ހދ.ކުރިނބީ ގޭބިސީތަކަށް އެރަށު ކައުންސިލުން ގަސް ހަދިޔާކޮށްފި
ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން ހދ ކުރިނބީ ގޭގެއަށް އެ ރަށު ކައުންސިލުން ގަސްހަދިޔާކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ކުރިނބީ ކައުންސިލްގެ ރައީސް އަލީ ވިސާމް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ކުރިނބީގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ގަސްހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ގަސްތަކަކީ ކައުންސިލުން އެދިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗުން ފޯރިކޮށްދީފައިވާ ގަސްތަކެއް ކަމަށެވެ.
މިޕްރޮގްރާމާ ބެހޭގޮތުން ވިސާމް ވިދާޅުވީ 150 ގޭބިސީއަކަށް، ހަދިޔާކުރާ މި ގަސްތަކުގެ ތެރޭގައި ބަނބުކެޔޮ، ޖަނބުރޯލު އަދި ބިލިމަގުގަސް ހިމެނޭކަމަށެވެ.
އަދި މި ހަރަކާތުގައި ބާކީވާ ގަސްތަކާއި އާންމު ފަރާތްތަކުން ކައުންސިލަށް ފޯރުކޮށްދީފައިވާ ގަސްތައް ބޭނުންކޮށްގެން ގަސް އިނދުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ޕްރޮގުރާމް ބާއްވާނެ ތާރީޚެއް އަދި ނިންމާފައެއް ނުވެއެވެ.
ކުރިނބީ ކައުންސިލްގެ އެންމެ ބޮޑު އެއް އަމާޒަކީ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހޯމް ގާޑެނިންގއަށް މީހުން އަހުލުވެރިކުރުވުން ކަމަށާއި އަދި ކުރިނބީ އަކީ ފެހިކަންގަދަ ރަށެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ.
އެ ކައުންސިލުން މީގެކުރިންވެސް ރަށުގެ އާންމު ސަރަހައްދުތަކުގައި އަނބު ގަސް އިންދުމުގެ ޕްރޮގުރާމެއް ވަނީ ވަރަށް ކާމިޔާބުކަމާއެކު ހިންގާފައެވެ.

