މިދިޔަ އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް ރިޕޯޓުކޮށްފި.
މިނިސްޓްރީން އާންމުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން، އޮކްޓޯބަރު މަހު ހުށަހެޅުނު އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅުންހުރި 62 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 47 މައްސަލައެކެވެ.
އެންމެ ގިނައިން ރިޕޯޓުކުރި މައްސަލަތައް
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 27 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 18 އަންހެން ކުދިންނާއި ނުވަ ފިރިހެން ކުދިންގެ މައްސަލައެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މި ބާވަތުގެ 24 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 18 އަންހެން ކުދިންނާއި ހަ ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލަތަކެވެ.
މީގެ އިތުރުން މިނިސްޓްރީއަށް ހުށަހެޅުނު އަނިޔާގެ އެހެނިހެން މައްސަލަތަކުގެ ތަފްސީލަކީ:
- ޖިސްމާނީ ހާނިއްކަ: 19 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުން: 14 މައްސަލަ
- ނަފްސާނީ ގޮތުން އިހުމާލުވުން: 9 މައްސަލަ
- ނަހަމަ ގޮތުގައި ބޭނުންކުރުން: 5 މައްސަލަ
- އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން (ބުލީކުރުން): 4 މައްސަލަ
- ބިރުދެއްކުން ނުވަތަ ބްލެކްމެއިލް ކުރުން: 3 މައްސަލަ
- ކުޑަކުދިންގެ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތަކާ ގުޅޭ: 2 މައްސަލަ
- ކުޑަކުދިން ޖިންސީ ގޮތުން "ގްރޫމް" ކުރުން: 1 މައްސަލަ
- ފުރައްސާރައިގެ ޝިކާރައަކަށްވުން: 1 މައްސަލަ
ކުދިންގެ އަހުލާގީ މައްސަލަތަކާއި ހައްގުތަކާ ގުޅޭ މައްސަލަތައް
އަނިޔާގެ މައްސަލަތަކުގެ އިތުރުން، ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅޭ 35 މައްސަލައެއް ވެސް އޮކްޓޯބަރު މަހު އެ މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 6 މައްސަލަ
- ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ
- ގެއިން ނުކުމެގެން ދިއުމުގެ 5 މައްސަލަ
- އަހުލާގީ އެހެނިހެން 18 މައްސަލަ
ހަމައެއާއެކު، ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ތިން މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އެއީ އުފަންވުން ރަޖިސްޓްރީ ކުރުމާ ބެހޭ ދެ މައްސަލައަކާއި، އައިޑީ ކާޑު، ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ އެއް މައްސަލައެވެ.
