ފީފާގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢުން ފުޓްބޯޅައިގެ ބޮޑު ހީވާގިކަމެއް؛ ޔޫއީއެފްއޭއިން ފީފާގެ އިސްވެރިންނާ ސުވާލު
ޒިއުރިކް (3 ނޮވެމްބަރު 2026): ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާގެ ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕްގެ ވިޔަފާރި ޙައްޤުތަކުގެ ޙިއްޞާއެއް ވިއްކާލުމަށް ރޭވި 20 ބިލިއަން ޑޮލަރުގެ މައްސަލަ ބޮޑު މަޝްރޫޢާ ގުޅިގެން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ލީޑަރޝިޕަށް ބޮޑެތި ފާޑުކިޔުންތަކަކާއި ޕްރެޝަރުތަކެއް ކުރިމަތިވެއްޖެއެވެ.
"ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި އެކުލަވާލި މި މަޝްރޫޢަކީ، ފީފާގެ މުބާރާތްތަކުގެ ވިޔަފާރި ޙައްޤުތައް ވަކި ކުންފުންޏަކަށް ބަދަލުކޮށް، އޭގެ 20 އިންސައްތަ ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކުމަށް ރޭވި ރޭވުމެކެވެ . އަދި މި ޑީލްގައި އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ "ތްރައިވް ކެޕިޓަލް" އާއެކު ސިއްރިއްޔާތުގައި މަޝްވަރާކޮށް އެކްސްކްލޫސިވިޓީ އެއްބަސްވުމެއް ހަދާފައިވާކަން ފަޅާއެރުމުން، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއީއެފްއޭ) އަދި އެތައް ފެޑެރޭޝަނަކުން ވަނީ މިއީ "އިތުބާރު ގެއްލުނު" ކަމެއް ކަމަށް ބުނެ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ . ފާޑުކިޔުންތައް ގަދަވުމާ ގުޅިގެން، ކައުންސިލްގެ ރުހުމެއް ނެތި ކުރިއަށްގެންދިޔަ މި މަޝްރޫޢު ބާޠިލުކޮށް، އިންފަންޓީނޯ ވަނީ ފީފާ ކައުންސިލްގެ ކިބައިން މާޢާފަށްވެސް އެދިވަޑައިގެންފައެވެ .
މި މައްސަލައިގައި ޔޫއީއެފްއޭގެ ޖެނެރަލް ސެކްރެޓަރީ ތިއޮޑޯރ ތިއޮޑޮރިޑިސް ވަނީ ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރަފްސްޓްރޮމްއަށް 8 ޞަފުޙާގެ ދިގު ސިޓީއެއް ފޮނުއްވާފައެވެ . އެ ސިޓީގައި 12 ދާއިރާއަކުން ޖުމްލަ 42 ސުވާލެއް ވަނީ އަމާޒުކޮށްފައެވެ . މީގެ ތެރޭގައި ކައުންސިލްގެ ހުއްދައެއް ނެތި ޚާއްޞަ ފަރާތަކަށް ޙައްޤުތައް ދޭން ނިންމި ސަބަބާއި، ފީފާގެ ބޮޑު މާލީ ރިޒާވެއް އޮއްވައި ބޭރުގެ އިންވެސްޓަރުން ހޯދަން ޖެހުނު ސަބަބުތައް ސާފުކުރުމަށް ވަނީ އެދިފައެވެ. އަދި ކައުންސިލް ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގތަކާއި، މި މުޢާމަލާތާ ގުޅޭ އެންމެހައި އަޞްލު ލިޔެކިޔުންތައް ހާމަކުރުމަށްވެސް ޔޫއީއެފްއޭއިން ވަނީ ސީދާ ގޮވާލާފައެވެ.
ޔޫއީއެފްއޭގެ ސުވާލުތަކަށް ޖަވާބުދިނުމަށް ފީފާއިން އިތުރު މުއްދަތަކަށް އެދިފައިވާއިރު، ފީފާއިން ވަނީ ޒިއުރިކްގައި ހުންނަ އެ އިދާރާގެ ހެޑްކުއާޓަރަށް ހާޒިރުވެ، އެ މަޝްރޫޢާ ގުޅޭ ލިޔެކިޔުންތައް ބެލުމުގެ ފުރުޞަތު ފީފާ ކައުންސިލްގެ މެންބަރުންނަށް ހުޅުވާލަން ނިންމާފައެވެ. ނަމަވެސް އެ ލިޔެކިޔުންތަކުގެ ކޮޕީ ނުނެގޭ ގޮތަށް އަދި ސިއްރު ހިފެހެއްޓުމުގެ ހަރުކަށި ޝަރުޠުތަކަކާއެކު މި ފުރުޞަތު ދިނުމަކީ އެކަށީގެންވާ ދެފުށް ފެންނަ ގޮތެއް ނޫން ކަމަށް ބުނެ ގިނަ ފަރާތްތަކެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
މި މައްސަލައިގެ ސަބަބުން، 2027 ވަނަ އަހަރު ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބުގައި އިތުރު ދައުރަކަށް ކުރިމަތިލައްވަން ތައްޔާރުވަމުންދާ އިންފަންޓީނޯގެ ސިޔާސީ މުސްތަޤުބަލާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އަދި ދުނިޔޭގެ ފުޓްބޯޅަ ހިންގުމުގެ އެންމެ މަތީ ފަންތީގައި ޤަވާޢިދުތަކާއި ދެފުށް ފެންނަ އުޞޫލުތައް ހިފެހެއްޓުމާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް މިހާރު ވަނީ އިންތިހާއަށް ގޯސްވެފައެވެ.

