އެސްޓީއޯ އިން ވިއްކާ ގޭސްފުޅިތަކަށް ގޭސްއަޅާދޭ މިންވަރު ދަށްކޮށްފި
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާކަމަށް މޯލްޑިވް ގޭސް އިން ހާމަކޮށްފިއެވެ.
މޯލްޑިވް ގޭސް ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު ބޮޑުވިނަމަވެސް މޯލްޑިވް ގޭހުގެ ޚިދުމަތް މެދުނުކެނޑި ރައްޔިރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނީގެ ގޭސްފުޅިތަކަށް ގޭސްއަޅާދޭ މިންވަރަށް ވަގުތީ ބަދަލެއް ގެނެސްފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ގޭސް ފުޅިތަކަށް ގޭސްއަޅާ މިންވަރު:
10 ކިލޯގެ ފުޅިއަކަށް އަޅައިދޭނީ 7 ކިލޯގެ ގޭސް
22 ކިލޯގެ ފުޅިއަކަށް އަޅައިދޭނީ 14 ކިލޯގެ ގޭސް
45 ކިލޯގެ ފުޅިއަކަށް އަޅައިދޭނީ 31 ކިލޯގެ ގޭސް
މި ބަދަލުތައް ގެނެސްފައިވީނަމަވެސް މިކަމުގެ ސަބަބުން ގޭހުގެ އަގު ބޮޑުނުވާނެކަމުގެ ޔަގީންކަން މޯލްޑިވް ގޭހުން ދީފައިވެއެވެ. އަދި ކުރިއަށްއޮތް ތަނުގައި ފައިސާ ނަގަމުންދާނީ މިހާރުވެސް ކަނޑައެޅިފައިވާ ރޭޓުގައި، ފުޅިއަށް އަޅާ ގޭހުގެ ބަރުދަނަށްކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
ގޭސްފުޅިއަށް އަޅާ މިންވަރު މަދުކޮށް، ބަދަލުތައް އާންމުކޮށްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ގޭސް ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން މޯލްޑިވް ގޭހުން އޭރު ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅި ވިއްކާފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.
މުސްތަގުބަލުގައި، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށް މޯލްޑިވް ގޭހުން ބުނެފައިވެއެވެ. މި މަޝްރޫއު ނިމުމުން، ތިން މަސްދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވޭނެކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.
ރާއްޖެއަށް ބޭނުންވާ ގޭހުގެ ދަތިކަން ދިމާވި މިދުވަސްވަރަކީ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ މުސާރައަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
