ރަސްމާލެ ތަރައްގީކުރަނީ ހަމައެކަނި "ނިދަން އަރާ ތަނެއް" ގެ ގޮތުގައި އޮތް ވިސްނުން ބަދަލުކުރުމަށް: މިނިސްޓަރު މުއްތަލިބު.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގައި މީހުން އާބާދުވެ ދިރިއުޅެން ފެށި ފަހުން، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ސިނަމާލެ ބްރިޖު އެޅެންދެން ވެސް އެ ތަން އޮތީ ނިދަން އަރާ ހާއްޔެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދު ވެސް ހުޅުމާލޭގައި ވަޒީފާއާއި އާމްދަނީ ހޯދޭނެ އެކަށީގެންވާ ފުރުސަތުތައް ނެތުމުން، ކޮންމެ ދުވަހަކު ބްރިޖު ހުރަސްކޮށް 60،000 އަށް ވުރެ ގިނަ މީހުން ވަޒީފާއަށް މާލެއަށް އަންނަން ޖެހިފައިވާ ކަމަށް ޑރ. މުއްތަލިބު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ހަމައެކަނި ނިދަން އަރާ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރަސްމާލެ ތަރައްގީކުރަނީ އެ ތަނުން ވަޒީފާއާއި އާމްދަނީ ލިބޭނެ މަގުތައް ފަހިވެ، ހިދުމަތްތައް ހޯދުމަށް މާލެއަށް އަންނަން ނުޖެހޭ ފަދަ ފުރިހަމަ ސިޓީއެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅިފަޅާއި ގިރާވަރުފަޅުގެ އުސޫލަށް ފާޑުވިދާޅުވުން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރި ގޮތަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވިޔަފާރިއެއް ކުރާނެ އަދި އާމްދަނީއެއް ހޯދާނެ އެއްވެސް ގޮތެއް ނެތި ރަސްމާލެއިން ގޯތި ދޫކޮށްފި ނަމަ، ކުރިއަށް އޮތް 40 އަހަރު ވެސް އެ ތަން ތަރައްގީ ނުވާނެ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރަސްމާލޭގެ 500 ހެކްޓަރުގެ ބިމަކީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 އެއްކޮށްލުމުން ވެސް އެއަށް ވުރެ ބޮޑު ސަރަހައްދެކެވެ. އަދި އެ ތަނުގައި ހަރުދަނާ އިގްތިސާދެއް ގާއިމުކޮށް، މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމުގެ ޖާގަ އޮންނާނެ ކަމަށް ވިދާޅުވަމުން، ރަސްމާލެ މަޝްރޫއުއަށް ހުރަސް އެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ތަނަވަސްކަމަށް ހުރަސް އެޅުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
20 ބިލިއަން ޑޮލަރުގެ "ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއު
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ބިޔަ މަޝްރޫއެއް ހިންގުމަށް، ޔޫއޭއީގެ ރިއަލް އެސްޓޭޓް ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ސަރުކާރުން މިހާރު ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން 500 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ޕްލޭންކޮށްފައިވާ މައިގަނޑު ތަންތަނަކީ:
- ދިރިއުޅޭނެ ގެދޮރު (ބޯހިޔާވަހިކަން)
- ހޮޓާތަކާއި ރިސޯޓުތައް
- ޒަމާނީ މެރީނާއެއް
- ފިހާރަތަކާއި އޮފީސް އިމާރާތްތައް
- ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް
