ހައުސް އޮފް ސައުދު، ދިހަވަނަބައި؛ މިއަދުގެ ސަޢޫދީ ޢަރަބިއްޔާ: ވިޝަން 2030 އަދި ކުރިއަށް އޮތް މަގު
ސަޢޫދީ ޢަރަބިއްޔާގެ ތާރީޚަށް ބަލާއިރު، މިއީ ހަމައެކަނި އެއް ޝާހީ ޢާއިލާއެއްގެ ވެރިކަމުގެ ތާރީޚެއް ނޫނެވެ. އެއީ ތިން ދައުލަތްތަކުގެ އުފެދުމާއި، ވެއްޓުމާއި، އަލުން ގާއިމްވުމާއި، ސިޔާސީ އަދި އިޤްތިޞާދީ ބަދަލުތަކުގެ ތާރީޚެކެވެ. 1727 ވަނަ އަހަރު ދިރްޢިއްޔާގައި ފެށުނު ފުރަތަމަ ސަޢޫދީ ދައުލަތުން ފެށިގެން، 1932 ވަނަ އަހަރު ޒަމާނީ ސަޢޫދީ ޢަރަބިއްޔާ ގާއިމްވުމާ ހަމައަށް އަދި މިއަދުގެ ވިޝަން 2030 އަށް ހަމައަށް، މި ޤައުމުން ވަނީ އެކި މަރުޙަލާތަކެއް ފާސްކޮށްފައެވެ.
2015 ވަނަ އަހަރު ސަލްމާން ބިން ޢަބްދުލްޢަޒީޒު ރަސްކަމަށް އައުމާއެކު، ސަޢޫދީގެ ސިޔާސީ އަދި އިޤްތިޞާދީ ސިޔާސަތުތަކުގައި އާ މަރުޙަލާއެއް ފެށުނެވެ. މި ބަދަލުތަކުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތަކީ 2017 ވަނަ އަހަރު ވަލީއަހުދުކަމަށް ހޮވުނު މުޙައްމަދު ބިން ސަލްމާނެވެ. އޭނާ ވަނީ 2022 ވަނަ އަހަރުން ފެށިގެން ވަޒީރުންގެ މަޖިލީހުގެ ރައީސްކަމުގެ ޒިންމާވެސް އަދާކުރަމުން ގެންދަވައެވެ.
ވިޝަން 2030: ތެލަށް ބަރޯސާވާ އިޤްތިޞާދު އެހެނިހެން ދާއިރާތަކަށް ފުޅާކުރުން
2016 ވަނަ އަހަރު އެޕްރީލް 25 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާއިން ވަނީ «ވިޝަން 2030» ނަމުގައި ބޮޑު ޤައުމީ ތަރައްޤީގެ ޕްލޭނެއް ތަޢާރަފްކޮށްފައެވެ. މި ޕްލޭނުގެ މައިގަނޑު މަޤްޞަދަކީ ތެލުގެ އާމްދަނީއަށް ބަރޯސާވާ މިންވަރު މަދުކޮށް، އިޤްތިޞާދު އެހެނިހެން ދާއިރާތައް ފުޅާކޮށް، ދިގު މުއްދަތަށް ދެމިއޮންނާނެ އިޤްތިޞާދެއް ބިނާކުރުމެވެ.
ސަޢޫދީގެ އިޤްތިޞާދު ދިގު މުއްދަތުގައި ތެލުގެ އާމްދަނީއަށް ބަރޯސާވެފައި އޮތުމުން، ދުނިޔޭގެ ތެޔޮގެ އަގު ދަށަށް ދިޔުމުން ސަރުކާރުގެ އާމްދަނީއަށް ބޮޑު އަސަރެއް ކުރެއެވެ. 2014 އިން 2016 އަށް ދުނިޔޭގެ ތެޔޮގެ އަގު ދަށަށް ދިޔުމަކީ އިޤްތިޞާދު އެއް ދާއިރާއަށް މާ ބޮޑަށް ބަރޯސާވުމުގެ ނުރައްކަލު ފާހަގަކޮށްދިން މުހިއްމު ޙާދިސާއެކެވެ.

ފަތުރުވެރިކަން، ޓެކްނޮލޮޖީ އަދި އާ ޞިނާޢަތްތައް
ސަޢޫދީގެ ވިޝަން 2030 ގެ އެންމެ މުހިއްމު ދާއިރާއެއްކަމަށްވަނީ ފަތުރުވެރިކަން ކުރިއެރުވުމެވެ. މައްކާއާއި މަދީނާއަށް ހައްޖާއި ޢުމްރާ އަދާކުރުމަށް އަންނަ މިލިއަން މީހުންގެ އިތުރުން، ތާރީޚީ ތަންތަން ބަލައިލުމަށާއި، ގައުމުގެ ރީތިކަން ބަލައިލުމަށް ގައުމަށް އަންނަ މީހުން އިތުރުކުރުމަކީ މި ސިޔާސަތުގެ ބައެކެވެ.
2019 ވަނަ އަހަރު ސަޢޫދީއިން ބައެއް ޤައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓް ވީޒާ ލިބޭ ނިޒާމެއް ތަޢާރަފްކުރިއެވެ. މިއީ ދީނީ ފަތުރުވެރިކަމާއި އެހެނިހެން ފަތުރުވެރިކަމާ ދެމެދު އާ އިޤްތިޞާދީ ފުރުޞަތުތަކެއް ހުޅުވުމުގެ ފިޔަވަޅެކެވެ.
މިގޮތުން ރަތް ކަނޑުގެ ކައިރީގައި ރިޒޯޓުތަކާއި، އަދި އަލްޢުލާ ފަދަ ތާރީޚީ ސަރަޙައްދުތައް ތަރައްޤީކުރުމަށް ބޮޑެތި މަޝްރޫޢުތައް ފެށުނެވެ. މި މަޝްރޫޢުތަކުގެ މަޤްޞަދަކީ އާ ވަޒީފާތައް އުފެއްދުމާއި، ވިޔަފާރި ފުޅާކުރުމާއި، ތެޔޮ ނޫން ދާއިރާތަކުން އާމްދަނީ ހޯދުމެވެ.
ޓެކްނޮލޮޖީގެ ދާއިރާގައިވެސް ސަޢޫދީއިން ވަނީ ޑިޖިޓަލް ޚިދުމަތްތަކާއި، އާޓިފިޝަލް އިންޓެލިޖެންސްއާއި، ޑޭޓާ ސެންޓަރުތަކާއި، އާ ޓެކްނޮލޮޖީ ބޭނުންކުރާ ޞިނާޢަތްތައް ތަރައްޤީކުރުމަށް ސަމާލުކަން ދީފައެވެ. މިއީ ތެޔޮ އުފައްދާ ޤައުމަކުން އާ ޓެކްނޮލޮޖީއާއި ޞިނާޢަތްތަކުގެ މަރުކަޒަކަށް ބަދަލުވުމަށް ކުރެވޭ މަސައްކަތެކެވެ.
ނިއޮމް: ކުރިމަގުގެ ޝަހަރެއްގެ ހުވަފެން
ވިޝަން 2030 އާ ގުޅޭ އެންމެ މަޝްހޫރު މަޝްރޫޢުތަކުގެ ތެރޭގައި ނިއޮމް (NEOM) ހިމެނެއެވެ. 2017 ވަނަ އަހަރު އިޢުލާންކުރި މި މަޝްރޫޢުގެ މަޤްޞަދަކީ ޓެކްނޮލޮޖީއާއި، ޞިނާޢަތާއި، ފަތުރުވެރިކަމާއި، ތިމާވެށި ރައްކާކުރުމުގައި ލާމަސީލު މިސާލެއް ދައްކާނެ ތަރައްޤީގެ މަރުކަޒެއް ބިނާކުރުމެވެ.
މި މަޝްރޫޢުގެ އެއް ބަޔަކީ ދަ ލައިން (The Line) ނަމުގައި ތަޢާރަފްކުރި ޝަހަރުގެ މަޝްރޫޢެވެ. މިއީ މަގުތަކާއި އާންމު ކާރުތަކަށް ބަރޯސާވުން މަދުކޮށް، އާ ގޮތަކަށް ސިޓީއެއް ތައްޔާރުކުރެވިދާނެ ނިޒާމެއް ބިނާކުރުމަށް ހުށަހެޅުނު މަޝްރޫޢެކެވެ.
ނަމަވެސް، މިފަދަ ބޮޑެތި މަޝްރޫޢުތަކުގެ ޚަރަދާއި، އެކުލަވާލާފައިވާ މިންވަރަށް ތަންފީޒުކުރެވޭނެތޯ ކަމާއި، އިޤްތިޞާދީ ފައިދާއާއި، މާޙައުލީ އަސަރާއި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ ޙައްޤުތަކާ ބެހޭ ސުވާލުތައް އުފެދިފައިވެއެވެ. މި މަޝްރޫޢުތައް ފުރިހަމަވާނެ މިންވަރާއި މުއްދަތު އަދި ޔަޤީންކޮށް ބުނެވޭނެ ކަމެއް ނޫނެވެ.

މުޖުތަމައުއަށް އައި ބަދަލުތައް: އާ ފުރުޞަތުތަކާއި އާ ސުވާލުތައް
ވިޝަން 2030 ގެ އަސަރު ފެންނަނީ އިޤްތިޞާދުގައި އެކަނި ނޫނެވެ. ސަޢޫދީ މުޖުތަމަޢުގައިވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. 2018 ވަނަ އަހަރު އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ލިބުނު ކަމަކީ މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަމެކެވެ. އަދި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ފުޅާވެ، ވިޔަފާރިއާއި އެހެނިހެން އިޤްތިޞާދީ ހަރަކާތްތަކުގައި އެ މީހުންގެ ބައިވެރިވުން އިތުރުވިއެވެ. އަދި ފިލްމު ތިއޭޓަރުތަކާއި، ކޮންސަޓުތަކާއި، ކުޅިވަރާއި، އެހެނިހެން ހަރަކާތްތައް ފުޅާވުނެވެ.
ނަމަވެސް، އިޖްތިމާއީ ބަދަލުތަކާއެކު ސިޔާސީ ގޮތުން ހުރި ހަނިފުރުސަތުތަކާއި އަދި އިންސާނީ ޙައްޤުތަކާ ބެހޭ ގޮންޖެހުންތައް ނިމިފައެއް ނުވެއެވެ. 2018 ވަނަ އަހަރު ޖަމާލް ޚާޝުޤްޖީ މަރާލެވުނު ޙާދިސާއަކީ ސަޢޫދީ އަރަބިއްޔާ އަނެއްކާވެސް ބައިނަލްއަޤްވާމީ މައިދާނުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ބޮޑު އަސަރެއް ކުރި ޙާދިސާއެކެވެ.
މެދުއިރުމަތީގެ ސިޔާސަތާއި ސަޢޫދީގެ ދައުރު
ސަޢޫދީ ޢަރަބިއްޔާގެ މުސްތަޤްބަލަކީ ހަމައެކަނި އިޤްތިޞާދުގެ މައްޗަށް ބަރޯސާވެފައިވާ އިގްތިސާދެއްނޫނެވެ. މެދުއިރުމަތީގެ ސިޔާސީ ޙާލަތާއި، އީރާނާއި ސަޢޫދީގެ ގުޅުމާއި، އެމެރިކާއާއި ޗައިނާ ފަދަ ބޮޑެތި ދައުލަތްތަކާ އޮންނަ ގުޅުންތަކާއި، ޔަމަނުގެ ހަނގުރާމައާއި، ފަލަސްތީނުގެ މައްސަލައަކީ އެ ޤައުމުގެ ބޭރު ސިޔާސަތަށް އަސަރުކުރާ މުހިއްމު ކަންކަމެކެވެ.
އަދި ދުނިޔޭގެ ތެލުގެ ބާޒާރުގައި ސަޢޫދީގެ ދައުރު މުހިންމުވެފައިވާއިރު، ތެލުގެ އަގު އަދި އުފެއްދުމުގެ މިންވަރު ބަދަލުވުމަކީ އެ ޤައުމުގެ މާލީ ޙާލަތަށް އަސަރުކުރާނެ ކަމެކެވެ.

ތިން ގަރުނުގެ ތާރީޚުން ކުރިއަށް
1727 ވަނަ އަހަރު ދިރްޢިއްޔާގައި މުޙައްމަދު ބިން ސަޢުދު ފެއްޓެވި ވެރިކަމުން ފެށިގެން، މިއަދުގެ ޒަމާނީ ސަޢޫދީ ޢަރަބިއްޔާއާ ހަމައަށް އާލް ސަޢުދު ޢާއިލާއިން ވަނީ ދިގު ސިޔާސީ ހަޔާތެއް ކަނޑައްތުކޮށްފައެވެ. 1818 ވަނަ އަހަރު ފުރަތަމަ ދައުލަތް ވެއްޓި، 1824 ވަނަ އަހަރު ދެވަނަ ދައުލަތް ގާއިމްވިއެވެ. 1891 ވަނަ އަހަރު އެ ދައުލަތްވެސް ވެއްޓި، 1902 ވަނަ އަހަރު ޢަބްދުލްޢަޒީޒު ރިޔާދު އަލުން ފަތަޙަކުރެއްވިއެވެ. 1932 ވަނަ އަހަރު ޒަމާނީ ސަޢޫދީ ޢަރަބިއްޔާ ގާއިމްވިއެވެ.
މި ތާރީޚުން އާލް ސަޢުދު ޢާއިލާއަށް ދެފަހަރަށް ވެރިކަން ގެއްލުނު ނަމަވެސް އަލުން ވެރިކަން ގާއިމްކުރުމުގައި ކާމިޔާބު ހޯދިކަމެވެ. މިއަދު ސަޢޫދީ ޢަރަބިއްޔާއަކީ ދުނިޔޭގެ ތެޔޮ އުފައްދާ މުހިއްމު ދައުލަތެއް، އިސްލާމީ ދުނިޔޭގެ މުހިއްމު މަރުކަޒެއް އަދި ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެކަމަކު، އެ ޤައުމުގެ ކުރިމަގު އޮތް ގޮތް ބައްޓަންކުރުމުގައި މިވަގުތު ކުރިއަށް ދާ އިރާން އެމެރިކާ ހަނގުރާމައާއި ޔަމަން އަދި ސައުދީގެ ހަނގުރާމަ ބޮޑު ދައުރެއް އަދާކުރާނެއެވެ.
