ފިއްލަދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން އެއްފަހަރާ މިއަދު އޮފީހަށް ސަލާން ބުނެފި
ހއ. ފިއްލަދޫ ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަޤާމަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައެޅި ބޭފުޅާއާއި މެދު ހިތްހަމަނުޖެހިގެން، އެ ކައުންސިލްގެ ހުރިހާ މުވައްޒަފުން މިއަދު އެއްފަހަރާ އޮފީހަށް ސަލާމްބުނެފިއެވެ.
ފިއްލަދޫ ކައުންސިލުން ވާހަކަދެއްކި އިދާރީ މުވައްޒަފުން ބުނެފައިވަނީ މި މައްސަލައިގައި ހިތްހަމަނުޖެހުން އުފެދުނީ އާންމު އުޞޫލުން ކައުންސިލުން އެސްޖީއެއް ކަނޑައެޅުމުގެ ބަދަލުގައި، ވަކި މުވައްޒަފަކަށް މަޤާމު ޙަވާލުކުރުމަށް، ސީދާ ސިވިލް ސާވިސް ކޮމިޝަނުން ސިޓީ ފޮނުވުމާ ގުޅިގެންކަމަށެވެ.
މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނުފޫޒުގެ ތެރެއިން ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ.
މީގެ އިތުރުންވަގުތީ ގޮތުން އެ މަޤާމާ ޙަވާލުވި ފަރާތަކީ ކުރިންވެސް އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމު ފުރާފައިވާ ފަރާތެކެވެ.
ނަމަވެސް، މީގެ ކުރިންވެސް އެބޭފުޅާއަކީ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރާ މުވައްޒަފެއް ނޫންކަމުގެ ތުހުމަތުވެސް އެ މުވައްޒަފުން ވަނީ އުފުލާފައެވެ.
މި މައްސަލައިގައި ކައުންސިލްގެ ހުރިހާ މުވައްޒަފުން ކައުންސިލްގެ ރައީސާ މަޝްވަރާކޮށް، އެ ނިންމުން ބަދަލުކުރެއްވުމަށް އެދިފައިވާނެކަމަށާއި ނަމަވެސް ސީއެސްސީން އަންގާފައިވާ ގޮތަށް ކުރިއަށްދާން ރައީސް ބޭނުންފުޅުވުމުން، ހިތްހަމަ ނުޖެހުން އިތުރަށް ބޮޑުވެގެން ދިޔަކަމަށް އެ މުވައްޒަފުން ބުނެފައިވެއެވެ.
އެގޮތުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ސްޓާފް ނައިޓްގައި ކައުންސިލްގެ މުވައްޒަފުން ބައިވެ ނުވާއިރު، އެ ހަފުލާއަށް ދިޔައީ ވޭޖް އުޞޫލުން ނަގާފައި ތިބި މަދު މުވައްޒަފުންކޮޅެކެވެ.
މީގެ އިތުރުން، ހދ. ނޭކުރަންދޫ ކައުންސިލުން ފިއްލަދޫ ކައުންސިލަށް ކުރި ތަޖުރިބާ ދަތުރުގައި، އެ ކައުންސިލަށް މަރުޙަބާ ކިޔުމަށް ވެސް ފިއްލަދޫ ކައުންސިލްގެ އެއްވެސް މުވައްޒަފަކު ނުދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދު ވިދާޅުވެފައިވަނީ، މިއަދު އޮފީސް ހުޅުވުނުއިރު އިދާރީ މުވައްޒަފުންނާއި، ޑްރައިވަރުންނާއި، އަދި ސަޕޯޓް ސްޓާފުން ވެސް ސަލާމް ބުނެފައިވާކަމަށެވެ. އަދި މިއަދު އޮފީހަށް ނިކުތީ ވަގުތީ އެސްޖީއަށް ހަމަޖެއްސި ފަރާތާއި، ތިން ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އެކަނިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޙާމިދު ވިދާޅުވި ގޮތުގައި މުވައްޒަފުން އޮފީހަށް ސަލާމްބުނުމާ ގުޅިގެން ކައުންސިލުން ދެމުން އައި ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. އަދި ސިވިލް ސާވިސްއިން ވަގުތީ އެސްޖީއަކަށް ހޮވާފައިވަނީ އޮފީހުގައި ތިބި މުވައްޒަފުންގެ ތެރެއިން ރޭންކުގެ ގޮތުން އެންމެ މަތީ ފަރާތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ
ފިއްލަދޫ ކައުންސިލްގެ މުވައްޒަފުން ބުނަމުންދަނީ، މިހާރު އެސްޖީއަކަށް ހުންނެވި ފަރާތް ބަދަލުކޮށް، ސިވިލް ސާވިސް ކޮމިޝަނުން ރަސްމީކޮށް އަންގަންދެން އަލުން ވަޒީފާއަށް ނުނިކުންނާނެ ކަމަށެވެ.