ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށް ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ އޭނަ ދިރިއުޅުއްވާ ގޭގައި އުޅުއްވަނިކޮށް ހޯމަ ދުވަހުގެ ރޭ 09:51 ހާއިރުއެވެ.
އެއަށްފަހު އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭގައި ހުންނަ ޕޮލިސްސްޓޭޝަނަށެވެ. ނަމަވެސް ފަހުންވަނީ ދޫނިދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލަށް ބަދަލުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ އަމުރު މިހާތަނަށް ކޯޓުން އާންމުކޮށްފައެއް ނުވެ އެވެ.
ޝާހިދަށް ތުހުމަތުކުރަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެއްވެސް އަސްލެއްނެތް ވާހަކަތައް ފަތުރައިގެން އެމަނިކުފާނިގެ އަބުރު ކަތިލުމަށް ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކެންޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ. އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރަސްމާލެ އީގަލްހިލްސަށް ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
ޢަބްދުﷲ ޝާހިދަކީ ރާއްޖޭގެ ސިޔާސީ އަދި ޚާރިޖީ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ޚާރިޖީ ޙަޔާތްޕުޅުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ކާމިޔާބީއަކީ އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން (2021 އިން 2022 އަށް) ކުރެއްވުމެވެ. މިއީ ދިވެހިރާއްޖޭގެ ބޭފުޅަކު އދ. ގެ މިފަދަ އުސް މަޤާމެއް ފުރަތަމަ ފަހަރަށް ފުރައްވާފައިވާ ފަހަރެވެ.
ޝާހިދުވަނީ، ރައީސްމައުމޫނުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވެއެވެ.
ޚާރިޖީ އަދި ޤައުމީ ދާއިރާއިން ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އޭނާއަށް ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައެވެ.

