ރާޔާގެ އަނިޔާ އޮޕަރޭޝަނަކަށް ދާހާ ސީރިއަސް ނޫން، ކެޕާ ހުރުމަކީ ލިބޭ ހިތްހަމަޖެހުމެއް: އާޓެޓާ
އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާއަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭހާ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި، އޭނާގެ ބަދަލުގައި ތަޖުރިބާކާރު ކީޕަރު ކެޕާ އަރިޒަބަލާގާ ހުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސި ޕްރެމިއާ ލީގުގައި 2-2 އިން ނިއުކާސަލް ޔުނައިޓެޑާ އެއްވަރުވި މެޗުގެ ދެވަނަ ހާފުގައި ރާޔާއަށް އަނިޔާވެގެން ދަނޑުން ބާލަން ޖެހުނެވެ. އުމުރުން 31 އަހަރުގެ ރާޔާ ދަނޑުން ފައިބައިގެން ދިޔައީ ވާތު ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުމަތީގައި ފަރުވާ ވެސް ހޯދުމަށް ފަހުގައެވެ.

މި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު އާޓެޓާ ބުނީ، ރާޔާ ނެތްތަނަށް ކެޕާ އަރިޒަބަލާގާ ފަދަ ތަޖުރިބާކާރު ގޯލްކީޕަރެއް ހުރުމަކީ ޓީމަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެންމެ ބޮޑު އުފަލަކީ ރާޔާއަށް ލިބުނު އަނިޔާ ހީކުރިހާ ސީރިއަސް އަނިޔާއަކަށް ނުވުން ކަމަށް ވެސް އާޓެޓާ ފާހަގަކުރިއެވެ.
މިދިޔަ ސީޒަނުގައި 22 އަހަރުގެ މެދުކެނޑުމަކަށް ފަހު އާސެނަލުން އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ރާޔާ ވަނީ ގޯލު ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން، މި ފަހަރުގެ ޕްރެމިއާ ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން ހަތް މެޗުގައި ރާޔާ ގޯލުގައި ހުރެގެން ކުޅުނުއިރު، އެ މެޗުތައް އާސެނަލުން ނިންމާލީ ކޮޅަށް އެއްވެސް ގޯލެއް ނުވަދެއެވެ.
އާސެނަލް ދެން އެންމެ އަވަހަށް ކުޅެން ޖެހޭ މެޗުގައި، ޖަރުމަނުގެ ބުންޑެސްލީގާގެ އެއްވަނައިގައި މިވަގުތު އޮތް ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގައި ރާޔާއަށް ނުކުޅެވޭނެކަން އާޓެޓާ ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރިން ބްލެކްބާން ރޯވާސް އާއި ބްރެންޓްފޯޑަށް ކުޅުނު ރާޔާ، 2023/2024 ވަނަ ސީޒަނުގައި ފުރަތަމަ އާސެނަލަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެ ލޯން މުއްދަތު ހަމަވުމާއެކު، ބްރެންޓްފޯޑަށް 30 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އާސެނަލުން ވަނީ ރާޔާގެ ސޮއި ދާއިމީކޮށްފައެވެ.

