Ad #8Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Info Featured

"ފެރިޓިން ފޭސް": މޫނުމަތިން ފެންނަ ބަދަލުތަކުން ހަށިގަނޑުގައި އަޔަން މަދުކަން އެނގޭނެތަ؟ – މީޑިއާ ޓްރެންޑުގެ ޙަޤީޤަތް!

"ފެރިޓިން ފޭސް": މޫނުމަތިން ފެންނަ ބަދަލުތަކުން ހަށިގަނޑުގައި އަޔަން މަދުކަން އެނގޭނެތަ؟ – މީޑިއާ ޓްރެންޑުގެ ޙަޤީޤަތް!
Photo: BBC
ތަފްޞީލް

ޓިކްޓޮކާއި އިންސްޓަގްރާމް ފަދަ އިޖުތިމާއީ މީޑިއާގެ ވަސީލަތްތަކުގައި މިދުވަސްވަރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ އެއް ޓްރެންޑަކީ "ފެރިޓިން ފޭސް" (Ferritin Face) އެވެ. ލޯކައިރި ކަޅުވުމާއި، މޫނުގެ ކުލަ ފަނޑުވެ އަޅިކުލައަކަށް ބަދަލުވުމާއި، ތުންފަތް ހިކި ފަޅައިގެން ދިއުމުގެ އިތުރުން އިސްތަށިފޭބުމާއި ނިޔަފަތިތައް މުރަނަވުން ފަދަ ކަންކަމަކީ ހަށިގަނޑުގައި "ފެރިޓިން" ނުވަތަ އަޔަން (ދަގަނޑުގެ ބައި) މަދުވުމުން މޫނުމަތިން ފެންނަ އަލާމާތްތަކެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ކޮންޓެންޓް ކްރިއޭޓަރުން ދަނީ ވީޑިއޯތައް ހިއްސާކުރަމުންނެވެ.

މި ވީޑިއޯތަކަށް މިލިއަނުން މީހުންގެ ސަމާލުކަން ލިބެމުންދާއިރު، މެޑިކަލް ޑޮކްޓަރުންނާއި ހެމަޓޮލޮޖިސްޓުން (ލޭގެ ޚާއްޞަ ޑޮކްޓަރުން) ދަނީ މިކަމާ މެދު އިންޒާރު ދެމުންނެވެ.


"ފެރިޓިން" އަކީ ކޮބާ؟ އަދި ލޭ މަދުވުމާ ހުރި ތަފާތަކީ ކޮބާ؟

ފެރިޓިން (Ferritin) އަކީ ހަށިގަނޑުގައި އަޔަން ރައްކާކޮށްދޭ މުހިންމު ޕްރޮޓީނެކެވެ. ހީމޯގްލޯބިން އަކީ ލޭގެ ރަތް ސެލްތަކުގައި އޮކްސިޖަން ދައުރުކުރުމަށް އެހީވެދޭ ބަޔަށްވާއިރު، ހީމޯގްލޯބިން ދަށްވުމުން އުފެދޭ ހާލަތަށް އަޅުގަނޑުމެން ކިޔަނީ "އެނީމިއާ" ނުވަތަ ލޭމަދުވުމެވެ.

ނަމަވެސް، ލޭމަދުވުމުގެ ކުރިންވެސް ހަށިގަނޑުގައި ރައްކާކުރެވިފައިވާ އަޔަންގެ މިންވަރު (ފެރިޓިން) ދަށްވެދާނެއެވެ. ޔޫކޭގެ "ބްރިޓިޝް ސޮސައިޓީ އޮފް ގޭސްޓްރޯއެންޓެރޮލޮޖީ" ގެ އިރުޝާދުތަކުގައިވާ ގޮތުން، ލޭގެ ފެރިޓިން ލެވެލް 15 މައިކްރޯގްރާމް/ލީޓަރަށް ވުރެ ދަށްނަމަ ހަށިގަނޑުގައި އަޔަން އެއްކޮށް ހުސްވަނީއެވެ. އަދި 30 މައިކްރޯގްރާމަށް ވުރެ ދަށްނަމަ އެއީ އަޔަން މަދުވުމުގެ ނިޝާނެކެވެ.

Photo: Voumed


މޫނަށް ބަލާފައި އަޔަން މަދުކަން ކަށަވަރު ކުރެވިދާނެތަ؟

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި "ފެރިޓިން ފޭސް" އަކީ މެޑިކަލް ދާއިރާގައި ބަލައިގަންނަ ބައްޔެއް ނުވަތަ ޑައިގްނޯސިސްއެއް ނޫނެވެ.

ޔޫކޭގެ ލެސްޓަޝަޔާގެ ޖީޕީ ޑރ. އަޒީޒާ ސޭސޭ ވިދާޅުވީ، މޫނުމަތިން ފެންނަ ބަދަލުތަކަކީ ހަށިގަނޑުގައި ކަމެއް ގޯސްކޮށް އުޅޭކަމުގެ އިޝާރާތަކަށް ވެދާނެ ކަމަށެވެ. ނަމަވެސް، އެއީ ސީދާ އަޔަން މަދުވުމުން އެކަނި ވާކަމެއް ކަމަށް ބުނެވޭކަށް ނެތެވެ.

ލޯކައިރި ކަޅުވުން: މިއީ ނިދިމަދުވުން، ސްޓްރެސް، އެލާޖީ، އުމުރުން ދުވަސްވުން ނުވަތަ އާއިލީ ގޮތުން (ޖެނެޓިކްސް) އަންނަ ބަދަލަކަށް ވެސް ވެދާނެއެވެ.

މޫނު ފަނޑުވުން ނުވަތަ އަޅިކުލައަކަށް ބަދަލުވުން: ކުލަ އަލި މީހުންގެ މޫނު ފަނޑުވި ނަމަވެސް، ކުލަ ގަދަ ނުވަތަ ކަޅު ހަންގަނޑެއް ހުންނަ މީހުންގެ މޫނުމަތިން މި ބަދަލު ދެނެގަންނަން އުނދަގޫވާނެއެވެ.

އިސްތަށިފޭބުމާއި ނިޔަފަތި މުރަނަވުން: ތައިރޮއިޑް މައްސަލަތަކާއި، ހޯމޯންގެ ނުހަމަކަމާއި، ސްޓްރެސްގެ ސަބަބުންވެސް މިފަދަ ކަންކަން މެދުވެރިވެއެވެ.

ކޮންސަލްޓަންޓް ހެމަޓޮލޮޖިސްޓް ޑރ. ޑްރޫ ޕްރޯވާން ވިދާޅުވި ގޮތުގައި، މީހެއްގެ މޫނަށް ބަލާލައިގެން ހަށިގަނޑުގައި ފެރިޓިން ހުރި މިންވަރު ބުނެދިނުމަކީ "އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ."


އަމިއްލައަށް ބޭސްކުރުމުގެ ނުރައްކާތެރިކަން

އިޖުތިމާއީ މީޑިއާގެ ވީޑިއޯތައް ބަލައިގެން އަމިއްލައަށް ޑޮކްޓަރަށް ދެއްކުމެއް ނެތި އަޔަން ސަޕްލިމެންޓް (ގުޅި ބޭސް) ނަގަން ފެށުމަކީ ސިއްޙަތަށް ނުރައްކާތެރި ކަމެކެވެ.

ހަށިގަނޑުގައި އަޔަން އިތުރުވެއްޖެނަމަ ބަނޑުގައި ރިއްސުމާއި، މޭނުބައިކުރުމާއި، ބޮޑުކަމުދާން އުނދަގޫވުމުގެ (ކޮންސްޓިޕޭޝަން) އިތުރުން ގުނަވަންތަކަށް ގެއްލުންވުން ފަދަ ނުރައްކާތެރި މައްސަލަތައް މެދުވެރިވެއެވެ. އަދި ހަށިގަނޑުން އަޔަން ދަށްވާ ހަޤީޤީ ސަބަބު (މިސާލަކަށް: މައްސަރު ކަންތަކުގައި ގިނައިން ލޭބޭރުވުން، ގޭސްޓްރިކް މައްސަލަތަކުގެ ސަބަބުން އެތެރެއިން ލޭބޭރުވުން ނުވަތަ ކާތަކެތިން އަޔަން ސޫސައިނުގަތުން) ދެނެގަތުން ލަސްވެގެންދެއެވެ.


ހަށިގަނޑުގައި އަޔަން އިތުރުކުރާނީ ކިހިނެއް؟ (ކޭންބުއިމާއި ފަރުވާ)

އަޔަން މަދުކަން ކަށަވަރު ކުރެވޭނީ ލޭގެ ޓެސްޓަކުން (Blood Test) އެކަންޏެވެ. ލޭގެ ޓެސްޓުން އަޔަން މަދުކަން އެނގިއްޖެނަމަ، ސިއްޙީ މާހިރުންގެ ލަފާގެ މަތިން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެވިދާނެއެވެ:

އަޔަން ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުން:

ރަތް މަސް (Red Meat): ގެރިމަސް، ކުކުޅުމަސް އަދި ކަނޑުމަހަކީ ހަށިގަނޑަށް އެންމެ ފަސޭހައިން އަޔަން ސޫސައިގަނެވޭ (Heme iron) ކާނާއެވެ.

ގަސްގަހާގެއްސާއި ތަރުކާރީ: ކަންކުން، ބްރޮކޮލީ، ތޮޅީގެ ބާވަތްތައް، މަސްދަނޑި، އަދި ސޭކުރި ފަދަ އޮށްތަކަކީ އަޔަން (Non-heme iron) މުއްސަނދި ކާނާއެވެ.



އަޔަން ހަށިގަނޑަށް ނަގައިދިނުމަށް އެހީވެދޭ ކަންކަން:

ވިޓަމިން ސީ: އަޔަން ގިނައިން އެކުލެވޭ ކާނާ ކާއިރު ކުޑަކުޑަ ލުނބޯ ހޭކުމެއް ނުވަތަ އޮރެންޖު ޖޫސް ފަދަ ވިޓަމިން ސީ ހުންނަ އެއްޗެއް ބޭނުންކުރުމުން ހަށިގަނޑަށް އަޔަން ނަގައިގަންނަން ފަސޭހަވެއެވެ.

ސައި އަދި ކޮފީއާ ދުރުވުން: ކޭންބުއިމުގެ ވަގުތުގައާއި ބޭސް ނަގާ ވަގުތު ސައި ނުވަތަ ކޮފީ ބުއިމުން އޭގައި ހުންނަ "ޓެނިންސް" ގެ ސަބަބުން ހަށިގަނޑަށް އަޔަން ސޫސައިގަތުމަށް ހުރަސްއަޅައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all