ފުށިދިއްގަރު ފަޅު (މިހާރުގެ ރަސްމާލެ) "ޖެންޒީ" އަށްވެސް ނޭނގިދާނެ ބައެއް އުސް އަލިތައް 2011 އިން 2026 އަށް
2011 ވަނަ އަހަރު
- ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދައުލަތުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމުން. އެ ނިންމުމުގައި އޮތީ، މަޝްރޫއަށް ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭ ގޮތަށް. އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބޭ ގޮތަށް.
2013 ވަނަ އަހަރު
- ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ބޭނުމުގައި، ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް އާ ދެމެދު 2013 ޖެނުއަރީ 18 ވަނަ ދުވަހު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުން. މި އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ހިއްސާ އަކީ 25 ޕަސެންޓް ކަމަށް ވަނީ ހިމަނާފައި.
- ފުށިދިއްގަރުފަޅު ކުއްޔަށް ދޭން އެއްބަސްވެފައިވަނީ އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް އިމާރާތް ތަރައްގީކުރުމާއި ސަބް-ލީސް ކުރުމަށް 50 އަހަރަށް ކުއްޔަށް ދިނުމަށް
- އޭރު ޓޫރިޒަމް މިނިސްޓަރަކީ އަހުމަދު އަދީބު އަދި ފިނޭންސް މިނިސްޓްރުގެ މަޤާމުގައި ހުންނެވީ ޢަބްދުﷲ ޖިހާދު
- ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން، އޮޅުވާލައިގެން ކ. ފުށިދިއްގަރު ފަޅު ބޭރުގެ ކުންފުންޏަކަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށްބުނެ އެ މައްސަލަ 2013 ގައި ފެންމަތި ކުރީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު
2014 ވަނަ އަހަރު
- ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުފައްދަން ޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި އުފެއްދުމަށް ހުރަސްތައް ކުރިމަތިވެ އެމައްސަލަ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑްން ކޯޓަށް ހުށަހެޅުނު
- ކޯޓްގައި އެފަރާތުން އެދިފައިވަނީ ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުފައްދަން ޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކުރުމުގެ އަމުރެއް ދިނުމަށް
- ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުފައްދަން ޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީ ކުރުމަށް ކޯޓްން ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރު ކޮށްފައި
2015 ވަނަ އަހަރު
- ފުށިދިއްގަރު ފަޅުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ ރައީސް ވަހީދުގެ ވެރިކަމުގައި ރައީސް ވަހީދުގެ ހިއުމަންރައިޓްސް އެމްބެސެޑަރު އަހްމަދު އިބްރާހީމް ދީދީ (ސަންދާނު އަހަންމައިދީ) ހުށަހެޅީ މައްސަލަ ބަލައި ނިމިފައިނުވާތީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ފުށިދިއްގަރު ފަޅު ހަވާލު ނުކުރުމަށް އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންގި
2016 ވަނަ އަހަރު
- ފުށިދިއްގަރު ކިޔާ ފަޅު ބޭރުބަޔަކަށް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލާގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތްކޮށްފައިވާކަން ސާބިތުކުރެވޭ ވަރަށް ތަޙުގީގަށް ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށް.
- ނަމަވެސް މައްސަލަ ތަހުގީގު ކުރި އިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވެފައި ވަނީ ދިވެހި ސަރުކާރުގެ 50 ޕަސެންޓް ޙިއްޞާވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް 2013 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގައި އެ ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަވި ކަމަށް.
- އެގޮތަށް މެދުވެރިވެފައި ވަނީ 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުއައި އިރު، ފަޅުތައް ކުއްޔަށް ދޭއިރު އިކުއިޒިޝަން ކޯސްޓެއް ނަގާ ގޮތަށް ނިންމުމުން ކަމަށް އޭސީސީގެ ތަހުގީގަށް ވަނީ އެނގިފައިވާ ކަމަށް އޭސީސީ އިން ވަނީ ފާހަގަ ކޮށްފައި.
- ފުށިދިއްގަރުފަޅު އަލުން ވިއްކާލަން ރައީސް ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރި.
- އޮކްޓޯބަރު 30 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ 1،475 ހެކްޓަރުގެ ފުށިދިއްގަރުފަޅު 72.6 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށް ވިއްކާލުމަށް
- އޭސީސީގެ ތަޙްޤީޤަށްފަހު 2016 މާރިޗް 09 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާ ގޮތަކީ ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން އެ ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ކުއްޔަށްދޭ ނަމަ ދޭންވާނީ ދައުލަތުގެ މިހާރުގެ (2016 ވަނަ އަހަރުގެ) ސިޔާސަތުތަކާ އެއްގޮތަށް ކުއްޔަށްދޫކުރާ ފަޅުގެ ބޮޑު މިނަށް ބަލައި، ދައުލަތުން އަކަފޫޓަކަށް ކަނޑައަޅާފައިވާ މިންވަރަކަށް އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުން ކަމަށް.
2018 ވަނަ އަހަރު
- އޯގަސްޓް 1 ވަނަ ދުވަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާއި އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް.
- ސަރުކާރު ބަދަލުވެ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެދި އެކޮމިޝަނަށް އެމްއެމްޕީއާރުސީ، ޓޫރިޒަމް މިނިސްޓްރީ، ހައުސިން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ހިންގާފައިވާ ގިނަ މުޢާމަލާތްތަކެއް ހުށަހެޅުނު.
- ހުށަހެނު މައްސަލަތަކުގެ ތެރޭގައި ފުށިދިއްގަރު ފަޅުގެ މައްސަލަވަނީ ހިމެނިފައި
2019 ވަނަ އަހަރު
- މި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ތަޙްޤީޤް ކުރަން ފެށުނު
- ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާ ދެމެދު ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުމާއި ދިވެހި ސަރުކާރު ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2019 ޑިސެމްބަރު މަހު 18 ވަނަ ދުވަހު ހުށަހަޅާފައިވާ ކަން އެކުންފުނިން ދިވެހި ސަރުކާރަށް އެންގި
- އެކުންފުނިން އާބިޓަރޭޝަނަށް ހުށަހަޅާފައިވަނީ އެކުންފުންޏާ ދިވެހި ސަރުކާރާ ދޭތެރޭގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، އެފަޅުގައި27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް ޢިމާރާތް ތަރައްޤީކުރުމަށް ސަބް-ލީސް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް، އެފަޅު ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައިނުވާތީ ކަމުގައި، ބަންޑާރަނައިބުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
- އެކުންފުނިން ތަހުކީމު (އާބިޓްރޭޝަން)ގައި އެދިފައިވަނީ އެކުންފުންޏަށް ފުށިދިއްގަރު ފަޅު ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއލްުމުގެ ބަދަލުގެ އިތުރުން، ތަޙުކީމުގެ މަރުހަލާގައި އެކުންފުނިން ކުރަންޖެހޭ އެންމެހައި ޚަރަދެއް އަނބުރައި ހޯދުމަށްވެސް އެކުންފުނިން އެދިފައިވެއެވެ. އަދި މިމައްސަލާގައި ތަޙުކީމު މަރުހަލާގައި ހިނގާ ހުރިހައި ކަމެއް ސިއްރުކުރުމަށް ސަރުކާރަށް ލާޒިމުކުރުމަށް އެފަރާތުން ހުށަހަޅާފައިވެއެވެ.
- މި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅުމާއި ގުޅިގެން ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ބަޔާނެއް ވަނީ ނެރެފައި.
- ބަންޑާރަ ނާއިބްގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މިމައްސަލައާގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާ ކަމާއި، އާބިޓްރޭޝަނާގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަންވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
2020 ވަނަ އަހަރު
- އެސެޓް ރިކަވަރީ ކޮމިޝަނުން ފުށިދިއްގަރު ފަޅުގެ މައްސަލަވަނީ ތަޙްޤީޤްކޮށް ޕީޖީއަށް ފޮނުވާފައި
- ޕީޖީން މި މައްސަލަ ޝަރީޢަތަށް ވަނީ ހުށަހަޅާފައި
- ޕީޖީން ޖިހާދާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް ވަޒީރުންގެ މަޖިލީހުން 2011 ވަނަ އަހަރުގެ ނޮވެންބަރު 22 ވަނަ ދުވަހު ނިންމި ނަމަވެސް މިކަމުގައި ޖިހާދު އަމަލުކުރައްވާފައިވަނީ އެ މަޖިލީހުގެ ނިންމުމާއި ޚިލާފަށް ކަމަށް
- ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާ
- މިގޮތުން ދައުލަތުގެ %25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑް ކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް.
- ޢަބްދުﷲ ޖިހާދުގެ އެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށް
- ޕީޖީ އޮފީހުން ބުނީ އެކަމުގައި، ޖިހާދު ޢަމަލު ކުރައްވާފައިވާ ގޮތުން، ރައްޔިތުންނާ ދައުލަތަށް ލިބެން އޮތް ފައިސާއިން ބިމު ކުލީގެ ގޮތުގައި 604،713،750 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް.
- އޭގެ އިތުރުން، ދައުލަތުގެ 50% ހިއްސާގެ ބަދަލުގައި 25% ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބުނު ގެއްލުންވެސް ބޮޑުކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، 50 އަހަރު ތެރޭގައި ބިމު ކުލީގެ ގޮތުގައި 411،720،000 އެމެރިކާ ޑޮލަރު ލިބެން އޮތް ތަނެއްގައި އަބްދުﷲ ޖިހާދު ނިންމެވި ގޮތުގެ ސަބަބުން އެއްވެސް ފައިސާއެއް ދައުލަތަށް އެ މަގުންވެސް ލިބިފައި ނުވާ ކަމަށް. އަދި "ޕްރައިމް ލޮކޭޝަން ޗާރޖް" ގެ ގޮތުގައި ލިބެންޖެހޭ 192،993،750 އެމެރިކާ ޑޮލަރުގެ ތެރެއިންވެސް އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް
- ޖިހާދުގެ ޢަމަލުގެ ސަބަބުން ދައުލަތަށް ޖުމްލަ 1،960،141،104 އެމެރިކާ ޑޮލަރު ގެންލުން ވެފައިވާ ކަމަށް
- ފުށިދިއްގަރު މައްސަލައަކީ ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަ ކުންފުންޏެއް ހެދުމަށް އެއްބަސްވެ 18 ޖެނުއަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަ އެގްރީމަންޓު ރަޖިސްޓަރީކޮށްދީފައިނުވާތީ ފުށިދިއްގަރު ފަޅުގެ ލީޒް އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވުމުގެ ސަބަބުން ޕްރައިމް ކެޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ބުނެ އެ ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓަރީ ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ އެންގުމަށާއި އެއްބަސްވެފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޕްރައިމް ކެޕިޓަލް އިން ސިވިލް ކޯޓްގައި ކުރި ދައުވާ ކުރި މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅުން.
- އޭޖީ އޮފީހުން ބުނީ ދައުލަތާ ދެކޮޅަށް ނިމުނު މި މައްސަލަ، އިސްތިއުނާފު މުއްދަތުގެ ތެރޭގައި އޭރުގެ ސަރުކާރުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާ ކަމަށާއި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށް
- އޭޖީން ބުނީ އެ މައްސަލައިގައި އޭރު ދައުލަތުގެ ފަރާތުން ޖަވާބުދާރީވެފައިވަނީ ޖޮއިންޓް ވެންޗަ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއްގެ ގޮތުގައި ކަމަށް.
- ނަމަވެސް ކޮރަޕްޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް އެރިޕޯޓްގައި ބަޔާން ކުރާތީ ޖޮއިންޓް ވެންޗަ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއް ނޫންކަށް އެނގެން އޮންނާތީ މި މައްސަލައާ ގުޅިގެން މި އޮފީހަށް ލިބިފައިވާ އާ ހެއްކާއި މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގެ ހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް އޮތް ހުކުމެއް ކަމަށް ފެންނާތީ، އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މިއަދު ވަނީ އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް.
- ކ. ފުށިދިއްގަރު ފަޅުގެ މައްސަލައިގައި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަދި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމްއާއި ދެކޮޅަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނުން
- މި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންއަށް ހުށަހަޅާފައި ވަނިކޮށް މި މައްސަލައިގައި އުޝާމް ޑެޕިއުޓީ އޭޖީގެ މަގާމުގައި ހުންނަވައި ނިންމެވި ނިންމުންތަކާ ގުޅޭ މައްސަލައެއް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުން
- ކުރީގެ ނައިބް ރައީސް ޢަބްދުﷲ ޖިހާދުގެ ކޯޓުގައި ފާހަގަ ކުރެއްވީ ފުށި ދިއްގަރުފަޅުގެ މައްސަލައިގާ އެ މަޝްރޫޢުގެ އެކި މަރުޙަލާތަކުގައި އެންމެ އިސްކޮށް އުޅުއްވި ކުރީގެ ނައިބް ރައީސް އަޙްމަދު ޢަދީބްއަށް ދަޢުވާ ނުކޮށް ޢަބްދުﷲ ޖިހާދުގެ މައްޗަށް ދަޢުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައި.
- އެއްބަސްވުން ޑްރާފްޓްކުރުމުގައި އަދީބު އިސްކޮށް އުޅުއްވިކަމަށް ޢަބްދުﷲ ޖިހާދު ފާހަގަ ކުރެއްވި.
- ޢަބްދުﷲ ޖިހާދުއަށް ރަށްދުދެއްވައި ދައުލަތުން ކޯޓްގައި ބުނެފައިވަނީ މީހަކު މަރާ މީހަކު، ފިހާރައަކުން ގަންނަ ވަޅި ވިއްކާ މީހާ ވެސް އެ ހާލަތުގައި ކުށްވެރިވާނެ ކަމަށް.
- މި މައްސަލައިގައި އަދީބުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައި. އަދީބުގެ ހެކި ބަހަށް ބާރު ލިބޭ އިތުރު ހެކިތައް ވެސް ލިބިފައިވާ ކަމަށް ފާހަގަކުރައްވާ މި މައްސަލަ އަދީބުގެ ހެކިބަހާއި ނުލައި ކިތާބީ ހެކިތަކަށް ރިއާޔަތްކޮށްގެން ވެސް މައްސަލަ ސާބިތުކުރެވޭނެ ކަމަށް ދައުލަތުން ކޯޓްގައި ވަނީ ބުނެފައި.
2021 ވަނަ އަހަރު
- ފުށިދިއްގަރު ފަޅުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރީ ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ފުށިދިއްގަރުފަޅުގެ މައްސަލަ ސަރުކާރުން ކާމިޔާބު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އެސެޓް ރިކަވަރީ ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ޖިހާދުގެ ފަރާތުން (21 ސެޕްޓްމެންރު 2021) ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
- ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކޮރަޕްޝަން ދައުވާ ކުރީ، އެކަމާ ބެހޭ ގޮތުން ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ ސަރުކާރަށް ކާމިޔާބު ކުރަން ކަމަށް ޖިހާދު ކޯޓުގައި ބުނުން.
2022 ވަނަ އަހަރު
- ފުށިދިއްގަރު ފަޅުގެ މައްސަލަ ޙައްލުކޮށް ދައުލަތަށް އަނބުރާ ހޯދުން
2023 ވަނަ އަހަރު
- ފުށިދިއްގަރު ފަޅު ރަސްމާލެ ނަމުގައި ހިއްކަން ފެށުން
2026 ވަނަ އަހަރު
- ދުބާއީ ކުންފުންޏަކަށް ރަސްމާލޭގެ ބައެއް 99 އަހަރަށް ކުއްޔަށް ދިނުމަށް ނިންމުން
ނޯޓް: މަޢުލޫމާތު ނަފާއިވަނީ ދައުލަތުގެ ބައެއް ރަސްމީ ވެބްސައިޓްތަކުންނާއި ނޫސް މަޖައްލާތަކުން، މިއީ ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ އާއި ބެހޭގޮތުން އެއްކޮށްލެވުނު ބައެއް މައުލޫމާތު ތަކެވެ.
