ޔޫކޭގެ ގްރީން ޕާޓީން "އެންޓި-ޒަޔަނިސްޓް" ޤަރާރެއް ފާސްކޮށް، ތާރީޚީ ނިންމުމެއް ނިންމައިފި
ޔޫކޭގެ ސިޔާސީ މަޝްރަޙަށް ބޮޑު ސޮޮކެއް ގެނުވި ތާރީޚީ ނިންމުމެއްގައި، އެޤައުމުގެ ގްރީން ޕާޓީން އެއީ ރަސްމީކޮށް "އެންޓި-ޒަޔަނިސްޓް" (ޒަޔަނިޒަމާ ދެކޮޅު) ޕާޓީއެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. މި ޤަރާރު ފާސްވެގެންދިޔައީ ޕާޓީގެ އާންމު މަޖިލީހުގައި ނެގުނު ފޯރިގަދަ ވޯޓެއްގައެވެ. ޤަރާރަށް ތާޢީދުކޮށް 1,022 ވޯޓު ލިބުނުއިރު، ދެކޮޅަށް ލިބުނީ 813 ވޯޓެވެ. މި ނިންމުމާއެކު، ޒަޔަނިޒަމަކީ "ނަސްލީ-ޤައުމީ ސިޔާސީ މަޝްރޫޢެއް" ކަމަށް އެ ޕާޓީން ވަނީ ޞަރީޙަކޮށް މާނަކޮށްފައެވެ.
މި ނިންމުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި އިންސާނީ ޙައްޤުތަކާއި އިންޞާފަށްޓަކައި ގްރީން ޕާޓީން ކުރަމުންދާ ވަކާލާތު އާ އުސްމިންތަކަކަށް ގެންގޮސްދިން ނިންމުމެކެވެ. ޕާޓީގެ ތަރުޖަމާނަކު ވިދާޅުވީ، "ގްރީން ޕާޓީއަކީ ނަސްލީ ތަފާތުކުރުމާ ދެކޮޅު ޕާޓީއެއް ކަމަށާއި އަދި ފަލަސްޠީނާއި ސޫރިޔާގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅޭ އުޅުމާ އަބަދުވެސް ދެކޮޅުހަދައި، އިސްރާއީލުގެ ސަރުކާރަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލައި، ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިނގަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް ބިރުވެތިކަމެއް ނެތި ވަކާލާތުކުރަމުންދާ ބައެއް" ކަމަށެވެ.
މި ޤަރާރަށް ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ސާބިތުކަމާއެކު ތާޢީދުކުރިއިރު، ޕާޓީގެ ލީޑަރު ޒެކް ޕޮލަންސްކީ މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް، ޕާޓީގެ އާންމު މެންބަރުންގެ މެޖޯރިޓީން ނެރުނު މި ވަރުގަދަ ނިންމުމަކީ ޔޫކޭގެ ސިޔާސީ މަޝްރަޙުގައި އާންމުކޮށް ގެންގުޅޭ ސިޔާސަތުތަކަށް ގޮންޖަހައި، ސޫރީ ބަދަލުތަކަކަށް ގޮވާލި ވަރުގަދަ މެސެޖެކެވެ.
މި ނިންމުމާއެކު، ގްރީން ޕާޓީއަކީ ހަމައެކަނި ތިމާވެށީގެ މަސައްކަތްތަކަށް ހީވާގިވާ ޕާޓީއެއްގެ އިތުރުން، ބައިނަލްއަޤްވާމީ ނަސްލީ އިމްތިޔާޒާއި އަނިޔާވެރިކަމާ ދެކޮޅަށް ފަސްޖެހުމެއްނެތި ވަކާލާތުކުރާ ސިޔާސީ ބާރެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިގެން ގޮސްފައެވެ.
