ރަސްމާލޭ ފަތުރުވެރި ސަރަހައްދުގައި ރަލާއި އޫރުމަހެއް ނުވިއްކޭނެ ޖުވާ ކުޅުންވެސް މަނާ!
ރަސްމާލޭގައި ފަތުރުވެރިކަމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ބަނގުރަލާއި އޫރުމަސް ވިއްކުމާއި ޖުވާކުޅުން މަނާކުރަން ގާނޫނެއް ހެދުމަށް ނިންމައި ދިވެހި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ރަސްމާލޭގައި ހިންގާ މަޝްރޫއަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ބިލެކެވެ. މި ބިލުގައިވާ ގޮތުން، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ހުޅުވާލެވޭ ތަނެއް ނަމަވެސް، އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ތަންތަން ހިންގުމަށް ވަނީ ޝަރުތުކޮށްފައެވެ.
މި ބިލުގައި ލިޔެ ބަޔާންކޮށްފައިވަނީ، ރަސްމާލެއިން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ދިވެހިރާއްޖޭގެ ގާނޫނު ހިނގާނެ ކަމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަމަށާއި، އަދި ދިވެހި ދައުލަތުގެ އިދާރާތައް އެ ޒޯނުގައި ތަމްސީލުވާނެ ކަމަށެވެ.
އަދި އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ޖުވާކުޅުމާއި، ދިވެހިރާއްޖޭގެ ގާނޫނާއި އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް އެ ސަރަހައްދުތަކުގައި ނުކުރެވޭނެ ކަމަށް ބިލުގައިވެއެވެ. މި ބިލުގައި ބުނެފައިވާ ގޮތުން ފަތުރުވެރިކަމުގެ ޒޯނުގައި ހިމެނޭ ތަންތަނުގައި ބަނގުރަލާއި އޫރުމަސް މަނާވާނެކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ހުއްދަ ދޫކުރާނީވެސް ރާއްޖޭގައި އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ. ފަތުރުވެރިކަމާބެހޭ ގާނޫނުގައި ބުނާގޮތުން ހުއްދަނަގައިގެން މިފަދަ ތަކެތި ވިއްކިދާނެއެވެ.
މި ބިލު ހުށަހަޅާފައި މިވަނީ، ރަސްމާލޭގައި ޒަމާނީ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތަކެއް ތަރައްގީކޮށް ހިންގުމަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީއަށް ނިސްބަތްވާ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރު 21 ގައި އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރެވެ.
