ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކާއި ޖަމިއްޔާތަކަށް ޑިސެމްބަރު 2 ގެ ނިޔަލަށް ހުޅުވާލައިފި
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ "އީގަލް ހިލްސް" ކުންފުންޏަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުމަށް ގާނޫނީ ސައްހަކަން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ދިރާސާކުރާއިރު، ކޮމިޓީއަށް ހާޒިރުވެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކާއި ދީނީ އަދި މަދަނީ ޖަމިއްޔާތަކަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެ ކުންފުންޏަކީ އިޒްރޭލާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށް ފާހަގަކުރެވެއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ސުޖާއުއެވެ. އޭނާ ހުށަހެޅުއްވި ގޮތަށް ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައިވަނީ، ހިޔާލު ހުށަހަޅަން އެދޭ ޕާޓީތަކާއި ޖަމިއްޔާތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޑިސެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށެވެ.
މި ނިންމުން މިއަދު ފާސްކުރި ނަމަވެސް، މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު އެފަދަ ހުށަހެޅުމެއް ހުށަހެޅުއްވުމުން، ޕީއެންސީ މެންބަރުން އޭރު އެކަމަށް ތާއީދުކުރައްވާފައެއް ނުވެއެވެ.
މުއައްސަސާތައް ހާޒިރުކުރުމުގެ ނިންމުމަށް ބަދަލު
މިއަދުގެ ބައްދަލުވުމުގައި ވަނީ، ކުރީގެ ބައްދަލުވުމެއްގައި ކަމާބެހޭ މިނިސްޓްރީތަކުން ލިޔުމުން ޖަވާބު ހޯދުމަށް ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދުމަށް ވެސް ނިންމާފައެވެ. އެގޮތުން، ރަސްމާލެ ދޫކޮށްލާ ބިލު ދިރާސާކުރުމުގެ ތެރޭގައި:
- އިކޮނޮމިކް މިނިސްޓްރީ
- ހައުސިން މިނިސްޓްރީ
- ފިނޭންސް މިނިސްޓްރީ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ވިޒިޓް މޯލްޑިވްސް
މި ފަރާތްތަކުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ބިލުގެ މަސައްކަތް ނިންމާ ތާރީޚާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން
އީގަލް ހިލްސްއަށް ރަސްމާލެ ދޫކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހިމެނޭ ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ކޮމިޓީން ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ ޑިސެމްބަރު 7 ވަނަ ދުވަހުގެ ކުރިންނެވެ.
މި ބިލުގެ މަސައްކަތް ކުރިއަށްދާއިރު، އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްއިން ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމަށް ފެންނަނުފެންނަ ވޯޓެއް ނެގުމަށް ވެސް އެ ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ.
