Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
News Featured

ސްކޭމް ފައިސާ ދައުރުކުރުމަށް ޑްރައިވަރުންނާއި ޑެލިވަރީ ޕްލެޓްފޯމްތައް ބޭނުންކުރާތީ ސަމާލުވާން ފުލުހުން އަންގައިފި.

ސްކޭމް ފައިސާ ދައުރުކުރުމަށް ޑްރައިވަރުންނާއި ޑެލިވަރީ ޕްލެޓްފޯމްތައް ބޭނުންކުރާތީ ސަމާލުވާން ފުލުހުން އަންގައިފި.
photo:Mihaaru
ތަފްޞީލް

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސްކޭމް ހިންގާ ފަރާތްތަކުން ފަހަކަށް އައިސް ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންގެ އަމިއްލަ ބޭންކް އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށްފަހު، އެ ފައިސާ އޭޓީއެމުން ނަގައި އެހެން މީހަކާ ހަވާލުކޮށްދިނުމަށް އެދެމުންނެވެ. އަދި މިކަން ކޮށްދިނުމުގެ ބަދަލުގައި ދަތުރުގެ އަސްލު އަގަށް ވުރެ ބޮޑު އިތުރު ފައިސާއެއް ނުވަތަ ބޮޑު "ޓިޕްސް" އެއް ދޭނެ ކަމަށް ބުނެ ހުށަހަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ.


މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ބޭރުފުށުން ހީވި ނަމަވެސް، މިފަދަ މުއާމަލާތްތަކުގައި ބައިވެރިވުމަކީ ނޭނގި ނަމަވެސް މާލީ ބޮޑު ކުށެއްގެ ތެރެއަށް ވަދެވޭނެ ނުރައްކާތެރި ކަމެއް ކަމަށް ފުލުހުން އިންޒާރުދެއެވެ.


ސްކޭމް ހިންގާ ގޮތް


ފުލުހުން ބުނި ގޮތުގައި، މި ސްކޭމް ހިންގުމުގައި ސްކޭމަރުން އަމަލުކުރާ ގޮތަކީ:

  1. އެންމެ ފުރަތަމަ ޑެލިވަރީ ނުވަތަ ރައިޑް ހެއިލިން އެޕްލިކޭޝަނެއް މެދުވެރިކޮށް އާދައިގެ ދަތުރަކަށް ނުވަތަ ޑެލިވަރީއަކަށް ރިކުއެސްޓް ފޮނުވަނީއެވެ.
  2. ޑްރައިވަރު އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްތަކުން ބޭރުން ސީދާ ޑްރައިވަރަށް ފޯނުން ގުޅައި ތަފާތު ބަހަނާތައް ދައްކައެވެ.
  3. އެއަށްފަހު ޑްރައިވަރުގެ އަމިއްލަ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު، އެ ފައިސާ އޭޓީއެމުން ނަގައި ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކޮށްދިނުމަށް އެދެއެވެ.
  4. މިކަމަށް ޑްރައިވަރު އެއްބަސްކުރުވުމަށްޓަކައި އާދަޔާ ހިލާފު ބޮޑު ޓިޕްސް ދިނުމަށް ހުށަހަޅައެވެ.


ފުލުހުން ފާހަގަކުރި ގޮތުގައި، އެގޮތަށް އެކައުންޓަށް ޓްރާންސްފާ ކުރާ ފައިސާއަކީ އެހެން މީހުންނަށް އޮޅުވާލައިގެން ވަގަށް ނަގާފައިވާ ފައިސާއެވެ. އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ނޭނގި ނަމަވެސް އެހީތެރިވެވެނީ ވަގަށް ނަގާފައިވާ ފައިސާ ދައުރުކުރުމަށާއި (މަނީ ލޯންޑަރިންގ)، އެ ފައިސާ ދައުރުވި މަގު ފޮރުވުމަށެވެ.


ކުރިމަތިވެދާނެ ނުރައްކާތައް


އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަން ނޭނގުނު ކަމުގައި ވިޔަސް، މިފަދަ މުއާމަލާތްތަކުގެ ސަބަބުން އެކައުންޓުގެ ވެރިފަރާތަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި:

. އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ނުވަތަ ބޭނުންކުރުން ހުއްޓުވުން.

. ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހުގެ މާލީ މުއާމަލާތްތަކަށް ހުރަސްއެޅުން.

. މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުމާއި މާލީ ގޮތުން އެކަމަށް ޒިންމާވާން ޖެހުން.

. ޖިނާއީ ތަހުގީގުތަކަށް ހާޒިރުކޮށް، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުން.


ނަގުދު ފައިސާއާ ހަވާލުވުމަށްފަހު ސްކޭމަރުން ފިލައިގެން ދާއިރު، އެ ފައިސާއާ ގުޅިގެން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހޭނީ ސީދާ އެކައުންޓުގެ ވެރިފަރާތަށް ކަން ފުލުހުން ހަނދާންކޮށްދިނެވެ.


ފުލުހުންގެ އިލްތިމާސް


މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ފުލުހުން ވަނީ މުހިންމު ކަންތައްތަކަކަށް އިލްތިމާސްކޮށްފައެވެ. އެގޮތުން:

  • އެހެން މީހުންނަށް އަމިއްލަ ބޭންކް އެކައުންޓް ބޭނުންކުރަން ނުދިނުމާއި، ބޭންކިން މައުލޫމާތާއި އޯޓީޕީ (OTP) އެއްވެސް ފަރާތަކާ ހިއްސާނުކުރުން.
  • ދަތުރާއި ޑެލިވަރީ ފަދަ ހިދުމަތްތަކުގައި ހަމައެކަނި ހިދުމަތުގެ ސައްހަ އަގު އެކަނި ބަލައިގަތުން.
  • އެކައުންޓަށް ޝައްކުކުރެވޭ ފައިސާއެއް ޖަމާވެއްޖެ ނަމަ، އެ ފައިސާ ބޭނުންނުކޮށް ވަގުތުން ބޭންކަށާއި ފުލުހުންނަށް އަންގައި ހެކި ރައްކާތެރިކުރުން.


އަމިއްލަ އެކައުންޓަކީ ތިމާގެ އަމިއްލަ ޒިންމާއަކަށް ވާތީ، އެހެން ބަޔަކު ކުރާ ކުށެއްގެ ސަބަބުން ގާނޫނީ އަދި މާލީ ގެއްލުމަކާ ކުރިމަތިނުވާނެހެން ސަމާލުވެ، ޝައްކުކުރެވޭ ކަންކަން ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.




Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all