Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Social Featured

އިންސާނުންގެ ކުރިން ޖައްވަށް ދިޔަ ލައިކާ: އެނބުރި ނައުމަށް ކުރި ހިތާމަވެރި ދަތުރު!

އިންސާނުންގެ ކުރިން ޖައްވަށް ދިޔަ ލައިކާ: އެނބުރި ނައުމަށް ކުރި ހިތާމަވެރި ދަތުރު!
Photo: the New Yorker
ތަފްޞީލް
Photo: NASA - Sputnik 1

1950 ގެ އަހަރުތަކުގެ ފަހުކޮޅަކީ ސޮވިއެޓް ޔޫނިއަން (ރަޝިޔާ) އާއި އެމެރިކާއާ ދެމެދު އޮތް ފިނި ހަނގުރާމައިގެ ދުވަސްވަރެވެ. އެ ދުވަސްވަރު ދެ ގައުމުގެ ދެމެދުގައި އޮތް އެންމެ ބޮޑު ވާދަވެރިކަމަކީ ޖަޒާ އަދި ޖާޒީ ޖާޒޯ (ސްޕޭސް) ހޯދައި، އެންމެ ފުރަތަމަ ކާމިޔާބީ ހޯދާނެ ގައުމަކަށް ވުމުގެ ރޭހެވެ. 1957 ވަނަ އަހަރުގެ އޮކްޓޯބަރު 4 ގައި ސޮވިއެޓް ޔޫނިއަނުން ވަނީ އެންމެ ފުރަތަމަ އިންސާނަކު ނުލައި ފޮނުވި ސެޓެލައިޓް "ސްޕުޓްނިކް 1" އުޑަށް ފޮނުވާލައި، މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ.


ނަމަވެސް، އޭރުގެ ސޮވިއެޓް ލީޑަރު ނިކިތާ ޚްރުޝްޗޭވް ބޭނުންފުޅުވީ އިތުރު ބޮޑު ކާމިޔާބީއެކެވެ. 1917 ގެ ރަޝިއަން ރިވޮލިއުޝަންގެ 40 ވަނަ އަހަރީ ދުވަހާ ދިމާކޮށް (7 ނޮވެމްބަރު)، މަހެއްހާ ދުވަހުގެ ތެރޭގައި އާ ކަމެއް ދުނިޔެއަށް ދައްކާލުމަށް އޭނާ ސައިންސްވެޝަނުންނަށް އަމުރުކުރެއްވިއެވެ. ސޮވިއެޓް ސްޕޭސް ޕްރޮގްރާމްގެ އިސް އިންޖިނިއަރު ސަރގޭ ކޮރޮލިއޯވްގެ އިރުޝާދުގެ ދަށުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތައްޔާރުކުރީ ދިރޭ މަޚްލޫޤަކު ގޮވައިގެން ޖާޒޯއަށް ދާނެ އުޅަނދެކެވެ.


ލައިކާ ޚިޔާރުކުރެވުނު ސަބަބު

ސޮވިއެޓް ސައިންސްވެރިން ޖާޒޯގެ ދަތުރުތަކަށް ޚިޔާރުކުރީ މަގުމަތީގައި އުޅޭ ވަލު ކުއްތާތަކެވެ. އެމެރިކާއިން ކޯތާޅު (މަންކީ) ބޭނުންކުރިއިރު، ސޮވިއެޓުން ކުއްތާ ބޭނުންކުރީ އެސަތާވަރުގެ ހަށިގަނޑުގެ ނިޒާމުތައް (ޚާއްޞަކޮށް ލޭދައުރުކުރުމާއި ނާރުތަކުގެ ނިޒާމު) އިންސާނުންނާ އެއްގޮތްކަން ބޮޑުވުމުންނެވެ. އަދި މަގުމަތީގައި އުޅޭ ފިނިއަރާ ކުއްތާތަކަކީ ތަކުލީފުތަކަށް ކެތްކުރެވޭ، ވަރުގަދަ ޖާނެއް ހުންނަ ސައްހަ މަޚްލޫޤުން ކަމަށްވާތީއެވެ.


މިގޮތުން މޮސްކޯގެ މަގުމަތިން ހޯދި އަދި އުމުރުން އެންމެ 3 އަހަރުގެ "ލައިކާ" (އަސްލު ނަން: ކުދްރިޔާވްކާ) ޚިޔާރުކުރެވުނެވެ. ލައިކާއަކީ މަޑުމައިތިރި، އަމުރަށް ކިޔަމަންވާ އަދި އިންސާނުންނާ ގުޅޭ ކުއްތާއެކެވެ. ދަތުރުގެ ކުރިން ސައިންސްވެރިންގެ ތެރޭގައި ހިމެނޭ ޑޮކްޓަރު ވްލަޑިމީރު ޔާޒްޑޯވްސްކީ ވަނީ ލައިކާ އޭނާގެ ގޭގެ ކުދިންނާއެކު ކުޅެލަން ގެއަށް ވެސް ގެންގޮސްފައެވެ. ސަބަބަކީ އެ ނުރައްކާތެރި ދަތުރުގެ ކުރިން އެ ކުއްތާއަށް އާއިލީ ލޯބި އިހުސާސްކޮށްދިނުމަށެވެ.


އަނދިރި އަދި ހިތާމަވެރި ދަތުރު

1957 ވަނަ އަހަރުގެ ނޮވެމްބަރު 3 ވީ އާދީއްތަ ދުވަހު، "ސްޕުޓްނިކް 2" މެދުވެރިކޮށް ލައިކާ ޖާޒޯއަށް ފޮނުވާލެވުނެވެ. މިއާއެކު ލައިކާ ވެގެންދިޔައީ ދުނިޔޭގެ އޯބިޓަށް ދިޔަ އެންމެ ފުރަތަމަ ދިރޭ މަޚްލޫޤަށެވެ. ނަމަވެސް، މި ދަތުރުގެ އެންމެ ހިތާމަވެރި ހަގީގަތަކީ، އެއީ އެކޮޅަށް އެކަނި ކުރެވުނު "ވަން-ވޭ" ދަތުރެއް ކަމެވެ. އޭރުގެ ޓެކްނޮލޮޖީ އޮތްގޮތުން، ޖާޒޯއިން އެނބުރި އުޅަނދު ސަލާމަތުން ދުނިޔެއަށް ތިރިކުރާނެ ގޮތެއް ސައިންސްވެރިންނަށް ހޯދިފައެއް ނުވެއެވެ. ލައިކާ ފޮނުވާލީ ސީދާ މަރުވާނެކަން އެނގިތިބެއެވެ.


Photo: Space - Laika

އޭރު ސޮވިއެޓް އިދާރާތަކުން ބުނަމުންދިޔައީ ލައިކާ ޖާޒޯގައި ހަފްތާއެއްހާ ދުވަހު ދިރިހުރި ކަމަށެވެ. ނަމަވެސް 2002 ވަނަ އަހަރު ހާމަވި ތަހުގީގީ ރިޕޯޓުތަކުން އެނގުނު ގޮތުގައި، ކެޕްސޫލްގެ ހޫނުމިން ކޮންޓްރޯލްކުރާ ނިޒާމު ހަލާކުވުމުގެ ސަބަބުން، ދަތުރު ފެށުނުތާ އެންމެ 5 އާއި 7 ގަޑިއިރުގެ ތެރޭގައި ގަދަ ހޫނާއި ސްޓްރެސްގެ ސަބަބުން ލައިކާ ވަނީ މަރުވެފައެވެ.


ދުނިޔޭގެ ނުރުހުމާއި ތާރީޚީ އަސަރު

ލައިކާގެ މަރުގެ ޚަބަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ދިރޭތަކެއްޗަށް ހެޔޮއެދޭ ޖަމިއްޔާތަކުންނާއި އާންމުންގެ ބޮޑު ނުރުހުމެއް ސޮވިއެޓް ޔޫނިއަނަށް އަމާޒުވިއެވެ. އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައި މުޒާހަރާތައް ކުރެވުނެވެ. މި ކަމުގެ ސަބަބުން، ފަހުން ކުރެވުނު ޖާޒީ ދަތުރުތަކުގައި ދިރޭތަކެތި ސަލާމަތުން އެނބުރި ދުނިޔެއަށް ގެނެވޭނެ ނިޒާމުތައް ތަރައްގީކުރަން މަޖުބޫރުވިއެވެ.


ލައިކާގެ ގުރުބާނީގެ 3 އަހަރު ފަހުން، 1960 ގައި "ބެލްކާ" އާއި "ސްޓްރެލްކާ" ނަމަކަށް ކިޔާ ދެ ކުއްތާ ޖާޒޯއަށް ފޮނުވައި، ސަލާމަތުން އެނބުރި ދުނިޔެއަށް ގެނެވުނެވެ. އަދި އޭގެ ފަހުން 1961 ގައި ޔޫރީ ގަގާރިން އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ ޖާޒޯއަށް ދިއުމުގެ މަގުކޮށައިދިނީ ލައިކާ ވި ގުރުބާނީގެ މައްޗަށް ބިނާކޮށެވެ.


Photo: Atlas Obscura - Laika statue in Moscow

މިއަދު މޮސްކޯގައި ލައިކާގެ ހަނދާނުގައި ޚާއްޞަ ބިނާއެއް ބަހައްޓާފައިވާއިރު، އެއީ ޖާޒީ ތާރީޚުގައި އިންސާނިއްޔަތަށްޓަކައި ވި އެންމެ ބޮޑު އެއް ގުރުބާނީގެ ގޮތުގައި ތާރީޚުގައި ވަނީ ލިޔެވިފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all