އެލާމް ކްލޮކްގެ ކުރިން މީހުން ހޭލީ ކިހިނެއް؟ – ތާރީޚުގެ ތެރެއިން ހޭލުމުގެ ވައްޓަފާޅި
ޒަމާނީ އެލާމް ކްލޮކްތަކާއި މޮބައިލް ފޯނުގެ އަޑަށް ކޮންމެ ހެނދުނަކު ހޭލުމަކީ މިއަދު އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ބައެކެވެ. ނަމަވެސް، އިލެކްޓްރޯނިކް ވަސީލަތްތައް އީޖާދުވުމުގެ ކުރިން މީހުން ގަޑިއަށް ހޭލައި، އެމީހުންގެ ދުވަހީ މަސައްކަތްތައް ފަށައި އުޅުނީ ކިހިނެއްބާއެވެ؟ ތާރީޚަށް ބަލައިލުމުން އެނގެނީ، އެކި ޒަމާންތަކުގައި މީހުން ވަގުތު ބެލުމަށާއި ހޭލުމަށްޓަކައި ވިސްނުންތެރި އަދި އަޖައިބުުރުވަނިވި ގޮތްތައް ބޭނުންކޮށްފައިވާ ކަމެވެ.
1. ސިނާއީ އިންގިލާބާއި "ނޮކަރ-އަޕާސް" (Knocker Uppers)

19 ވަނަ ގަރުނުގައި އިނގިރޭސިވިލާތަށް އައި ސިނާއީ އިންގިލާބާއެކު، ކާރުޚާނާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ގަޑިއަށް ހާޒިރުވުމަކީ ވެރިންނަށް ވަރަށް މުހިންމު ކަމަކަށް ވިއެވެ. މުވައްޒަފަކު 5 މިނެޓު ލަސްވިޔަސް މުޅި އުފެއްދުންތެރިކަމަށް މައްސަލަޖެހި، ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ލިބެމުންދިޔައެވެ. އެ ޒަމާނުގައި އާދައިގެ އަލާމް ކްލޮކް ހުރި ނަމަވެސް، އާންމު މަސައްކަތްތެރިއަކަށް އެފަދަ އެއްޗެއް ގަންނާނެ ތަނަވަސްކަމެއް ނެތެވެ.
މި މައްސަލައަށް ހައްލެއްގެ ގޮތުން "ނޮކަރ-އަޕާސް" ނުވަތަ މީހުން ހޭލެއްވުމަށް ޚާއްސަ ޕްރޮފެޝަނަލުންގެ ޚިދުމަތް އުފެދިގެންދިޔައެވެ. މި މީހުންގެ މަސައްކަތަކީ ފަތިހު 3:00 އެހާކަންހާއިރު މަގުތަކުގައި ހިނގާފައިގޮސް، ކަސްޓަމަރުންގެ ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތަކުގައި ދަނޑިބުރިތަކުން ތެޅުމެވެ. ނުވަތަ ހޮޅިއެއް ބޭނުންކޮށްގެން ކުޑަދޮރުގެ ބިއްލޫރިގަނޑަށް މަރުޝަން ގުޅި (peas) ޖެހުމެވެ. އެމީހުން އެތަނުން ދަނީ ގޭގައި އުޅޭ މީހާ ހޭލައިފިކަން ޔަގީންވަންދެންނެވެ.
މިފަދަ ޚިދުމަތްތައް އެހެން ގައުމުތަކުގައިވެސް އުޅުނެވެ. މިސާލަކަށް އިޓަލީގައި "ހޫޓާސް" އަދި ފްރާންސްގައި "ރެވޭޔާސް" ގެ ނަމުގައި ތޫނު އަޑުއަންގާ ވިސްލް ބޭނުންކޮށްގެން މީހުން ހޭލެއްވިއެވެ. އަދި އިސްލާމީ ގައުމުތަކުގައި ރަމަޟާން މަހު ސަހޫރުކާން މީހުން ހޭލެއްވުމަށް ސަހަރު މުސައްހިރުންގެ ޚިދުމަތް ބޭނުންކުރުމަކީވެސް މިފަދަ ކަމެކެވެ.
2. ގުދުރަތީ ނިޝާންތަކާއި ކުކުޅު ގޮވުން
އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވަސިޓީގެ ތާރީޚު ޕްރޮފެސަރު ސާޝާ ހެންޑްލީ ފާހަގަކުރައްވާ ގޮތުގައި، ސިނާއީ އިންގިލާބުގެ ކުރިން މީހުން އާންމުކޮށް ހޭލަނީ އިރާއި ހަނދުގެ ހިނގުމަށާއި ގުދުރަތީ އެކި ނިޝާންތަކަށެވެ.
ޚާއްސަކޮށް ފަތިހު ކުކުޅު ގޮވުމަކީ މީހުންނަށް ދުވަސް ފެށުނުކަމުގެ އެންމެ އާންމު ނިޝާނެވެ. ސައިންސުވެރިން ހޯދާފައިވާ ގޮތުގައި ކުކުޅު ގޮވަނީ ހަމައެކަނި އަލިކަމަށް ބަލާފައެއް ނޫނެވެ. އެއީ އެ އެއްޗެހީގެ ހަށިގަނޑުގައިވާ ގުދުރަތީ "ސިރްކާޑިއަން ރިދަމް" (Circadian rhythm) ނުވަތަ ބަޔޮލޮޖިކަލް ގަޑިއަށް ބަލައިގެންނެވެ. މީގެ އިތުރުން ހެނދުނު ދޫނިސޫފާސޫފީގެ އަޑުފައްގަނޑަކީވެސް މީހުންނަށް ހޭލުމަށް ލިބުނު ބޮޑު އެހީއެކެވެ.
3. އަޅުކަމުގެ ބޭނުމަށް ވަގުތު ބެލުން
އެކި ދީންތަކުގެ އަޅުކަންތަކަށް ގަޑިއަށް ހޭލުމަކީ މާޒީގައި ވަރަށް ބޮޑު އިސްކަމެއް ދެވުނު ކަމެކެވެ. ޔޫރަޕުގެ މެދުޒަމާނުގައި، އަވަށު ކަނބަލި (Church bells) އެކި ގަޑިގަޑިއަށް ޖެހުމުން މީހުންނަށް ވަގުތު އެނގެއެވެ. މި ކަނބަލިތައް ޖަހާ މީހުން ވަގުތު ބަލަނީ ވެލި ގަޑި (hourglass) ބޭނުންކޮށްގެންނެވެ.
ގޭގޭގައި އުޅޭ ޚާއްސަ ވެރިންނަށް ހޭލުމަށްޓަކައި ޚާދިމުން ބޭނުންކުރިއެވެ. ގޭގެ ޚާދިމުން އެންމެ ފުރަތަމަ ހޭލައި، ވެރިންގެ ކޮޓަރި ދޮރުގައި ކަނބަލި ޖަހައިގެން ނުވަތަ ޓެޕްކޮށްގެން ހޭލުވުމަކީ އާންމު ކަމެކެވެ.
4. އުށްބައްތި، ފެން އަދި އޫދުގެ އަލާމްތައް
އެންޝަންޓް ނުވަތަ ގަދީމީ ޒަމާނުގައިވެސް އަމިއްލަ އަލާމްތައް ބޭނުންކޮށްފައިވެއެވެ:
- އުށްބައްތި ގަޑި (Candle Clocks): ގަދީމީ ޗައިނާ އަދި ޔޫރަޕުގައި، އުށްބައްތީގައި ވަކި މިންވަރަކަށް އިނގިލި ނުވަތަ ދަގަނޑު ކަށި ޖަހާފައި ހުރެއެވެ. އުށްބައްތި އަނދަމުންގޮސް އެ ކަށި ހުންނަ ހިސާބަށް ފޯރުމުން، ތިރީގައި ހުންނަ ތާސްގަނޑަށް ކަށި ވެއްޓިޖެހޭ އަޑަށް މީހުން ހޭލައެވެ.
- އޫދު ގަޑި (Incense Clocks): ޗައިނާގައި އޫދުދަނޑި އަނދައިގެން ގޮސް، އޭގައި ރޯނުފަށަކުން ބަނދެފައި ހުންނަ ދަގަނޑު ބޯޅަތައް ތިރީގައިވާ ތާސްގަނޑަށް ވެއްޓި އަޑުފައްގަނޑު އުފައްދައެވެ.

- ފެން ގަޑި (Water Clocks / Clepsydra): ގަދީމީ ޔޫނާނުގައި (Greco-Roman) ފިލޯސަފަރު ޕްލޭޓޯ ވަނީ ފެން ގަޑިއަކަށް ވައިގެ ނުފޫޒު ބޭނުންކޮށްގެން، ވަކި ވަގުތެއްގައި ސިއްލީގެ އަޑެއް (whistle) ގޮވާފަދަ އަލާމެއް އީޖާދުކުރައްވާފައެވެ.
5. މެކޭނިކަލް ގަޑިތަކުގެ ފެށުން
13 ވަނަ އާއި 14 ވަނަ ގަރުނާ ދެމެދު މެކޭނިކަލް ގަޑިތައް އުފެދެން ފެށިއެވެ. 15 ވަނަ ގަރުނުގެ ފަހުކޮޅު ގޭގޭގައި ހިއްޕާ ގަޑިތަކުގައި ކަށިޖަހައިގެން އަލާމް ސެޓުކުރެވޭ ގޮތް ހެދިއެވެ.
ނަމަވެސް، ފުރަތަމަ އަމިއްލަ މެކޭނިކަލް އަލާމް ކްލޮކް 1787 ގައި އީޖާދުވި ނަމަވެސް، އާންމުކޮށް އެތަކެތި ލިބެން ފެށީ 1876 ގެ ފަހުންނެވެ. އަދި އޭރުވެސް އަގުބޮޑުކަމުން އާންމުންނަށް އެ ބޭނުންކުރެވޭ ގޮތްވީ 1920 ގެ އަހަރުތަކުގެ ތެރޭގައެވެ.
6. މާޒީން އަހަރެމެންނަށް ލިބޭ ނިދުމުގެ އިރުޝާދުތައް
އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ދަ ސަންޝައިން ކޯސްޓުގެ ޕްރޮފެސަރު ފާތިމާ ޔާގޫތު ފާހަގަކުރައްވާ ގޮތުގައި، މާޒީގައި މީހުން ހޭލުމަށް ބޭނުންކުރި ގުދުރަތީ އުސޫލުތަކުން މިއަދުގެ ސިއްހަތަށްވެސް ބޮޑެތި ފައިދާތަކެއް ލިބިދޭނެއެވެ:
- ހެނދުނުގެ އަލިކަން: ހެނދުނު އިރުގެ އަލިކަމަށް ހަށިގަނޑު ހުށަހެޅުމަކީ ހަށިގަނޑުގެ "ސިރްކާޑިއަން ރިދަމް" ރަނގަޅުކޮށް، ރޭގަނޑު އަވަހަށް ނިދުމަށް އެހީވެދޭ ކަމެކެވެ.
- ގަވާއިދުން ނިދުމުގެ އާދަ: ގަދީމީ ޔޫނާނީ ބޭސްވެރިކަމުން ފެށިން، ވަކި ގަޑިއަކަށް ނިދައި ވަކި ގަޑިއަކަށް ހޭލުމަކީ ސިއްހަތަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކުނެވެ. ގަވާއިދުން ވަކި ގަޑިއަކަށް ނިދާނަމަ، އަލާމަކާ ނުލައިވެސް ވަގުތަށް ހޭލުމުގެ ގާބިލުކަން ހަށިގަނޑަށް ލިބިގެންދެއެވެ.

- ނިދާ ކޮޓަރީގެ މާހައުލު: ނިދުމުގެ ކުރިން ބަރު ކެއުންތަކާއި، ސީނީގެ ބާވަތްތަކާއި، ފޯނު/ޓީވީގެ އަލިކަމާ ދުރުވުމަކީ އަރާމު ނިދި ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.