ޔޫރަޕުގެ ސުޕަމާކެޓުތަކުގެ ފިނިކުރާ ނިޒާމަށް ސައިބަރު ހަމަލާތަކެއް
ޔޫރަޕުގެ މަދުވެގެން 10 ޤައުމެއްގެ ސުޕަމާކެޓުތަކުގައި ބަހައްޓާފައި ހުރި ފިނިކުރާ ނިޒާމުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ސައިބަރ ހަމަލާތަކެއްގައި، އެ ނިޒާމުތަކުގެ ފިނިހޫނުމިން އިންތިހާއަށް މަތިކޮށްލުމުގެ ސަބަބުން އެތައް މިލިއަން ޔޫރޯއެއްގެ ކާބޯތަކެތި ހަލާކުވެ، އުކާލަން މަޖުބޫރުވެއްޖެއެވެ .
މި ސައިބަރ ހަމަލާތައް ފުރަތަމަ ފެށުނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފްރާންސްގެ ގާތްގަނޑަކަށް 700 އެއްހާ ސުޕަމާކެޓަށް އަމާޒުކޮށްގެންނެވެ. ނަމަވެސް، ނޮވެމްބަރު މަހުގެ ކުރީކޮޅު މި ހަމަލާތައް ފުޅާވެ، ބެލްޖިއަމް، ސްވިޑަން، ޖަރުމަނުވިލާތް، ނެދަލެންޑްސް، އިޓަލީ، އަޔަލެންޑް، އެސްޓޯނިއާ، ފިންލެންޑް، ލަގްޒެމްބާގް، ގްރީސް އަދި ޕޯޗުގަލްގެ ސުޕަމާކެޓުތަކަށް ވަނީ ފެތުރިފައެވެ. މި ހަމަލާތަކުގެ އަސަރު ކެރެފޯ (Carrefour)، ޑެލްހައިޒް (Delhaize)، ސްޕާ (Spar)، ކޮނާޑް (Conad) އަދި އެޑެކާ (Edeka) ފަދަ ޔޫރަޕުގެ މަޝްހޫރު ބޮޑެތި ސުޕަމާކެޓް ޗެއިންތަކަށް ވަނީ ކޮށްފައެވެ.
ހެކަރުން މި ހަމަލާތައް ދީފައިވަނީ އިންޓަނެޓާ ގުޅިފައިވާ ރިމޯޓް މެނޭޖްމަންޓް ސިސްޓަމްތަކާއި، ވެބް ސަރވަރ ކޮންޓްރޯލަރތަކުގައި ހުރި ސަލާމަތީ ފޫނުބެއްދުންތަކުގެ ބޭނުން ހިފައިގެންނެވެ. މިފަދަ ނިޒާމުތައް ޢާންމުކޮށް ބަލަހައްޓަނީ ތިންވަނަ ފަރާތެއް ކަމަށްވާ މެއިންޓެނަންސް ކޮންޓްރެކްޓަރުން ކަމަށްވާއިރު، ގިނަ ކޮންޓްރޯލަރތަކުގައި ބޭނުންކުރަމުން ދިޔައީ އަޕްޑޭޓް ނުކުރާ ބާ ސޮފްޓްވެއަރއާއި ފަސޭހައިން ދެނެގަނެވޭ ފަދަ ދެރަ ޕާސްވޯޑުތަކެވެ . ހެކަރުން ވަނީ ރިމޯޓްކޮށް މި ސިސްޓަމްތަކަށް ވަދެ، ފިނިކުރާ މެޝިންތަކާއި ޑީޕް ފްރީޒަރުތައް ހޫނުކުރާ ނުވަތަ ޑީފްރޮސްޓް މޯޑަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން ބައެއް ފްރީޒަރުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް (122 ޑިގްރީ ފަރަންހައިޓް) އަށް މައްޗަށް ދިޔަކަން ރެކޯޑުކުރެވުނެވެ. މީގެ ތެރެއިން ބައެއް ތަންތަނުގައި އިންތިހާއަށް ހޫނުވުމުގެ ސަބަބުން ކުދި އަލިފާނުގެ ހާދިސާތައް ހިނގައި، ސިސްޓަމް އަތުން ކޮންޓްރޯލް ނުކުރެވޭ ގޮތަށް ލޮކްވެސް ވިއެވެ .
މި ކުއްލި ހޫނުވުމާ ގުޅިގެން ފިނިކޮށްފައި ބަހައްޓަންޖެހޭ މަސް، ކިރު، އަދި ގަނޑުކުރި ކާބޯތަކެތި ކުނިވެ ހަލާކުވުމުގެ ސަބަބުން ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ ކާބޯތަކެތި ވަނީ ބޭކާރުވެފައެވެ. ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިހާރަތަކުން ވަނީ އެ ނިޒާމުތަކުގެ އިންޓަނެޓް ކަނެކްޝަންތައް ވަގުތުން ކަނޑާލައި، ސިސްޓަމްތައް އޮފްލައިންކޮށްފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ އެގްރިކަލްޗަރ އެންޑް ފުޑް ކޮމިޝަނަރ ކްރިސްޓޮފް ހެންސަން ވަނީ މިއީ ކާބޯތަކެތީގެ ސަޕްލައި ޗެއިނަށް ބުރޫއަރުވާލައި، ޢާންމުންގެ އިތުބާރު ނަގާލުމަށް ޤަޞްދުގައި ދިން ނުރައްކާތެރި ހަމަލާތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ބެލްޖިއަމް، އިޓަލީ އަދި ޖަރުމަނު ފަދަ ޤައުމުތަކުގެ ފުލުހުންނާއި ސައިބަރ ސެކިއުރިޓީ އިދާރާތަކުން މި މައްސަލައިގެ ޖިނާއީ ތަޙުޤީޤުތައް ފަށާފައިވީ ނަމަވެސް، މި ހަމަލާތަކުގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ޖަމާޢަތަކުން ރަސްމީކޮށް އުފުލާފައެއް ނުވެއެވެ. މިއީ ޒަމާނީ އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ) ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން މުޅި ދުނިޔެއަށް ހަނދާންކޮށްދިން ނާޒުކު ހާދިސާއެކެވެ.

