އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދިކަން ހޯދުމުގެ ފުރުސަތު އެންމެބޮޑި ދިވެހިރާއްޖެއަށް: ވޯލްޑްބޭންކް
ދެކުނު އޭޝިއާގެ ގިނަ ގައުމުތައް އާބާދީ މުސްކުޅިވުމުގެ ކުރިން ފުދުންތެރިކަން ނުވަތަ މުއްސަނދިކަން ހާސިލުނުކުރެވޭނެ ކަމަށާއި، އެހެން ނަމަވެސް ސަރަޙައްދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެއަކީ އެ ފުރުސަތު އޮތް ހަމައެކަނި ގައުމު ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓެއްގައި ބުނެފިއެވެ.
ވޯލްޑް ބޭންކުން ނެރުނު "ޑިމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ" ރިޕޯޓުގައި ބުނެފައި ވަނީ، ދެކުނު އޭޝިއާގެ ގިނަ ގައުމުތައް "މުސްކުޅި ވަނީ މުއްސަނދިވުމުގެ ކުރިން" ކަމަށެވެ. މާނައަކީ، ދުނިޔޭގެ އެހެން ތަރައްގީވަމުން އަންނަ ގައުމުތައް މިފަދަ އާބާދީގެ ބަދަލަކާ ކުރިމަތިލި އިރު ހުރި އާމްދަނީގެ ފެންވަރަށްވުރެ ދަށް ފެންވަރެއްގައި، ދެކުނު އޭޝިއާގެ ގައުމުތައް މި މަރުހަލާ ނިންމާލާނީ ކަމަށެވެ.
ނަމަވެސް، މި ރިޕޯޓުގައި ރާއްޖެ ވަކިން ޚާއްސަކޮށް ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އާބާދީ ދުވަސްވީ އާބާދީއަކަށް ބަދަލުވާއިރު، އެ ނޫން ތަރައްގީވަމުން އަންނަ ގައުމުތަކުން މިކަމާ ކުރިމަތިލި އާމްދަނީގެ ފެންވަރަށްވުރެ ރަނގަޅު ފެންވަރެއްގައި އެ މަރުހަލާއަށް ވާސިލުވާނެ ކަމަށް ލަފާކުރެވޭ ހަމައެކަނި ދެކުނު އޭޝިއާގައި ހިމެނޭ ގައުމަކީ ރާއްޖެއެވެ.
މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އާބާދީ މުސްކުޅިވުމާ ގުޅިގެން ކުރިމަތިވާ ޚަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން އަވަށްޓެރި ގައުމުތަކަށްވުރެ ރާއްޖެއަށް ބޮޑުވެގެންދާނެ ކަމަށް ރިޕޯޓުގައިވެއެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދިނުމާއި، ދިގުމުއްދަތަށް ބަލަހައްޓަންޖެހޭ ބަލިތަކަށް ފަރުވާ ދިނުމުގެ ޚަރަދުތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޚަރަދުތައް ހިމެނެއެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖެ ފަދަ ގައުމުތަކަށް އޮތް އެންމެ މުހިންމު މަސައްކަތަކީ، ގައުމުގެ އިގްތިސޯދީ ހާލަތާ އެކަށޭނަ ގޮތެއްގައި މި ޕެންޝަން ލިބޭ މިންގަނޑުތަކާއި، އިނާޔަތްތަކުގެ މިންވަރާއި، އެކަމަށް ހިނގާ ޚަރަދުތައް އަލުން ބައްޓަންކުރުމެވެ.
ވޯލްޑް ބޭންކުން ބުނެފައި ވަނީ ކުރިއަށް އޮތް 10 އަހަރަކީ، އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދިކަން ހޯދުމަށް ރާއްޖެއަށް ލިބޭ އެންމެ ނާޒުކު އަދި މުހިންމު ދަނޑިވަޅު ކަމަށެވެ.
