ފާއިތުވި ސަރުކާރަށް ވުރެ 80 އިންސައްތަ އިތުރަށް މި ސަރުކާރުން ބޭންކުތަކަށް ޑޮލަރު ދޫކޮށްފި: މިނިސްޓަރު ސައީދު
ނިމިދިޔަ އެމްޑީޕީގެ ސަރުކާރާ އަޅާބަލާއިރު މިހާރުގެ ސަރުކާރުން ބޭންކިން ނިޒާމު މެދުވެރިކޮށް ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ އަދަދު 80 އިންސައްތައަށް ވުރެ އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ގައުމަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ޒަރޫރީ ބޭނުންތަކަށާއި މުދާ އެތެރެކުރުމަށް ބޭންކުތައް މެދުވެރިކޮށް 1.9 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ރަސްމީ ނިޒާމުގެ ތެރެއިން ދޫކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ތަކެތީގެ އަގާއި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލޭތީ ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ދަނީ ޑޮލަރުގެ ރޭޓު ކޮންޓްރޯލްކޮށް، ގާނޫނާ ހިލާފަށް ކުރާ ޑޮލަރުގެ ވިޔަފާރިތައް ހުއްޓުވުމަށް އެމްއެމްއޭއާއި ސިކިއުރިޓީ އިދާރާތައް ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ.