ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ ޕްރައިމަރީއަށް ނުކުތީ ރައީސް ސޯލިހުގެ ތާއީދާއެކު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ނިންމެވީ އެ މަނިކުފާނުގެ ތާއީދުކުރައްވައިގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައިސަލް އާޒިމްގެ ޓީމުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމަކަށް ފަހު، "ސަންގު" ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައިސަލްއަށް ތާއީދު ކުރައްވާކަން ރައީސް ސޯލިހު އާންމުކޮށް އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ޕްރައިމަރީއާ މެދު ދެކެވަޑައިގަންނަވާ ގޮތަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ސޯލިހު ވިދާޅުވީ، ފައިސަލް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް އެ ޕްރައިމަރީގައި ވާދަކުރައްވަނީ އެ މަނިކުފާނާ މަޝްވަރާ ކުރައްވާފައި ކަމަށެވެ.
"އަޅުގަނޑު ތާއީދު ކޮށްގެން ކުރިމަތިލެއްވީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
"ފައިސަލް އާޒިމް" ގެ ނަމުގައި ރިޔާސީ ޕްރައިމަރީ ކެމްޕޭން ކުރިއަށް ގެންދާއިރު އެ ޓީމުން ކުރިންވެސް ބުނަމުން އައީ ރައީސް ސޯލިހުގެ ތާއީދު އެ ޓީމަށް އެބައޮތް ކަމަށާއި ކެމްޕޭން ކުރިއަށް ގެންދަނީވެސް ސޯލިހުގެ މަޝްވަރާގެ މަތިން ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭގޮތުން ސީދާ ވަކި އެއްޗެއް މީގެ ކުރިން ސޯލިހު ވިދާޅުވެފައެއް ނުވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި "ޓީމް އެމްޑީޕީ" ގެ ނަމުގައި ފައިސަލް އަދި އާޒިމްގެ ތާއީދާ އެކު ވާދަކުރާ 200 އެއްހާ ކެންޑިޑޭޓުންނަށް ވެސް ތާއީދު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

