އައިޖީއެމް ހޮސްޕިޓަލް ކުރިމަތީ ހަދަމުންދިޔަ އިމާރާތެއްގައި ޖަހާފައިވާ ސެކިއުރިޓީ ފެންސް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗް ކުރިމަތީގައި ހަދަމުންދާ އިމާރާތަކުން ބައެއް ވެއްޓި، ބައެއް މީހުންނަށް އަނިޔާވެ، ބައެއް އުޅަނދުފަހަރަށް ވެސް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގައި ޖަހައިފައިވާ ބިއްގަނޑު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:06 ހާއިރު ލިބުނު ކަމަށެވެ.
އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުފަހަރަށް ގެއްލުންވެ ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އަނިޔާ ލިބުނީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ އައިޖީއެމްއެޗް ކުރިމަތީގައި ހަދަމުންދާ އިމާރާތަކުން ޓިނުގަނޑެއް ވެއްޓި، ސައިކަލު ދުއްވައިފައި ދިޔަ މީހަކަށް އަނިޔާވެފައިވާ މަންޒަރެވެ. އަދި އެ ސަރަހައްދުގައި ހުރި ސައިކަލުތަކެއްގެ މައްޗަށް ޓިނުގަނޑު ވެއްޓިފައިވާ މަންޒަރު ވެސް ފެނެއެވެ.

