1988 ނޮވެންބަރ މަހުގެ 3 ވަނަ ދުވަހުގެ މައްޗަށް އަވަސް ނަޒަރަކުން ބަލާލުމެއް
1988 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ނުރައްކާތެރި އަދި އެހާމެ މުހިންމު އެއް ދުވަހެވެ. މި ދުވަސް ދިވެހިންނަށް މުހިންމުވީ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަން ހިތަށް ވެރިވެފައިވާލެއް ބޮޑުކަމުންނެވެ.
އެ ދުވަހަކީ ރާއްޖެއަށް ބޭރުގެ ކުލީ ސިފައިންނާއި ދިވެހި ޣައްދާރުންތަކެއް ( ހ.ހާޖަރާގެ އަބްދުالله ލުތުފި އާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަހުމަދު ނާސިރު ) ބައިވެރިވެގެން ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާކޮށް، ވެރިކަން ވައްޓާލަން، ޒަމާނީ ހަތިޔާރާއާއެކު އައިސް ވެރިރަށް މާލެއަށް ޙަމަލާ ދިން ދުވަހެކެވެ.
މި ޢުދުވާނުގައި ސްރީލަންކާގެ (PLOTE) ޖަމާޢަތުގެ ހަތިޔާރުއެޅި މީހުން މާލެއަށް އަރާ ރާއްޖޭގެ ދިފާއީ މަރުކަޒަށާއި ޢާންމު ރައްޔިތުންނަށް ހަމަލާ ދީފައި ވެއެވެ.
މި ހަމަލާގައި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ދިވެހި ސިފައިންގެ ބައެއް ބަޠުލުންނާއި، އާންމު ރައްޔިތުންގެ ބައެއް ބޭފުޅުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ހަމަލާގައި، ބަންޑާރަކޮށި، ( ސިފައިންގެ މައި މަރުކަޒު ) ކުލީސިފައިންގެ އަތްދަށުވިޔަ ނުދީ ހިފަހައްޓައި، ދިފާއުގައި ހަމަލާދެނިކޮށް ޝަހީދުވި ކޯޕަރަލް ޙުސައިން އާދަމް ފަދަ ބަޠަލުން ހިމެނެއެވެ.
1988 ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވީ ޖުމްލަ 19 ދިވެހީންނެވެ. އެއީ ސިފައިންގެ 11 ބޭކަލުންނާއި ޢާންމުންގެ 8 މީހުންނެވެ.
ޝަހީދު ހުސައިން އާދަމަކީ ސިފައިންގެ މައި ގޭޓްގައި އެވަގުތު ޑިއުޓީގައި ހުންނެވި އަދި ރައްދުގައި ސިފައިންގެއިން ފުރަތަމަ ހަމަލާދޭން ފެށި މީހާއެވެ. މީގެ އިތުރުން ސިފައިންގެ ގައުމީވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް އިތުރު ބޭކަލުން ޝަހީދުވިއެވެ.
މި ނުރައްކާތެރި ހާދިސާގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ޤައުމީ ލޯތްބާއި، އަދި ދިވެހި ރައްޔިތުން އެ ދަނޑިވަޅުގައި ދެއްކެވި އެއްބައިވަންތަކަމުގެ ރޫޙު ފާހަގަކޮށްލަން ޖެހެއެވެ.
ހަގީގަތުގައި އެދުވަހު ސިފައިން ދެއްކެވީ ހުޝިޔާރުކަމާއި ކުޅަދާނަކަމުގެ ނަމޫނާ މިސާލެކެވެ. އޭރު މާލޭގައި ހުންނަ ހަމައެކަނި ސިފައިންގެ މަރުކަޒަކީ ''ބަންޑާރަ ކޮށި" އެކަންޏެވެ. އެތަނުގެ ބޭރުގައި ތިބެގެން ކުލީސިފައިންގެ ހަމަލާތައް ކެނޑިނޭޅި ސިފައިގެއަށް އަމާޒުކުރަމުން ގެންދިޔައެވެ. އެހެންކަމުން ދިވެހި ސިފައިންނަށް އެތަނުން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ނަމަވެސް ސިފައިން ތަންފުކެއްވެސް ދޫނުކޮށް ރައްދުގައި ވަރުގަދަ ހަމަލާދީ އެދުވަހުގެ ހަވީރު އިރުއޮއްސުމުގެ ކުރިން ކުލީ ސިފައިން ބަލިކޮށް ދިވެހިންނަށް މާތްالله ނަސްރު ދެއްވިއެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވި މި ނުރައްކަލުން އަރައިގަތުމަށް، އިންޑިޔާ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި، ސިފައިން ފޮނުވައިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އިންޑިޔާގެ އެހީއަށް ދިވެހިސަރުކާރުން އެދިގެން އެގައުމުގެ ސިފައިން ރާއްޖެއަށް އައުމުގެ ކުރިން ރާއްޖެއޮތީ ދިވެހި ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ.
އިންޑިޔާ ސިފައިން އަންނަން އުޅޭކަމުގެ ޚަބަރާއެކު ކުލީ ސިފައިން ރާއްޖެދޫކޮށް ފުރުމުގެ ކަންތައްތައް ދިޔައީ ކުރަމުންނެވެ. އެމީހުން ރާއްޖެއިން ފުރައިގެން ދިޔައީ ދިވެހި ސަރުކާރުގެ އާގު ބޯޓެއްކަމަށްވާ އެމް.ވީ ޕްރޮގްރެސް ލައިޓްގައެވެ. އެމީހުން ދިޔައީ ދައުލަތުގެ ކެބިނެޓްގެ ވަޒީރަކާއި އާންމުގެ ބަޔަކުވެސް ގޮވައިގެންނެވެ.
ނޮވެމްބަރ 3 އަކީ މުޅި ރާއްޖެ ސިއްސުވާލި ދުވަހެކެވެ. އެދުވަހު މާލެއާއި އަތޮޅުތަކާ މުވާސަލާތު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. މާލޭގައި ހިނގާ ކަންކަމުގެ ޚަބަރުތައް ހޯދުމަށް އަތޮޅުތަކުގެ ރައްޔިތުން ގެންދިޔައީ އަތޮޅު އޮފީސްތަކުގެ އެތެރާއި ބޭރުގައި އާދޭސްކުރަމުންނެވެ.
އެއީ މާލޭގައި ތިބޭ އެ މީހުންގެ ދަރިންގެ ހާލު ނޭނގޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެދުވަސްރަކީ އަތޮޅުތަކުގައި ފޯން ހުންނަ ދުވަސްވަރެއް ނޫނެވެ. ނަމަވެސް އެދުވަސްވަރު ފެލިވަރުގައި ފޯނު ހުރެއެވެ. އެހެންކަމުން މާލޭގައި އެދުވަހު ހިނގި ކަންކަމުގެ މަޢުލޫމާތު ރާއްޖެތެރެއަށް ލިބުމުގައި ފެލިވަރުން ވަރަށް މުހިންމު ދައުރެއް އަދާކޮށްދިނެވެ.