ހަނދާންގަދަކޮށްދިނުން 226% އަށް އިތުރުކުރުމަށްޓަކައި 40 ވަސް ބޭރުކޮށްދޭ އާލާތް 'ޓައިމް' މަޖައްލާގެ ސިއްހީ ދާއިރާގެ އެންމެ މޮޅު އީޖާދުގެ ގޮތުގައި ހޮވިއްޖެއެވެ.
ރޭގަނޑު ނިދާފައި އޮންނައިރު އެސެންޝަލް އޮއިލްގެ ވަސް ބޭރުކޮށްގެން ސިކުނޑީގެ ބާރު ދެރަވުން ހުއްޓުވައި، ނިދުމުގެ ފެންވަރު ރަނގަޅުކުރުމަށް މޭޒުމަތީގައި ބެހެއްޓޭގޮތަށް އުފެއްދި އާ އާލާތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ ކަމަށް ސީނެޓުން ރިޕޯޓުކޮށްފިއެވެ. 'ޓައިމް' މަޖައްލާގެ 2025 ވަނަ އަހަރުގެ ސިއްހަތާއި ދުޅަހެޔޮކަމުގެ ދާއިރާއިން އެންމެ މޮޅު އީޖާދުގެ ނަން ލިބުނު "މެމޮރީ އެއާ" އިން ބޭނުންކުރަނީ ނިދާފައި ތިބޭއިރު ސިކުނޑީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ވަސް ދުއްވައިގެން ސިކުނޑި އާރޯކޮށްދޭ (އޮލްފެކްޓަރީ އެންރިޗްމަންޓް) އުކުޅެކެވެ.
މި ޓެކްނޮލޮޖީ ބިނާކޮށްފައިވަނީ ޔުނިވަސިޓީ އޮފް ކެލިފޯނިއާ އާވިންގެ ނިއުރޯބަޔޮލޮޖިސްޓެއް ކަމަށްވާ ޑޮކްޓަރު މައިކަލް လިއޯން އިސްވެ ހިންގެވި ދިރާސާއެއްގެ މައްޗަށެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ނިދާފައި ތިބޭއިރު ވަކި ތަރުތީބަކުން ވަސް ދުއްވުމުން، އާދައިގެ ގޮތެއްގައި ނިދި މީހުންނާ އަޅާބަލާއިރު، ބޮޑެތި މީހުންގެ ހަނދާންގަދަވުމުގެ ގާބިލުކަން 226 އިންސައްތައާ ހަމައަށް އިތުރުވިއެވެ. އަދި ބައެއް ބައިވެރިންނަށް އިތުރު 20 މިނެޓަށްވުރެ ދިގު ނިދިއެއް ލިބުނުކަންވެސް ފާހަގަކުރެވުނެވެ.
އަޑު އިއްވާ މެޝިނެއްގެ މިންވަރަށް ހުންނަ މި ހުދު އަދި ރަންކުލައިގެ އާލާތުގެ އެތެރޭގައި 40 އެސެންޝަލް އޮއިލް ކޮތަޅު ހަރުކޮށްފައިވާ ބެލްޓެއް އޮވެއެވެ. ނިދުމުގެ ކުރިން ޖެއްސުމުން، 30 މިނެޓު ފަހުން މަސައްކަތް ފަށައި، ކްލިނިކަލް ދިރާސާތަކުގެ އުސޫލުތަކާ އެއްގޮތަށް ވަކި އިންޓަވަލްތަކެއްގައި، 5 ގަޑިއިރާއި 30 މިނެޓުގެ މުއްދަތަށް އެ ކޮތަޅުތައް ހޫނުކޮށްގެން އެކަތި ފަހު އެކަތިން ވަސް ބޭރުކޮށްދެއެވެ.
މި އުފެއްދުން ބޭނުންކުރަން ފެށިފަހުން ގަދައަށް ނިދޭ ވަގުތު ދެގުނެ ތިންގުނައަށް އިތުރުވެފައިވާކަން ނިދުމުގެ މިންގަނޑުތައް ބަލަމުންދާ މީހުންނަށް ފާހަގަކުރެވިފައިވާ ކަމަށް ސީނެޓުން ރިޕޯޓުކޮށްފައިވެއެވެ. އަދި ނަންނަމާއި، ބަސްބަހާއި، ތާރީޚުތައް ހަނދާންބެހެއްޓުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ކަސްޓަމަރުން ބުނެފައިވާއިރު، ޕާކިންސަންސް ބަލި ތަހައްމަލުކުރާ އެކަކު ވަނީ ނިދާ ބޭސް ބޭނުންކުރުން މުޅިން ހުއްޓާލެވުނު ކަމަށް ބުނެފައެވެ.
މި އާލާތުގެ މަގުސަދަކީ ތަގައްޔަރުވުމާއި، ބަލިމަޑުކަމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ވަސް ކޮންޓްރޯލްކޮށްފައިވާ އެތެރޭގެ މާހައުލުތަކުގެ ސަބަބުން ވަސްދުވުމުގެ ހިއްސު ކުޑަވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. މުހައްގިގުން ބުނާގޮތުގައި މިއީ ހަނދާން ނެތުމުގެ މައްސަލައާ ގުޅިފައިވާ ކަމެކެވެ. މި ޓެކްނޮލޮޖީއަށް އޭނާ ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ބޯޑް އޮފް ރީޖަންޓްސްއިން ވަނީ ފުރަތަމަ ފަހަރަށް ދިން "ގޭމްޗޭންޖަރ އެވޯޑު" ޑޮކްޓަރު އޯނަށް އަރުވައިފައެވެ.
Sources: cnet.com
