ތެލެސީމިއާ އަށް ފަރުވާ ހޯދާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭގޮތް ހަދައިފި
ތެލަސީމިއާއަށް ފަރުވާ ހޯދަން ދާ ފަރާތްތަކަށް އާރުޓީއެލް ފެރީއާއި ބަސް ދަތުރުތައް ހިލޭކޮށްދީފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ތެލަސީމިއާއަށް ފަރުވާ ހޯދަން ދާ ފަރާތްތަކަށް އާރުޓީއެލް ފެރީއާއި ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އެގޮތަށް ދަތުރުކުރެވޭނީ ތެލަސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިންނަށް ކަމަށް، ބަޔާނުގައިވެއެވެ.
މިހާރު ވެސް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށާއި އުމުރުން 65 އަހަރުން މަތީ މީހުންނަށާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނަށް އެމްޓީސީސީގެ ބަހުގައި ހިލޭ ދަތުރުކުރެވެއެވެ.
ސަރުކާރުން ވަނީ މި މަހުގެ 10ވަނަ ދުވަހު ތެލަސީމިއާ ޑިޖިޓަލް ކާޑު ވެސް ތައާރަފުކޮށްފައެވެ. އެ ބަދަލާއެކު، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓު ކާޑުގެ ބަދަލުގައި ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނޭ ޑިޖިޓަލް ކާޑު ލިބިގެންދާނެ ކަމަށް، ބްލަޑް ސާވިސަސްއިން އޭރު ބުނެފައިވެއެވެ.
މީގެ އިތުރުން ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް މިދިޔަ ފެބްރުވަރީ މަހުގެ އަށްވަނަ ދުވަހު ވަނީ ހުޅުވާފައެވެ.
ތެލަސީމިއާ ހުންނަ ކުދިންނާއި މީހުންނަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އެ ބަލި ހުންނަ ކުދިންނާއި މީހުންގެ އަދަދު 546 އަށް ވަނީ އަރާފައެވެ.
