Politics Featured

ސައުދީ އަރަބިއްޔާގެ މުހިއްމު އެއާޕޯޓްތަކަށާއި ތެޔޮ ފެސިލިޓީތަކަށް ހޫތީންގެ ހަމަލާތަކުގައި 18 މީހަކު މަރުވެއްޖެ 💥

Advertisement
ސައުދީ އަރަބިއްޔާގެ މުހިއްމު އެއާޕޯޓްތަކަށާއި ތެޔޮ ފެސިލިޓީތަކަށް ހޫތީންގެ ހަމަލާތަކުގައި 18 މީހަކު މަރުވެއްޖެ 💥
ތަފްޞީލް

ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އާދީއްތަ ދުވަހު އަލުން ދިން ހަމަލާއެއްގައި ޕާކިސްތާނު ރައްޔިތަކު މަރުވެ، އިތުރު 11 މީހަކު ޒަހަމްވެއްޖެ ކަމަށް އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

 

މި ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ޓާމިނަލް 4 އަށެވެ. މިއީ ހަމަ މި އެއާޕޯޓަށް ދިން އެހެން ހަމަލާއެއްގައި 13 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވިތާ އެއް ދުވަސް ފަހުން ދިން ހަމަލާއެކެވެ.

 

ރަސްމީ ރިޕޯޓުތައް ބުނާ ގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި ސައުދީގެ އެއާޕޯޓްތަކަށް އަމާޒުކޮށްގެން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18 އަށް އަރާފައެވެ. ޔަމަނުގެ ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މި ހަމަލާގެ ޒިންމާ ނަންގަވައި ވިދާޅުވީ، އެ ޖަމާއަތުން ރިޔާދާއި ދައްމާމްގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކުގެ އިތުރުން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި "ސައުދީ އަރަމްކޯ" ގެ ދެ ހަކަތަ ފެސިލިޓީއަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.

 

އޭގެ އިތުރުން، ދައްމާމް ކައިރީގައި އޮންނަ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓުގައި އާދީއްތަ ދުވަހުގެ ހަވީރު ޕާކްކޮށްފައި ހުރި މަތިންދާބޯޓުތަކެއް ކައިރިއަށް ޕްރޮޖެކްޓައިލްއެއް ވެއްޓި އަލިފާން ރޯވިއެވެ. މި ހާދިސާ ފެނުނު މީހުން ބުނި ގޮތުގައި ޓެކްސީ ކުރަމުންދިޔަ ބޯޓުތައް އަނބުރާ ގޭޓްތަކަށް ގެންގޮސް، ފުރަން ތައްޔާރުވެފައި ތިބި މީހުން ބޯޓުތަކުން ބާލައިފައިވާ ކަމަށެވެ. އަދި ފްލައިޓް ޓްރެކިންގ މައުލޫމާތުން ދައްކާ ގޮތުގައި މިކަމުގެ ސަބަބުން ދަތުރުތައް ވަރަށް ބޮޑަށް ލަސްވެ، ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކުރަން ޖެހިފައެވެ.

 

ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަން ފޯސްއިން މަޢުލޫމާތު ދޭ ގޮތުގައި، ރިޔާދުގެ އެއާޕޯޓް ކައިރިން ކްރޫޒް މިސައިލެއް، އިރުމަތީ ޕްރޮވިންސްއިން ޑްރޯނެއް އަދި ޚާމިސް މުޝައިތާ ދިމާއަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވަނީ ދިފާއުކޮށް ވައްޓާލާފައެވެ. ހޫތީން ވަނީ މާތްވެގެންވާ މައްކާއާއި މަދީނާ ފިޔަވައި، ސައުދީގެ ހުރިހާ އެއާޕޯޓްތަކާއި ވައިގެ ސަރަހައްދަކީ އަދިވެސް އެމީހުންގެ އަމާޒުތަކެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.

 

މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ ފަރާތްތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އިނގިރޭސި އެމްބަސީން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި ސައުދީގެ އެއާޕޯޓުތަކަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެމެރިކާގެ އޭވިއޭޝަން އިދާރާތަކުން ވަނީ އެމެރިކާގެ އެއާލައިންތަކުން ސައުދީގެ ވައިގެ ސަރަހައްދުގައި ނުވަތަ އެ ސަރަހައްދު ކައިރީގައި ދަތުރުކުރާއިރު ސަމާލުވުމަށް އަންގާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް