އިހަވަންދޫ އައުޓްރިޗް ސެންޓަރުގައި އަންނައަހަރު ކޯސްތައް ހިންގަނީ: އެމްއެންޔޫ
ހއ. އިހަވަންދޫގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ސެންޓަރުގައި2027 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކޯސްތައް ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްއެންޔޫއިން ބުނެފިއެވެ. މިހާތަނަށް އެސެންޓަރުގައި ކޯސްތައް ފެށިފައި ނުވަނީ އެކަށީގެންވާ އަދަދަކަށް ދަރިވަރުން ކުރިމަތިނުލާތީ ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.
އެމްއެންޔޫއިން ވިދާޅުވީ، އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި 2026 ވަނަ އަހަރުގެ ފެބުރުވަރީ އަދި އޮގަސްޓު އިންޓޭކުގައި ފެށުމަށް ހަމަޖެހުނު ކޯސްތަކަށް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ކުރިމަތިލާފައި ނުވާތީ، އެ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދެވޭ ގޮތް ނުވި ކަމަށެވެ.
އެހެންނަމަވެސް، މިސެންޓަރު މެދުވެރިކޮށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެ ޔުނިވަރސިޓީން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި، 2027 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކޯސްތައް ފެށުމަށް އުންމީދުކުރާ ކަމަށް އެމްއެންޔޫއިން ހާމަކޮށްފައިވެއެވެ.
މިސެންޓަރުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި، މެނޭޖްމަންޓް އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާ ގުޅޭ 4 ކޯހެއް ހިމެނެއެވެ. އެއީ އެޑްވާންސް ސެޓްފިކެޓް އިން އެޑިޔުކޭޝަން، މާސްޓަރސް އޮފް އެޑިޔުކޭޝަން، އެޑްވާންސް ސެޓްފިކެޓް އިން މެނޭޖްމަންޓް އަދި ބެޗްލަރ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓް ލެވެލްގެ ކޯސްތަކެކެވެ.
މި ކޯސްތަކުގެ ތެރެއިން ބެޗްލަރ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓާއި މާސްޓަރސް އޮފް އެޑިޔުކޭޝަން ކޯހަށް ލިބުނީ ކޮންމެ ކޯހަކަށް އެންމެ އެޕްލިކޭޝަނެކެވެ. އަދި އަނެއް ދެ ކޯހަށް އެއްވެސް ދަރިވަރަކު ކުރިމަތިލާފައެއް ނުވެއެވެ.
ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދަރިވަރުން ޚިޔާރުކުރާ ގޮތްތަކަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ކެމްޕަހަށް ހާޒިރުވެގެން ކިޔެވުމުގެ ބަދަލުގައި ވަޒީފާގައި ތިބެގެން އޮންލައިންކޮށް ކިޔެވުމަށް ދަރިވަރުން އިސްކަންދޭ މިންވަރު އިތުރުވުމަކީ ރަށްރަށުގައި ހިންގާ އައުޓްރީޗް ސެންޓަރުތަކަށް ދަރިވަރުން ލިބުން މަދުވާ މައިގަނޑު އެއް ސަބަބުކަމަށް ވެއެވެ.

