ޔޫރަޕުގެ އެއްބައެއް ފްލައިޓްތަކަށް ބޮމްބުގެ އިންޒާރު؛ ދަތުރުތަކަށް ހުރަސްތައް
ޔޫރަޕުގެ އެކި ޤައުމުތަކަށް ދަތުރުކުރި ވިޔަފާރި މަތިންދާބޯޓުތަކަކަށް އަމާޒުކޮށް ނޮވެމްބަރު 3 ވަނަ ދުވަހު ފޮނުވި ބޮމުގެ އިންޒާރުތަކަކާ ގުޅިގެން، މަދުވެގެން ހަތް ފްލައިޓެއްގެ ދަތުރުތަކަށް ބޮޑެތި ބުރޫއަރައި، ސަލާމަތީ ބާރުތަކުން ކުއްލި ޙާލަތުގައި ޙަރަކާތްތެރިވާން ޖެހިއްޖެއެވެ. ނަމަވެސް، އެ ބޯޓުތައް ބަލައި ފާސްކުރުމަށްފަހު ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއީ ހަޤީޤަތެއް ނެތް، ދޮގު (ހޯކްސް) އިންޒާރުތަކެކެވެ .
މި އިންޒާރުތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ލަންޑަން ހީތުރޯއިން ޕޮލެންޑްގެ ވެރިރަށް ވޯރސޯއަށް ދަތުރުކުރި އެ ޤައުމުގެ ޤައުމީ އެއަރލައިން، އެލްއޯޓީ (LOT) ޕޮލިޝް އެއަރލައިންސްގެ ފްލައިޓް ވަނީ ކައިރީގައި އޮންނަ ވޯރސޯ މޮޑްލިން އެއަރޕޯޓަށް ޑައިވަރޓްކޮށް، ކުއްލި ޙާލަތުގައި ޖައްސާފައެވެ . މި ބޯޓު ބަލައި ފާސްކުރުމަށްޓަކައި އެ އެއަރޕޯޓުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ . މީގެ އިތުރުން ޑެންމާކުގެ ކޯޕަންހޭގަން އިން ވޯރސޯއަށް ދަތުރުކުރި ސްކެންޑިނޭވިއަން އެއަރލައިންސް (އެސްއޭއެސް) ގެ ފްލައިޓެއް ވޯރސޯ ޝޯޕިން އެއަރޕޯޓުގައި ޖެއްސުމާއެކު، ސަލާމަތީ ފިޔަވަޅުތަކާއެކު ބޯޓު ވަނީ ފާސްކޮށްފައެވެ.
އިޓަލީވިލާތުގެ ރޯމް ފިއުމިޗީނޯ އެއަރޕޯޓަށް ދަތުރުކުރި ރަޔަންއެއަރގެ ދެ ފްލައިޓަކަށްވެސް މިފަދަ ބިރުވެރި އިންޒާރުތައް ލިބުނެވެ. މީގެ ތެރެއިން އަޔަލެންޑްގެ ޑަބްލިންއިން ރޯމަށް ދަތުރުކުރި ފްލައިޓަށް އިޓަލީގެ ވައިގެ އަސްކަރިއްޔާގެ ފައިޓަރ ޖެޓްތަކުން ވައިގެ ތެރޭގައި އެސްކޯޓް ދީފައިވާއިރު، ޕޯޗުގަލްގެ ލިޒްބަންއިން ރޯމަށް ދަތުރުކުރި ރަޔަންއެއަރގެ އަނެއް ފްލައިޓް ޖެއްސުމާއެކު ސަލާމަތީ ބާރުތަކުން ވަނީ ބަލައި ފާސްކޮށްފައެވެ .
ހަމައެއާއެކު، އިޓަލީގެ މިލާން ބާގަމޯއިން ބަލްގޭރިއާގެ ސޯފިއާއަށް 176 ފަސިންޖަރުންނާއެކު ދަތުރުކުރި ވިޒް އެއަރގެ ފްލައިޓަކަށާއި، ޑަބްލިންއިން ސޯފިއާއަށް 186 ފަސިންޖަރުންނާއެކު ދަތުރުކުރި ރަޔަންއެއަރގެ ފްލައިޓަކަށްވެސް އިންޒާރު ލިބުމާ ގުޅިގެން، ސޯފިއާ އެއަރޕޯޓުގައި ޚާއްޞަ ސަލާމަތީ އޮޕަރޭޝަނެއް ހިންގިއެވެ . އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާއިން ސްޕެއިންގެ މުރުސިއާއަށް ދަތުރުކުރި ރަޔަންއެއަރގެ ފްލައިޓަށް އިންޒާރު ލިބުމާއެކު، މުރުސިއާ އެއަރޕޯޓުގައި ސަލާމަތީ ކޯޑަންއެއް އަޅައި، ބޯޓުން ދަތުރުކުރި މީހުންނާއި ތަކެތި ވަނީ ތަޙުޤީޤުކޮށްފައެވެ.
މި ހުރިހާ ފްލައިޓެއްވެސް އެއްވެސް ނުރައްކަލެއް ނެތި ސަލާމަތުން ޖައްސާފައިވާއިރު، ކަމާބެހޭ ބޮމް ސްކޮޑްތަކާއި ޚާއްޞަ ސަލާމަތީ ޓީމުތަކުން ބެލިބެލުމުން އެއްވެސް ބޯޓަކުން ގޮވާޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ހާދިސާގެ އެއް ދުވަސް ކުރިން، ނޮވެމްބަރު 2 ވަނަ ދުވަހުވެސް ލަންޑަނުން ސޯފިއާއަށް ދަތުރުކުރި ވިޒް އެއަރގެ ފްލައިޓަކަށް ދޮގު އިންޒާރެއް ލިބިގެން ހަންގޭރީގެ ބުޑަޕެސްޓަށް ޑައިވަރޓްކުރަން ޖެހުނެވެ .
ޔޫރަޕުގެ އޭވިއޭޝަން އިދާރާތަކުންނާއި އިނގިރޭސި ސަރުކާރުން ވަނީ މިއީ ވައިގެ ދަތުރުފަތުރަށް ބުރޫއަރުވާލުމުގެ ނިޔަތުގައި ގަސްދުގައި ރާވައިގެން ދިން ދޮގު އިންޒާރުތަކެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ . މި އިންޒާރުތަކުގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ޖަމާޢަތަކުން އުފުލާފައި ނުވި ނަމަވެސް، މި އަމަލުތަކުގެ ފަހަތުގައިވަނީ ކޮން ބައެއްތޯ ދެނެގަތުމަށް ޔޫރަޕުގެ ޖާސޫސީ އަދި ސަލާމަތީ އިދާރާތަކުން ގުޅިގެން މިހާރު ދަނީ ބައިނަލްއަޤްވާމީ ތަޙުޤީޤެއް ހިންގަމުންނެވެ.