Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Politics Featured

މިރޭ އޮންނަ އެއްވުން ގާނޫނޫ ޚިލާވުވާނަމަ ވަގުތުން ހުއްޓުވާނެކަމަށް ފުލުހުން ބުނެފި

މިރޭ އޮންނަ އެއްވުން ގާނޫނޫ ޚިލާވުވާނަމަ ވަގުތުން ހުއްޓުވާނެކަމަށް ފުލުހުން ބުނެފި
ތަފްޞީލް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ބޭއްވުމަށް ރާވަމުންދާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެ އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް މިއަދު އަންގައިފިއެވެ.


ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމާފައިވާ އެއްވުމާ ގުޅޭގޮތުން އެ ކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.


އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއް ނުވުމަށާއި، އެއްވެސް ފަރާތަކަށް ދަތި ނުވާނެހެން އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.


މި އެއްވުން ބާއްވަނީ ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުން ގަރާރެއް ފާސްކޮށް، ސަރުކާރުން ވޯޓެއް ނުނަގައިފިނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ނިންމާފައި ވަނިކޮށެވެ.


'' ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ ބާރުތަކާއި މަސްއޫލިއްޔަތުތައް މިސުރުޚީގެ ޏ. ގައި ބަޔާންކޮށްފައިވަނީ، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވޯޓްނެގުން.'' މިކަމުގައި ރައްޔިތުންގެ ވޯޓް ނުނަގާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


މީގެ އިތުރުން، އިދިކޮޅު ހަރަކާތްތަކުން އުފައްދާފައިވާ "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް މަގުފަހިވެދާނެ ކަމަށާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކާ ނުލައި އެ މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ.


އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އެ މަޝްރޫއު ކުރިއަށް ގެންދާނީ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން، އިސްލާމްދީނާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރެވޭ ގޮތަށެވެ. އަދި ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ކަމަށާއި ދީނަށް އަސަރުކުރާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވިދާޅުވިއެވެ.


ރާއްޖޭގެ ގާނޫނުތަކުން ބޭރު މީހުންނަށް ބިން މިލްކުކުރުން މަނާކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތަށް ކުއްޔަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން ދިވެހި ދައުލަތަށް އެ ތަންތަން އަނބުރާ ވިއްކާލަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ސަރުކާރަށް ނޭނގި ތިންވަނަ ފަރާތަކަށް އެ ތަންތަން ނުވިއްކޭނެ ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަށް އެ ތަނުން އެއްވެސް މުދަލެއް ގަތުން ނުވަތަ ހޯދުން ގާނޫނުން މަނާކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all