ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ ކައްޗަލައިގެ 6020 ކިލޯ އެކްސްޕޯޓް ކުރުމުގެ ހުއްދަ 7 ފަރާތަކަށް ދީފި

Advertisement
ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ ކައްޗަލައިގެ 6020 ކިލޯ އެކްސްޕޯޓް ކުރުމުގެ ހުއްދަ 7 ފަރާތަކަށް ދީފި
ތަފްޞީލް

ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލައިގެ 6020 ކިލޯ އެކްސްޕޯޓް ކުރުމަށް 7 ފަރާތަކަށް ކޯޓާ ދޫކޮށްފިއެވެ.

 

މިނިސްޓްރީ އޮފް ފިޝަރީޓް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ކޮށްފައިވާ އިއުލާނުގައި ވަނީ ދިވެހިރާއްޖެއިން ކައްޗަލަ އެކްސްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ ކޯޓާ ތަންފީޒު ކުރުމާބެހޭ އުޞޫލާ އެއްގޮތަށް ޝަރުޠު ހަމަވެ، ކުރިއަށް އޮތް 12 މަސްދުވަހަށް ކައްޗަލައިގެ އެކްސްޕޯޓް ކޯޓާ ލިބޭ ފަރާތްތަކާއި އެފަރާތްތަކަށް ލިބޭ ކޯޓާގެ މިންވަރު ވަނީ އާއްމުކޮށްފައެވެ.

 

އެގޮތުން ކައްޗަލަ އެކްސްޕޯޓް ކުރުމަށް ލިބިފައިވާ ވަނީ 7 ފަރާތަކަށެވެ. އެފަރާތް ތަކަކީ، އޯޝަން ޓާއިޑްސް އިންޓަނޭޝަނަލް، އެސްއެމް އިންވެސްޓްމަންޓް، މަލަކް އިންވެސްޓްމަންޓް، ވިލިނގިލި ފިޝް ވިލެޖް، ސްކައި ގޯ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީޒް ޕައިވެޓް ލިމިޓެޑް އަދި ޓްރޭޑް ބްރިޖް ޕްރައިވެޓް ލިމިޓެޑް އަށެވެ. އަދި މިއިން ކޮންމެ ފަރާތަކަށްވެސް އެކްސްޕޯޓް ކުރެވޭނީ ހިއްކާފައިވާ 860 ކިލޯގެ ކައްޗަލައެވެ.

 

ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ ކައްޗަލަ އަކީ 2022 ވަނަ އަހަރުގެ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޖް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) ބައްދަލުވުމުގައި، އޭގެ އާބާރީ ދައްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބުރަވެ، އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ.

 

ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ހުއްދައަކާއެކުއެވެ. އަދި ލިސްޓް ކުރެވިފައިވާ ބާވަތް އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ އެގައުމުގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ އިން ތައްޔާރުކުރާ 'ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ' (އެންޑީއެފް) އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން ކަނޑައެޅުމުންނެވެ.

 

ހުއިފިލަނޑާގެ މިބާވަތް ސައިޓީސްގެ ޖަދުވަލު 2 ގައި ހިމެނުމާ ގުޅިގެން، ދިވެހިރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ވަނީ އެބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށް، މި ބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓް ކުރެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅާފައެވެ. މިގޮތުން، މި ބާވަތުގެ ހުއިފިލަނޑާ ކުރިއަށް އޮތް 12 މަސްދުވަސް ތެރޭ އެކްސްޕޯޓްކުރެވޭނެ މިންވަރެއްކަމަށް ކަނޑައަޅައިފައިވަނީ 10.95 ޓަނުގެ ހިއްކާފައިވާ ކައްޗަލައެވެ. އަދި މި ކޯޓާ ބޭނުންކުރެވޭނެ ހަމަތަކެއް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާ "ދިވެހިރާއްޖެއިން ކައްޗަލަ އެކްސްޕޯޓުކުރުމަށް ކަނޑައަޅައިފައިވާ ކޯޓާ ތަންފީފުކުރުމާބެހޭ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ.


Share this article: Facebook Twitter WhatsApp
Related Articles