ހއ.އަތޮޅު ކަނބަލުންނަށް އަމާޒުކޮށްގެން އިހަވަންދޫގައި އެކްސްޕޯއެއް ބާއްވަނީ
ހުނަރުވެރި އަދި މަސައްކަތްތެރި ކަނބަލުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ހއ.އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އާއި އިހަވަންދޫ ބިޒުނަސް ސެންޓަރު ގުޅިގެން "އިހަވަން އޮމަލަ އެކްސްޕޯ" ގެ ނަމުގައި ޚާއްޞަ އެކްސްޕޯއެއް ބޭއްވުމަށް ހަމަޖައްސައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ހއ. އަތޮޅުގައި ދިރިއުޅޭ މަސައްކަތްތެރި ކަނބަލުންނަށް ކުރިއެރުމާއި ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ.
އަދި އެ ކަނބަލުން މިހާރު ކުރަމުންއަންނަ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު މާކެޓާއި ފުރުޞަތުތައް ފަހިކޮށްދީ، އެކިއެކި ދާއިރާތަކުން ފަންނުވެރި ކަނބަލުން ކުރަމުން އަންނަ މަސައްކަތްތައް އާންމުންނަށް ދައްކާލައި، ވިޔަފާރީގެ ފަންނުގައި ކުރިއަރަމުން އަންނަ ކަނބަލުންނަށް ހިތްވަރުދިނުމެވެ.
މީގެ އިތުރުން، ރަށުގައި އެކި ބާވަތްތަކުގެ ތައްޔާރީ ކާނާއާއި ތަކެތި އުފައްދާ ކަނބަލުންގެ ހުނަރުތައް އިތުރަށް ޕްރޮމޯޓްކޮށް ފުޅާކުރުމަށްވެސް މި އެކްސްޕޯއިން މަގުފަހިވެގެން ދާނެއެވެ.
މި އެކްސްޕޯގައި ކަނބަލުންގެ މަސައްކަތްތައް އަގުވަޒަންކޮށް، އިތުރަށް ހިތްވަރުދިނުމުގެ ގޮތުން އެންމެ މޮޅު 5 ފަރާތް ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ ކުރިއަށްދާނެ ތާރީޚާއި އުސޫލުތައް ރަޖިސްޓްރީވާ ފަރާތްތަކަށް ފަހުން ހިއްސާކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ އިހަވަންދޫ އަދި ހއ. އަތޮޅުގެ އެކި ރަށްރަށުގައި ދިރިއުޅޭ، ކަނބަލުން، 19 ނޮވެންބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިންކޮށް ގޫގަލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުންވަނީ އެދި ވަޑައިގެންފައެވެ.
މި އެކްސްޕޯގައި ބައިވެރިކުރެވޭ މައިގަނޑު ދާއިރާތަކަކީ:
· ފެހުމުގެ ދާއިރާ
· ކޭކް ޑެކެރޭޝަން / ޕޭސްޓްރީ
· މޭކަޕް އާޓް
· ފޮޓޮގްރަފީ
· އާރޓް އެންޑް ކްރާފްޓް
· އެކި ބާވަތްތަކުގެ ތައްޔާރީ ކާނާ އުފެއްދުން

