ސިޔާސީ ވަކިފިކުރަކަށް ބަލައިގެން އެއްވެސް މުވައްޒަފެއްގެ ހައްގުތައް ގެއްލިގެން ނުވާނެ: ފައިސަލް ނަސީމް
ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާކަމަށް ދެކިގެން މުވައްޒަފުންގެ ޙައްގުތައް ނިގުޅައިގަނެ ނިކަމެތިކަން ލިބޭގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކުރީގެ ނާއިބް ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި މަހިބަދޫ ފެނަކަ ބްރާންޗުގްގައި ވަޒީފާ އަދާކުރަމުން އައި 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމާ ގުޅިގެން އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާނާ ގުޅިގެންނެވެ.
ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގައި މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކޮށްދީފައިވާ މިންވަރު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެފަދަ ބަދަލުތަކެއް ގެނައި ނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ އެކަން ކުރަންވާނީ ޤަވާއިދުތަކާ އެއްގޮތަށް އަދި މުވައްޒަފަށް ލިބެންޖެހޭ އެންމެހާ ޙައްގުތައް ކަށަވަރުކޮށްދިނުމަށްފަހުގައި ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫނުން ލިބިދީފައިވާ ރައްކާތެރިކަން ޤަބޫލުކޮށް، ހުރިހާ ފަރާތްތަކުންވެސް އެކަމަށް އިޙުތިރާމްކުރަންޖެހޭނެ ކަމަށް ފައިސަލް ނަސީމްގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.