އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. އެމްޑީޕީން ބުނި ގޮތުގައި މި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މި އިންތިޚާބުގައި ވާދަކުރެވޭނީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ. މަގާމުތަކަށް ކުރިމަތިލާން އެދޭ ފޯމު އެ ޕާޓީގެ "ޔެލޯ އެޕް" މެދުވެރިކޮށް ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި ގައުމީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކުވެސް 1,000 ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހެއެވެ. އަދި ޒުވާނުންގެ ހިތްވަރުގެ މަގާމުތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 31 އަހަރާ ދެމެދުގެ މެންބަރުންނަށެވެ.
މި އިންތިޚާބުގައި ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި އަތޮޅުތަކާއި ސިޓީތަކުން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުންނާއި، ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީންގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިސް މަގާމުތައް ހިމެނެއެވެ. މި އިންތިޚާބަކީ އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނެވުނު ބޮޑެތި ބަދަލުތަކަށްފަހު ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ އިންތިޚާބެވެ.


