ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ ފައިނޭންސިންގ ސްކީމުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި!
ރާއްޖޭގައި އާ ވިޔަފާރިތައް ފެށުމަށާއި، ކުރިއަރަމުން އަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ޒުވާނުންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ސްކީމުގެ ދެވަނަ ފިޔަވަހީގައި ކުރިމަތިލުމުގެ ފުރުޞަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މިއަދު (01 ނޮވެމްބަރު 2026) ހުޅުވާލައިފިއެވެ.
މިއީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން، ޝަރީޢާ ހަމަތަކަށް ފެތޭގޮތަށް ކުރިއަށްގެންދާ ފައިނޭންސިންގ ޕްރޮގްރާމެކެވެ. މިއީ ކޯލެޓްރަލް ނުވަތަ އެއްވެސް ރަހުނަކާ ނުލައި، 25,000 ރުފިޔާއިން ފެށިގެން 150,000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ ސްކީމެކެވެ.
މި ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖޭގެ ތަފާތު ރަށްރަށުން 3,000 އަށްވުރެ ގިނަ ޒުވާނުންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިނޭންސިންގ ފޯރުކޮށްދީފައިވާކަން ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލްއިން ވަނީ ހާމަކޮށްފައެވެ.
މި ފައިނޭންސިންގ ފެސިލިޓީގެ މުއްދަތަކީ 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 5 އަހަރެވެ. މިއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ "BML Swype" އެޕްލިކޭޝަން މެދުވެރިކޮށެވެ.
