ވަޒީރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްނުވެ ފެއިލްވެއްޖެ!
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، މާލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްނުވެ ފެއިލްވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ މައިގަނޑު 6 ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ. އެ ކަންކަމުގެ ތެރޭގައި:
ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގު ބޮޑުވަމުންދިއުން ހުއްޓުވުމުގައި ވަޒީރު ނުކުޅެދިވަޑައިގަތުން.
ދައުލަތުގެ މާލިއްޔަތާއި ވަސީލަތްތައް ނަޒާހަތްތެރިކަމާއެކު ބެލެހެއްޓެވިފައި ނުވުން.
ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ޖަވާބުދާރީކުރުވުމުގެ ނިޒާމަށް ހުރަސްއެޅުއްވުން.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށްދެވިފައި ނުވުން.
ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން.
މަޖިލީހުގެ އާންމު ކޮމިޓީން މީގެ ކުރިން ނިންމާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރު ސައީދަށް 1 ގަޑިއިރުގެ ވަގުތެއް ދިނުމަށެވެ. ނަމަވެސް، މަޖިލީހުގެ ސުޕަރ-މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށްވުމާއެކު، މި މައްސަލަ ފާސްނުވާނެކަމަށް ޕީއެންސީގެ މެންބަރުން ކުރިންވެސް ވިދާޅުވަމުން އަދި ވޯޓުގައިވެސް މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

