މިންގަނޑުތައް ދަށްކުރަން ބާ ކައުންސިލަށް އެންގުމުގެ ބާރެއް މަޖިލީހަކަށް ނެތް: މައުމޫން ޙަމީދު
ޤާނޫނީ ތަޢުލީމާއި އިމްތިޙާނުގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރަން ބާ ކައުންސިލަށް އެންގުމުގެ އެއްވެސް ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބިގެން ނުވާ ކަމަށް، ބާ ކައުންސިލްގެ ކުރީގެ ރައީސް އަދި ޤާނޫނީ ވަކީލު މައުމޫން ޙަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ޙަމީދު މި ވާހަކަ ވިދާޅުވީ، ބާ އިމްތިޙާނު މަތީ ތަޢުލީމު ޙާޞިލުކުރާ މަރުކަޒަށް ޙާޟިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ޤަވާޢިދަށް ގެނައި ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރުމަށް އެ ކައުންސިލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމާ ގުޅިގެން، ސޯޝަލް މީޑިއާ ޕްލެޓްފޯމް «އެކްސް» ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މައުމޫން ވިދާޅުވީ، ބާ ކައުންސިލަކީ ޤާނޫނުން އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން ފަންނެއް ކަމަށެވެ. އަދި ޤާނޫނީ ތަޢުލީމުގެ ފެންވަރާއި ވަކީލުކަމުގެ ދާއިރާއަށް ވަނުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރުމަށް އެއްވެސް ކަމެއް ކުރުމަށް ބާ ކައުންސިލަށް އެންގުމުގެ އެއްވެސް ބާރެއް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަކަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބާ ކައުންސިލުގެ ޤަވާޢިދަށް ގެނައި އިޞްލާޙާ ގުޅިގެން އޮންލައިންކޮށް އިމްތިޙާނު ހަދަމުން އައި ބައެއް ދަރިވަރުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ޖުޑިޝަރީ ކޮމިޓީން ވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުން އެ އުޞޫލުން އިސްތިސްނާކުރުމަށް ބާ ކައުންސިލަށް އެންގުމަށް ފާސްކޮށްފައެވެ.
ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލަކީ، ޤާނޫނީ ދާއިރާގެ ތަޢުލީމީ މިންގަނޑުތައް ކަނޑައެޅުމާއި، ވަކީލުކަމުގެ ހުއްދަ ދިނުމުގެ އިތުރުން ދާއިރާގެ ސުލޫކީ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ބާރު ޤާނޫނުން ލިބިދީފައިވާ މިނިވަން މުއައްސަސާއެކެވެ.
އެހެންކަމުން، ޤާނޫނީ ވަކީލުންގެ ފެންވަރު ރަނގަޅުކުރުމަށް އެ ކައުންސިލުން އެކުލަވާލާ ފަންނީ އަދި ތަޢުލީމީ އުޞޫލުތަކަށް މަޖިލީހުގެ ކޮމިޓީއަކުން ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ޢަމަލުކުރަން އެންގުމަކީ، ޤާނޫނުން އެ ކައުންސިލަށް ލިބިދީފައިވާ މިނިވަންކަމަށް އުނިކަން އަންނާނެ ކަމެއް ކަމަށް ޤާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.
