ރަސްމާލެގެ ބިމުން ބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް

މިހާރު އެންމެ ބޮޑަށް ދެކެވޭ އެއްވާހަކައަކީ ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަސްމާލެގެ ބިމުން 500 ހެކްޓަރުވަރުގެ ބޮޑު ބިމެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއިއެކު ވެވިފައިވާ ވިޔަފާރި އެއްބަސްވުމުގެ ދަށުން 99 އަހަރަށް ދޫކުރި ވާހަކައެވެ. މި އެއްބަސްވުމުގެ މައިގަނޑު މުހިންމު ނުކުތާތަކަށް ބަލާލާއިރު،
· އެއްބަސްވުން ހެދިފައިވާ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގައި މިފަދަ ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ހިންގާފައިވާ އަދި ހިންގަމުން ގެންދާ ކުންފުންޏެއް،
· އެއްބަސްވުމުގެ އަގު 20 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ 308 ބިލިއަން ދިވެހި ރުފިޔާއަށް އަރާ،
· އެއްބަސްވުމުގެ ދަށުން އީގަލް ހިލްސްއަށް ލިބޭ ފައިސާގެ 10 އިންސައްތަ ދިވެހި ސަރުކާރަށް ދޭންޖެހޭ އަދި ވިއްކާ ކޮންމެ ޕްރޮޕަރޓީއަކުން 4 އިންސައްތައަށްވާ ފައިސާ ދިވެހި ސަރުކާރަށް ދޭންޖެހޭ،
· މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ އެޓް ރަސްމާލެ ނަމުގައި ހިންގާ ޕްރޮޖެކްޓްގެ ހުރިހާ މަރުހަލާއެއްގައިވެސް ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސްއަށް އެއްވެސް ވަރަކަށް ލުޔެއް ދީފައެއް ނުވޭ،
· މި އެއްބަސްވުމާއިއެކު އީގަލްހިލްސް ކުންފުނިން 5000 ހައުސިންގް ޔުނިޓް ހުޅުމާލޭގައި އެޅުމަށް ނިންމާފައިވޭ،
· އަހަރަކު 1 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވޭ އަދި 2 ބިލިއަން ޑޮލަރު ކޮންމެ އަހަރަކުވެސް ލިބޭނެ ކަމަށް އަންދާޒާކުރެވޭ،
ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ތަރައްގީކުރަމުން އަންނަ ރަސްމާލޭގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ ބަޔެއް މިގޮތަށް ބޭރުގެ ބަޔަކަށް ދޫކޮށްލުން މީ އެންމެ ފައިދާ ހުރި ގޮތްތޯ ކޮންމެ ދިވެހި ރައްޔިތަކުވެސް ސުވާލުކުރާނެއެވެ. އެހެންކަމުން މިކަމުގެ ހުރި ގޯސް އަދި ރަނގަޅު ކަންކަމަށް ރިއާޔަތްކޮށްލުމަކީ މުހިންމުކަމެކެވެ.

ރަސްމާލެ ބޭރުގެ ކުންފުންޏަކަށް ނުދޭންވީ ސަބަބުތައް
ރަސްމާލެ ބޮޑުބައެއް ބޭރުގެ ކުންފުންޏަކަށް ވިޔަފާރި އުސޫލުން ދިނުމަކީ ރަސްމާލޭ ހިއްކުމުގެ މައިގަނޑު މަގްސަދާއި ފުށުއަރާކަމެކެވެ. ރަސްމާލެ ހިއްކަންޖެހުނު ސަބަބަކީ މާލެ ސަރަހައްދުގައި އުފެދިފައިވާ ބޯހިޔާވެހިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ބޭނުމުގައެވެ. އެންމެ ފަހުން ހުޅުވާލެވުނު ހައުސިންގް ސްކީމަށްވެސް ބައިލައްކައަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅުމުން މާލެ ސަރަހައްދުގައި ބޯހިޔާވެހިކަމުގެ މައްސަލަ އޮތް މިންވަރު ކޮންމެ މީހަކަށްވެސް ވަޒަންކޮށްލެވޭނެއެވެ. ރަސްމޭލެއިން މިވަރުގެ ބައެއް ގެއްލުމުން ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ގޮންޖެހުންތަކާއި ކުރިމަތިވާނެކަން ކަށަވަރެވެ. ސަބަބަކީ ހުޅުމާލެ ފޭސް 1 ފުރި ހުޅުމާލެ ފޭސް 2 ފުރި، ހުޅުމާލެ ފޭސް 3 ހިއްކައި އެތަނުން ގޯތި ދޫކޮށް، އެވަރުން ނުވެގެން ގުޅީފަޅާއި ގިރާވަރުފަޅުވެސް ހިއްކައި ގޯތިތައް ބަހައި ބިންތައް މިވަނީ ހުސްކޮށްފައެވެ. މިހެންކަމުން ރަސްމާލެއިން ހިއްކާބިމުން ބޯހިޔާވެހިކަން ލިބޭނެ ކަމަށް އުއްމީދުކުރި އެތަކަށް ބަޔަކަށް ބޯހިޔާވެހިކަމުން މަހުރޫމްވާންޖެހުމުގެ ފުރުސަތު މިކަމާއި ގުޅިގެން އައުން އެކަށީގެންވެއެވެ. އަދި މިސަރަހައްދުގެ އާބާދީ ދެލައްކަ ފަހަނައަޅާ ދާއިރު ކުރިއަށް އޮތް މުސްތަގުބަލުގެ ޖީލުތަކަށް މިސަރަހައްދުން ބޯހިޔާވެހިކަން ފޯރުކޮށްދޭނެ ބިން މިދަނީ ހުސްވަމުންނެވެ.
ރަސްމާލެއަކީ މުސްތަގުބަލުގައި ރާއްޖޭގެ މައި ހަބަކަށް ބަދަލުވާނެ ސިޓީއަކަށްވާތީ މިސިޓީގެ ބޮޑުބައެއް މިގޮތަށް ވަކި ކުންފުންޏެއްގެ ބެލުމުގެ ދަށަށް ދިއުމަކީ އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން މުސްތަގުބަލުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމެކެވެ. އިގްތިސާދީގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ރިސޯޓް ވިޔަފާރިއަށް ވީގޮތަށް ރަސްމާލޭގައި ހިންގާ ވިޔަފާރިތަކުގެ ކޮންޓްރޯލް ދިވެހިންނަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އިޖްތިމާއީ ގޮތުން ބަލާނަމަ ރަސްމާލޭގެ ސަހަރުގައި ދިރިއުޅޭ ދިވެހިންނާއި އަދި ވޯޓަރފްރަންޓް ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ އިންކަމް އީކުއަލިޓީ ހާސްބައި ތަފާތުވާނެތީ ދިވެހިން އިތުރަށް ނިކަމެތިވުމުގެ ފުރުސަތު ބޮޑެވެ. އަދި ސިޔާސީ ގޮތުން ވިސްނާއިރު ސިޔާސީ ފަރާތްތައް ނިންމާ ނިންމުންތަކުގައި މިތަން ކޮންޓްރޯލްކުރާ ވިޔަފާރިވެރިންގެ ނުފޫޒު އިތުރަށް ފުޅާވެ ދިވެހިންނަށް ލިބޭނެ ފުރުސަތުތައް ހަނިވުން ހިމެނެއެވެ.

ރަސްމާލެ ޕްރޮޖެކްޓް ދޭންވީ ސަބަބުތައް
ހުޅުމާލެ ފޭސް 1 އަދި 2 ގެ ތިން ގުނަ ބޮޑު ރަސްމާލެއިން ބަޔެއް ބޭރުގެ ގާބިލު ހުރި ކުންފުންޏަކަށް ދީގެން އަވަސް މުސްތަގުބަލެއްގައި ތަރައްގީކުރުމަކީ ދިވެހިންނަށް އޮތް އެންމެ ރަގަޅުގޮތްކަމުގައި ބުނެވިދާނެއެވެ. މިވަރުގެ ބޮޑު ސަރަހައްދެއް ހިއްކައި، ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކޮށް އެކަން ކަން ބެލެއްހެއްޓުމުގެ ކެޕޭސިޓީ މިވަގުތު ދިވެހި ދައުލަތުގައި ނެތެވެ. ހުޅުމާލެ ފޭސް 2 ހިއްކާފައި އޮންނަތާ 8 އަހަރަށްވުރެ ގިނަ ދުވަސް ވޭތު ވެގެންދާއިރު އަދިވެސް ފޭސް 2 ގިނަ ސަރަހައްދު އަދި ފޭސް 3 ގެ ސަރަހައްދު އޮތީ ހިއްކި ގޮތަށެ ބުންޏަސް ދޮގަކަށްނުވާނެއެވެ. އެއްފަސްގަޑަކުން ގުޅިފައިވާ ހުޅުމާލެ 8 އަހަރުން ތަރައްގީކޮށް ނިމުމަކާއި ގާތަށްވެސް ނާންނައިރު 40 މިނެޓުން ފެރީގައި ދެވޭ ހިސާބުގައި އޮތް ރަސްމާލެ ތަރައްގީކުރުމަށް 20-25 އަހަރު ހޭދަވާނެކަން ކަށަވަރެވެ. އެހެންކަމުން އަވަސް އަދި ހަލުވި ތަރައްގީ ރަސްމާލެއަށް ގެންނަން މި ޕްރޮޖެކްޓަކީ މުހިންމު ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ގައުމަށް ބޭރުފައިސާވަނުން އިތުރުވެ މިކަމާއި ގުޅުންހުރި އެތަކެއް ވިޔަފާރިތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.
ރަސްމާލެ ފަދަ ބިޔަ ސިޓީއެއްގެ ދިރިއުޅޭ މީހުންނަށް ވަޒީފާ އަދި އާމްދަނީ ލިބޭނެ ގޮތް މަގުފަހިވުމަކީ އެ ސިޓީގައި އުޅޭ ފަރާތްތަކަށް ކޮންމެހެން ބޭނުންތެރިކަމެކެވެ. މިފަދަ ޕްރޮޖެކްޓަކާއިއެކު ބައިވަރު ވަޒީފާތަކާއި މަސައްކަތްތައް އުފެދި ދިވެހިންނަށް އޭގެއިން މަންފާ ލިބުމަކީ މި ޕްރޮޖެކްޓުން ހާސިލްވެދާނެކަމެކެވެ. އަދި ރަސްމާލޭގައި ވަޒަންވެރިވާ ފަރާތްތައް ރަސްމާލެއިން ނުފައިބައި އާމްދަނީ ހޯދޭނެ ގޮތްތަކެއް މި ޕްރޮޖެކްޓާއި އަދި މިކަމާއި ގުޅިގެން އަންނަ އެކިއެކި ވިޔަފާރިތަކުން އުފެދިގެންދާނެކަން ކަށަވަރެވެ.
ދިވެހިރާއްޖޭގެ އަހަރުގެ ބަޖެޓަކީ 65 ބިލިއަނެއް ހާ ރުފިޔާ ކަމަށްވާއިރު 20 ބިލިއަން ޑޮލަރު (308 ބިލިއަން ދިވެހި ރުފިޔާ) އަކީ ދިވެހިރާއްޖޭގެ 4.5 އަހަރުގެ ބަޖެޓެވެ. މިފަދަ ބިޔަ ޕްރޮޖެކްޓެއް ހިންގައި ނިންމައިފިނަމަ ދިވެހިރާއްޖެއަށް ތަރައްގީގެ ދުވެލީގައި އެތައް ކުރިއެރުމެއް މަދުއަހަރުތަކެއްގެ ތެރޭގައި އައުމަކީ ޔަގީންވާކަމެކެވެ. މިއާއިއެކު އުފެދިގެން އަންނަ ވަސީލަތްތަކާއި އިތުރު ހިދުމަތްތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް އެތަކެއް ފަސޭހަތަކެއް އައިސް މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ހިދުމަތްތައް ލިބޭ އެއްގައުމަކަށް ދިވެހިރާއްޖެ ހެދުމަށް މަގުފަހިވެގެންދާނެއެވެ.

ނިންމުން
ރަސްމާލޭގައި ހިންގަން އެގްރީމެންޓްވެފައިވާ ބިޔަ ޕްރޮޖެކްޓްގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާލާއިރު ތޮށްޖެހިފައިވާ މި މާލެ ސަރަހައްދުގެ ބޯހިޔާވެހިކަމަށް އޮތް ފުރުސަތުތައް ހަނިވެ މިމައްސަލަ އިތުރަށް ގޯސްވުމާއި، އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގޮތުން ގެއްލުންތަކެއްވުން އެކަށީގެންވެއެވެ. މިޕްރޮޖެކްޓްތަކުން ލިބިދާނެ ފައިދާތަކަށް ބަލާލާއިރު އަވަހަށް ރަސްމާލެ ތަރައްގީވެ ދިވެހިންނަށް އާ ފުރުސަތުތަކާއި ހިދުމަތްތައް ލިބިގެން ދިއުމާއި، ވަޒީފާތައް އިތުރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާކުރިއެރުމާއި، ގައުމީ ތަރައްގީގެ ދުވެލި މަދުއަހަރުތަކެއްގެ ތެރޭގައި ބޮޑުތަނުން ކުރިއެރުން ފަދަ ކަންކަން ހިމެނެއެވެ. ކޮންމެ ކަމެއްގައިވެސް ފައިދާއާއި ގެއްލުންތައް ހިމެނޭކަން ގަބޫލުކޮށް ދިވެހިންނަށް މިފަދަ ޕްރޮޖެކްޓުން އެންމެ ފައިދާވާނެ ގޮތަކަށް ހަރުދަނާ ގާނޫނު އަދި ގަވާއިދުތަކެއްގެ ދަށުން މިކަން ހިންގިއްޖެނަމަ މި ޕްރޮޖެކްޓަކީ ދިވެހިންގެ ހާލަތު ބަދަލުކޮށް މުޅިން އާ އުސްމިނިކަށް ދިވެހިރާއްޖެ ގެންގޮސްދޭނެ ޕްރޮޖެކްޓަކަށް ވެގެންދާނެއެވެ.
