއްމީދުތަކާ އެއްވަރަށް އާމްދަނީ ނުލިބިއްޖެނަމަ، އެއިން ކުރާ ނޭދެވޭ އަސަރު ހަމައެކަނި ޓެކްނޮލޮޖީ ދާއިރާއަށް ނޫން ކަމަށާއި، މުޅި ދުނިޔޭގެ މާލީ ނިޒާމު ހުއްޓުމަކަށް ގެނައުމުގެ ނުރައްކާ އޮތް ކަމަށް އިޤްތިޞާދީ މުޙައްލިލުން އިންޒާރުދެއެވެ .

