Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
World Featured

މިއަހަރު ނިމުމުގެ ކުރިން ޗާގޯސް މޮރިސަސްއާ ހާވާލުނުކޮށްފިނަމަ އިނގެރޭސިވިލާތާ ދެކޮޅަށް ދައުވާކުރަނެކަމަށް ބުނެފި

މިއަހަރު ނިމުމުގެ ކުރިން ޗާގޯސް މޮރިސަސްއާ ހާވާލުނުކޮށްފިނަމަ އިނގެރޭސިވިލާތާ ދެކޮޅަށް ދައުވާކުރަނެކަމަށް ބުނެފި
ޗާގޯސްގައި ހިމެނޭ ގޫގުލް ޗާޓް
ތަފްޞީލް

މި އަހަރު ނިމުމުގެ ކުރިން ޗާގޯސް ޖަޒީރާގެ ކޮންޓްރޯލް އެ ގައުމާ ހަވާލުނުކޮށްފިނަމަ، އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ގޮތުން ދައުވާކުރަން ތައްޔާރަށް އޮތް ކަމަށް މޮރިޝަސް ސަރުކާރުން ހާމަކޮށްފިއެވެ.


ބައިނަލްއަގްވާމީ ނޫސްތަކުގައިވާ ގޮތުން، މިކަން ހާމަކުރެއްވީ މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމްއެވެ.


މޮރިޝަސްގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން މޮރިސަސްގެ ބޮޑުވަޒީރު ރާމްގޫލަމް ވިދާޅުވީ، އިނގިރޭސި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން ލަސްވަމުންދާތީ، އެ ގައުމާ ދެކޮޅަށް ދައުވާކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ. އަދި ލަންޑަނުގައި ތިއްބެވި ބައިނަލްއަގުވާމީ ވަކީލުންގެ ޓީމަކާ ބައްދަލުކުރައްވައި، މޮރިޝަސްއަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ލިބިދޭ ހުރިހާ ފުރުސަތުތަކެއް ދިރާސާކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ރާމްގޫލަމް އިތުރަށް ވިދާޅުވީ، މޮރިޝަސްއިން އަދިވެސް އިސްކަންދެނީ އެއްވެސް ކޯޓަކަށް ނުގޮސް، ސުލްހަވެރިކަމާއެކު ޑިސެމްބަރު 2026 ގެ ކުރިން މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ. ނަމަވެސް، މައްސަލަ ދިގުދެމިގެން ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، ބޭނުންޖެހިއްޖެ ހިނދެއްގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.


މިދިޔަ މަހު 'ދަ ޓެލެގްރާފް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ލޭބަރ ޕާޓީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން މަޑުޖެހިފައިވަނީ، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްރެޝަރާ ގުޅިގެންނެވެ. 


ޓްރަމްޕްގެ ސަރުކާރުން ވަނީ ޗާގޯސްގެ ޑިއެގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާ އަދި އިނގިރޭސި އަސްކަރީ މަރުކަޒަށް މި އެއްބަސްވުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.


އިނގިރޭސި ސަރުކާރުގެ އިސްވެރިންނާ އެންޓީގުއާގައި ބޭއްވުނު ކޮމަންވެލްތު ސަމިޓުގެ ހަވާސާގައި ބައްދަލުކުރެއްވުމަށްފަހު، މި އަހަރު ނިމުމުގެ ކުރިން މަޝްވަރާތައް ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވީ ނަމަވެސް، އިނގިރޭސި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެމެރިކާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެއްބަސްވުން އަލުން ބައްޓަންކުރުމަށެވެ.


މި މައްސަލައިގައި އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ޝެޑޯ ފޮރިން ސެކްރެޓަރީ ޓޮމް ޓުގެންދާތު ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އިންޒާރުތަކަށް އިނގިރޭސިވިލާތް ބޯލަނބައިގެން ނުވާނެ ކަމަށާއި، މި އެއްބަސްވުމުގައި ސަރުކާރުން އަމަލުކުރަމުންދަނީ ދެފުށް ދެގޮތް ސިޔާސަތެއް ކަމަށެވެ. 


އަދި ޗާގޯސް ރަށްތައް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބޭއްވުމަކީ އިނގިރޭސި އަދި އެމެރިކާގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.


މި މައްސަލައާހެދި މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުން ވެސް ވަނީ ކަނޑައިލައިފައެވެ. ޗާގޯސްގައި ހިމެނޭ ފޯޅަވަހިީގެ ސިޔާދަތީ ބާރު ހޯދުމާގުޅޭ ގޮތުން ސަރުކާރުތަކުން ދައްކާ ވާހަކައަކީ ދުނިޔެ އެއްވެސް ވަރަކަށް ބަލައިގަންނަ ވާހަކަތަކެއް ނޫނެވެ.


ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ފޯޅަވަހި ހިމެނޭ ސަރަހައްދަކީ ޒަމާނުއްސުރެ ދިވެހިން މަސްވެރިކަމަށް ގޮސް އުޅުނު، ދިވެހިރާއްޖެއާ ތާރީޚީ ގޮތުން ގުޅިފައިވާ ސަރަހައްދެކެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all