އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފި
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން 23 އިޞްލާޙެއް ހުށަހެޅުއްވި ނަމަވެސް، މަޖިލީހުގެ ގަވާއިދަށް ފެތޭ ކަމަށް ރިޔާސަތުން ކަނޑައެޅީ އޭގެ ތެރެއިން އެންމެ ހަތް އިޞްލާޙެވެ. މިއަދުގެ ޖަލްސާގައި އެ ހަތް އިޞްލާޙަށް ވަކިވަކިން ވޯޓަށް އެހި ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެއިން އެއްވެސް އިޞްލާޙެއް ފާހެއް ނުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުން ޖުމްލަ 52.6 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދެވެ. އެއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 71.5 އިންސައްތައެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 9.8 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މި އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މުޅި އާމްދަނީގެ ގާތްގަނޑަކަށް 77 އިންސައްތަ، ނުވަތަ 33.6 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއެވެ.
ބަޖެޓުގެ މުހިންމު އަދަދުތައް:
- ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
- ޖުމްލަ ޚަރަދު: 52.6 ބިލިއަން ރުފިޔާ
- ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
- ރިކަރަންޓް ޚަރަދު: 42.7 ބިލިއަން ރުފިޔާ
- ކެޕިޓަލް ޚަރަދު: 9.8 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 8.2 ބިލިއަން ރުފިޔާ
- ބަޖެޓު ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
- ޖުމްލަ ދަރަނި: 161.3 ބިލިއަން ރުފިޔާ
- ޖީޑީޕީ: 129.5 ބިލިއަން ރުފިޔާ

